Roadha Mihaaru
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް

ކާބަން ޑައިއޮކްސައިޑްގެ މިންވަރު އާދަޔާ ޚިލާފަށް މައްޗަށް

05 ޖޫން 2022

މި ބިމުގެ ވައިގެ ފަށަލައިގެ ތެރޭގައި ކާބަން ޑައިއޮކްސައިޑް އެކުލެވޭ މިންވަރު، މިދިޔަ ހަތަރު މިލިއަން އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް މިހާރު ގޮސްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ބިމުގެ ވައިގެ ފަށަލައިގެ ތެރޭގައި ކާބަން ޑައިއޮކްސައިޑް އެކުލެވޭ މިންވަރު، މިދިޔަ ހަތަރު މިލިއަން އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް މިހާރު ގޮސްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޭއޯއޯ)ގެ ސައެންސްވެރިން ކުރި ދިރާސާއެއްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ސިނާއީ އިންގިލާބު ފެށުނު އިރު، މި ބިމުގެ ވައިގެ ފަށަލައިގެ ތެރޭގައި ކާބަން ކާބަން ޑައިއޮކްސައިޑް ހުރި ނިސްބަތުން ބަލާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި އެ މިންވަރު ވަނީ 50 ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ ހުކުރު ދުވަހު އާންމުކުރި އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މިދިޔަ މެއި މަހުގެ ތެރޭގައި ކާބަން ޑައިއޮކްސައިޑްގެ މިންވަރު ހުރީ 421 ޕީޕީއެމް (ޕާޓްސް ޕާ މިލިއަން)ގަ އެވެ. މިއީ 2021 ވަނަ އަހަރުގެ ތެރޭގައި، ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި ކާބަން ޑައިއޮކްސައިޑް ހުރި މިންވަރާ އަޅައި ބަލާއިރު، 1.9 ޕީޕީއެމް އިތުރު މިންވަރެކެވެ.

މި ދިރާސާގައި އެންއޭއޯއޯއާ އެކު ބައިވެރިވި ސްކްރިޕްސްގެ އިންސްޓިޓިއުޝަން އޮފް އޯޝަނޮގްރަފީ އިން ބުނި ގޮތުގައި އެވްރެޖްކޮށް މަސްދުވަހުގެ ތެރޭގައި ކާބަން ޑައިއޮކްސައިޑް ހުންނަ މިންވަރަކީ، 420.78 ޕީޕީއެމް އެވެ.

އެންއޭއޯއޯ އިން ބުނި ގޮތުގައި އިންސާނީ ހަޟާރަތުގެ މިދިޔަ 6،000 އަހަރުގެ ތެރޭގައި، ސިނާއީ އިންގިލާބުގެ ފެށުމާ ހަމައަށް، އެވްރެޖް ގޮތެއްގައި ކާބަން ޑައިއޮކްސައިޑް އެކުލެވޭ މިންވަރަކީ ގާތްގަނޑަކަށް 280 ޕީޕީއެމް އެވެ.

މީލާދީން 1750 ވަނަ އަހަރާއި 1850 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރު ސިނާއީ ބޮޑު އިންގިލާބެއް ދުނިޔެއަށް އަންނަން ފެށުމާ އެކު، ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ދޫކުރާ ވިހަ މާއްދާތަކުގެ ނިސްބަތް އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ. އޭގެ ސަބަބުން މި ބިމުގެ ވަށައިގެން އޮންނަ އޯޒޯން ފަށަލަ ތުނިވެ، ދުނިޔޭގެ ހޫނުމިން މައްޗަށް ދާން ފެށި އެވެ.