Roadha Mihaaru

ޓުވަލޫގެ 80 ޕަސެންޓް މީހުން އޮސްޓްރޭލިއާއިން ކްލައިމެޓް ވިސާ ހޯދަނީ

ކަނޑުގެ ލޮނުގަނޑު އުފުލި، ޓުވަލޫ ގެނބެމުން ދާއިރު އެ ގައުމުގެ 80 ޕަސެންޓަށްވުރެ ގިނަ މީހުން އޮސްޓްރޭލިއާގެ ކްލައިމެޓް ވިސާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.

ޓުވަލޫގެ 80 ޕަސެންޓް މީހުން އޮސްޓްރޭލިއާ ވިސާ ހޯދަނީ

ކަނޑުގެ ލޮނުގަނޑު އުފުލި، ޓުވަލޫ ގެނބެމުން ދާއިރު އެ ގައުމުގެ 80 ޕަސެންޓަށްވުރެ ގިނަ މީހުން އޮސްޓްރޭލިއާގެ ކްލައިމެޓް ވިސާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.

މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ހޯދައިިދިނުމުގެ ގޮތުން ގައުމަކުން މިހާތަނަށް ދޭ ފުރަތަމަ ވިސާގެ ގޮތުގައި އޮސްޓްރޭލިއާ އިން ސިފަކޮށްފައިވާ ކްލައިމެޓް ވިސާ އެ ގައުމުން ކޮންމެ އަހަރަކު ވެސް ޓުވަލޫގެ ވަކި އަދަދެއްގެ މީހުންނަށް އަންނަނީ ދެމުންނެވެ.

"ވަރަށް ބޮޑު ޝައުގުވެރިކަމެއް މިކަމަށް އަންނަނީ ލިބެމުން. ވިސާއަށް އެދި ހުށަހެޅި މީހުންގެ އާއިލާގެ މީހުންނާ އެކު 8،750 މީހަކު ވިސާއަށް ރަޖިސްޓްރީކޮށްފައިވޭ،" ޓުވަލޫގައި ހުންނަ އޮސްޓްރޭލިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

މިއީ ޓުވަލޫގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު ޖުމްލަ އާބާދީ ކަމަށްވާ 10،643 ގެ 82 ޕަސެންޓެވެ.

"މި އަހަރު މި ޕްރޮގްރާމްގައި ދޫކުރަން ހަމަޖެހިފައިވަނީ 280 ވިސާ ކަމަށް ވާތީ ގިނަ ބަޔަކަށް ފުރުސަތު ގެއްލޭނެ،" ހައި ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

މޫސުމީ ނުރައްކާތައް އެންމެ ބޮޑު އެއް ތަނުގެ ގޮތުގައި ބެލެވިފައިވާ ޓުވާލޫގައި މީހުންނަށް ނޫޅެވޭ ވަރު، ކުރިއަށް އޮތް 80 އަހަރުތެރޭ ވާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

ޓުވަލޫގެ ނުވަ އަތޮޅުގެ ތެރެއިން މިހާރުވެސް ދެ އަތޮޅެއްގެ ބޮޑު ބައި ވަނީ އަޑީގަ އެވެ.

މި ތަފާސް ހިސާބުތައް އާންމުކޮށްފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކާއި، ތިމާވެށި ތަޣައްޔަރުކުރާ ގައުމުތަކުން އެކަމުގެ ބަދަލު ދޭންޖެހޭނެތޯ ކަނޑައެޅުމުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. -- އޭއެފްޕީ