04 ނޮވެމްބަރ 2024
ޖައްވީ ނުރައްކާތަކުން ދުނިޔެ ރައްކާތެރިކޮށްދޭ އޯޒޯން ފަށަލާގައި ހެދިފައިވާ ބޮޑު ބާގަނޑު 2066 ވަނަ އަހަރު އެއްކޮށް ބެދޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކޮށްފި އެވެ.
ޖައްވީ ނުރައްކާތަކުން ދުނިޔެ ރައްކާތެރިކޮށްދޭ އޯޒޯން ފަށަލާގައި ހެދިފައިވާ ބޮޑު ބާގަނޑު 2066 ވަނަ އަހަރު އެއްކޮށް ބެދޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކޮށްފި އެވެ.
ދުނިޔޭގެ މޫސުމީ ދިރާސާތައް ކުރާ އެމެރިކާގެ އިދާރާ، ނޯއާ އިން އާންމުކުރާ އޯޒޯން ފަށަލައާ ގުޅޭ އަހަރީ ރިޕޯޓުގައި ބުނި ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަކުން ފެށިގެން މިދިޔަ މަހުގެ 13 އަށް އެ ބާގަނޑު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. އެއީ، އޯޒޯން ފަށަލައަށް ލިބޭ ގެއްލުން ކުޑަކުރުމަށް ގައުމުތައް ގުޅިގެން 1992 ވަނަ އަހަރު ފިޔަވަޅުތައް އަޅަން ފެށިފަހުން މިހާތަނަށް އެ ބާގަނޑު އެންމެ ކުޑަވި ހަތްވަނަ ފަހަރެވެ.
އޯޒޯންގެ ބާގަނޑު މި އަހަރު އެންމެ ބޮޑަށް ފުޅާވެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، 8.5 މިލިއަން އަކަ މޭލަށެވެ. އެއީ، ގާތްގަނޑަކަށް އެމެރިކާއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ.
"އެކަމަކު، މި އަހަރު މި ފެންނަ ބާގަނޑަކީ 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ފެނުނު ވަރަށް ވުރެ ކުޑަ ބާގަނޑެއް،" ދުނިޔޭގެ ޖައްވީ އިދާރާ ނާސާގެ ދިރާސާވެރިންގެ ޓީމުގައި ހިމެނޭ ޕޯލް ނިއުމަން ވިދާޅުވި އެވެ.
"ފާއިތުވި ދެ ދަހަރުގައި ފެންނަމުން މި އަންނަ ކުރިއެރުންތަކުން ދައްކައިދެނީ އޯޒޯން ފަށަލަ ނައްތާލާ ކެމިކަލްތައް ޖައްވަށް ބޭރުވުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބުވާކަން."
ސައިންސްވެރިން ބުނި ގޮތުގައި، އޯޒޯންގެ ބާގަނޑު ކުޑަވީ ސްޓްރެޓޮސްފިއާގެ މޫސުން އާއްމުކޮށް ހުންނަ ވަރަށް ވުރެ ހޫނުވުމާއި އޯޒޯން ފަށަލައަށް ގެއްލުން ދޭ ކްލޮރިން އާއި ބްރޮމިން ކަހަލަ ކެމިކަލްތައް ހޫނު ވަޔާ އެކު، އެ ފަށަލައާ ދުރަށް ގެންދިޔުމުގެ ސަބަބުންނެވެ. މީގެ މާނައަކީ މި ބަދަލު އައީ ގުދުރަތީ ގޮތުން ކަމެވެ. އެކަމަކު، މި ބާގަނޑު ކުޑަވުމުގައި، އޯޒޯނަށް ގެއްލުންދޭ ކެމިކަލްތައް ބޭނުންކުރުން މަނާކުރުމަށް 1980ގެ އަހަރުތަކުން ފެށިގެން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތުގެ ދައުރު ވެސް ވަރަށް ބޮޑެވެ.
"މި އަހަރަށް ބަލާއިރު، އޯޒޯންގެ ބާގަނޑުގެ ގެއްލުން ފާއިތުވި ތިރީސް އަހަރުގެ އެވްރެޖަށް ވުރެ ދަށްކަން ފާހަގަވޭ. ނަމަވެސް، އޯޒޯން ފަށަލަ އަދިވެސް ވަނީ ފުރިހަމައަށް ރަނގަޅުވުމާ ވަރަށް ދުރުގައި،" ނޯއާގެ ގްލޯބަލް މޮނިޓަރިން ލެބޯޓަރީގެ ސައިންޓިސްޓެއް ކަމަށްވާ ސްޓީފަން މޮންޓްޒްކާ ވިދާޅުވި އެވެ.
ނޯއާ އާއި ނާސާގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، އެމެރިކާގެ އިދާރާތަކުން ލަފާކުރަނީ މިހާރު ހުރި ސްޕީޑުގައި ނަތީޖާ ފެންނަމުން އަންނަ ނަމަ، އެންޓާޓިކާގެ މަތީގައިވާ އޯޒޯންގެ ބާގަނޑު 2066 ވަނަ އަހަރާ ހަމައަށް އެއްކޮށް ބެދޭނެ ކަމަށެވެ. މީގެ ހަތް ވަރަކަށް އަހަރު ކުރިން ސައިންސްވެރިން ލަފާކުރި ގޮތުގައި، އެ ބާގަނޑު އެއްކޮށް ބެދޭނީ 2070 ގަ އެވެ. އެހެންވެ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިދާރާތަކުން ފާހަގަކުރި އެވެ.
އޯޒޯން ފަށަލައަކީ އިންސާނުންނާއި ގަސްގަހާގެއްސަށް ވެސް ގެއްލުންހުރި އަލްޓްރާ ވައިލެޓް (ޔޫވީ) ރޭޑިއޭޝަނުން ދުނިޔެ ރައްކާތެރިކޮށްދޭ ދިފާއީ ނިޒާމެކެވެ. ޔޫވީ ރޭޑިއޭޝަންގެ ސަބަބުން، ހަމުގެ ކެންސަރާއި ލޯ އަނދިރިވުން ކަހަލަ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.
އޯޒޯންގެ ބާގަނޑު ފެނުމާ ގުޅިގެން 1987ގައި ވުޖޫދަށް ގެނައި ބައިނަލްއަގުވާމީ ވަރުގަދަ މުއާހަދާ މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ދަށުން، ގައުމުތަކުން ވަނީ އޯޒޯނަށް ގެއްލުން ދޭ ކެމިކަލްތައް ބޭނުންކުރުން ހުއްޓާލުމުގެ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ.
އޯޒޯން ފަށަލަ ހަލާކުވަމުން ދަނީ އެންޓާޓިކާގެ މަތިންނެވެ. އެހެންވެ، ދުނިޔޭގެ ދެކުނު ބިތުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ނުރައްކާ ވަރަށް ބޮޑެވެ.
ކްލޮރޯފްލޮރޯކާބަންސް (ސީއެފްސީ)ގެ ސަބަބުން އެންޓާޓިކާގެ މަތިން އޯޒޯން ފަށަލަ ތުނިވަމުންދާކަން ސައިންސްވެރިންނަށް ފުރަތަމަ އެނގުނީ 1970ގެ އަހަރުތަކުގަ އެވެ. އަދި 1980ގެ މެދުތެރެއިން ފެށިގެން 1990ގެ އަހަރުތަކުގެ ތެރޭގައި އޯޒޯންގެ ބާގަނޑަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އުފެދުނު ބިރުވެރިކަމުގައި، ސައިންސްވެރިންގެ މަސައްކަތަށް އާންމުންގެ އެއްބާރުލުން ލިބުނެވެ. އަދި ދާއިމީ ހައްލެއް ހޯދުމަށް މުޅި ދުނިޔެ އަތުގުޅައިލި އެވެ.
ނާސާ އިން ކުރިން ބުނެފައިވާ ގޮތުގައި، އޯޒޯންގެ ބާގަނޑު އެންމެ ބޮޑުވެފައި ވަނީ 2000 ވަނަ އަހަރު އެވެ. އޭރު އެ ބާގަނޑުގެ ފުޅާމިނުގައި 11.5 މިލިއަން އަކަ މޭލު ހުއްޓެވެ.
ރާއްޖެއިން ވަނީ 2015 ވަނަ އަހަރު ސީއެފްސީ މަނާކޮށް، މި ލަނޑުދަނޑި އެންމެ އަވަހަށް ހާސިލްކުރި ގައުމުތަކުގެ ތެރޭގައި ހިމެނިފަ އެވެ. އަދި އޯޒޯން ފަށަލައަށް ގެއްލުންދޭ އެހެން ގޭހެއް ކަމަށްވާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) ބޭނުންކުރުން ވެސް 2021 ވަނަ ވަނަ އަހަރު ވަނީ ހުއްޓާލައިފަ އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓް ޒީރޯ ނުވަތަ ވިހަ ގޭސްތައް ޖައްވަށް ބޭރުކުރާ ވަރު މަދު ގައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ދުނިޔެ ސަލާމަތް ކުރަން އޮތީ މަދު އަހަރުތަކެއް
88ގެ ފަހުން އޯޒޯން ބާގަނޑު އެންމެ ކުޑަވީ މި އަހަރު
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
މޫސުމީ ގެއްލުންތަކާ ބައްދަލު އެހީ ކަނޑައަޅަންޖެހޭ
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ