14 ނޮވެމްބަރ 2021
މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ހުއްޓުވުމަށް އެކުލަވައިލި ތިމާވެށީގެ މުޅިން އާ މުއާހަދާއަކަށް ދުނިޔޭގެ ގައުމުތަކުން އެއްބަސްވެއްޖެ އެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ހުއްޓުވުމަށް އެކުލަވައިލި ތިމާވެށީގެ މުޅިން އާ މުއާހަދާއަކަށް ދުނިޔޭގެ ގައުމުތަކުން އެއްބަސްވެއްޖެ އެވެ.
"ގްލެސްގޯ ކްލައިމެޓް ޕެކްޓް"ގެ ނަން ދީފައިވާ މި މުއާހަދާއަކީ، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް އެންމެ ގިނައިން، ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ބޭރުކުރާ ހަކަތައިގެ ބާވަތް ކަމަށްވާ، ބޯޓުދެލި އެންދުން ހުއްޓުވުމަށް އަމާޒު ހިފައިގެން އެކުލަވައިލި ފުރަތަމަ މުއާހަދާ އެވެ. އޭގެ އިތުރުން، ހަކަތަ އުފައްދަން ބޭނުންކުރާ އެހެން ވަސީލަތްތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ވެސް، މި މުއާހަދާގައި ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމުގެ ގޮތުންނާއި، ތިމާވެށި ހިމާޔަތްކުރުމަށް، ތަރައްގީވަމުން އަންނަ ގައުމުތަކުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ފައިސާގެ އިތުރު އެހީ ދިނުމަށް ވެސް މި މުއާހަދާގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް، ދުނިޔޭގެ ހޫނުމިން، އިތުރު 1.5 ޑިގްރީ ސެލްސިއަސްއަށް އިތުރުވިޔަ ނުދިނުމަށް މާބޮޑު ކަމެއް ހިމެނިފައި ނުވާ ކަމަށް، ތިމާވެށީގެ ހިމާޔަތަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތްތަކުން ބުނެ އެވެ.
ގެލެސްގޯ މުއާހަދާގެ ފުރަތަމަ ދެލިކޮޕީގައި، ބޯޓުދެލި އެންދުން ހުއްޓައިލުމަށް ހުށަހަޅާފައި އޮތް ނަމަވެސް، އިންޑިއާ އިން އެންމެ ފަހު ވަގުތު އެކަމަށް ދެކޮޅު ހެދުމުން، އެ އިބާރާތް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ބަދަލުގައި މިހާރު ފާސްކުރި މުއާހަދާގައި އޮތީ، ހަކަތަ އުފެއްދުމަށްޓަކައި ބޯޓު ދެލި އަންދާ މިންވަރު މަދުކުރުމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ބުޕެންދްރަ ޔަދާވް ވިދާޅުވީ ތަރައްގީ ވަމުން އަންނަ ގައުމުތަކުން ފަގީރުކަން ނައްތައިލުމަށާއި ތަރައްގީވުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި، ބޯޓު ދެލި އެންދުމާއި، ބިމު އަޑިން ނަގާ ތެޔޮ އެންދުން ހުއްޓާލާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި އެކަން ކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ބޯޓު ދެލީގެ މައްސަލައިގައި، ގްލެސްގޯ މުއާހަދާ އަށް ގެންނަން ޖެހުނު ބަދަލާ ގުޅިގެން، ކޮޕް26ގެ ރައީސް އަލޮކް ޝަރުމާ ވިދާޅުވީ، އެ ކަމާ ވަރަށް ދެރަވެ ހިތާމަ ކުރައްވާ ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ގްލެސްގޯގައި ބޭއްވި ކޮޕް26 މަހާސިންތާއަކީ، މޫސުމީ ބަދަލުތައް ހުއްޓުވުމުގެ ފެށުމެއް ކަމުގައި ދުނިޔެ ގަބޫލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި މަހާސިންތާގައި ކަނޑައެޅި އަމާޒަށް ވާސިލުވުމަށް، ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް އަހަރުތަކުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އަދިވެސް އެބަހުރި. އެކަމަކު މިއަދު މި ފާސްކުރި އެއްބަސްވުމަކީ ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. އަދި މި އެއްބަސްވުމަކީ، ބޯޓުދެލި ބޭނުންކުރުން މަދުކުރުމަށް ވެވުނު ބައިނަލްއަގުވާމީ ފުރަތަމަ އެއްބަސްވުން، އަދި ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު 1.5 ޑިގްރީ ސެލްސިއެސްގައި ހިފެހެއްޓުމަށް ކަނޑައެޅުނު މުހިންމު މަގުޗާޓެއް،" ބޮރިސް ޖޯންސަން ވިދާޅުވި އެވެ.
ކޮޕް26 ނިންމުމުގެ ޖަލްސާގައި އެމެރިކާގެ ތިމާވެއްޓާ ބެހޭ މަންދޫބު ޖީން ކެރީ ވާހަކަ ދައްކަވަނީ
ނަމަވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ ވާހަކަފުޅުގައި މާ ބޮޑު އުންމީދެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި، އަހަރެމެންގެ ނާޒުކު ބިން މިހާރު ވެސް އޮތީ ހިމަ ރޮދިފަށެއްގައި އެލިފަ އެވެ. އަދި މިހާރު ވެސް އަހަރެމެން މިދަނީ މޫސުމީ މުސީބާތެއްގެ ދޮރުގައި ޓަކި ޖަހަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާ ފަދައިން އަމަލުކުރަންވީ ވަގުތު. އެހެން ނޫން ނަމަ، ނެޓް ޒީރޯ ކުރުމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ވެސް އޭގެ ޒާތުގައި ޒީރޯވެގެން ހިނގައިދާނެ،" ގުޓަރެސް ވިދާޅުވި އެވެ.
ގްލެސްގޯ މުއާހަދާގައި ގައުމުތަކުން މިހާރު އެއްބަސްވެފައިވަނީ، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި، މިއަންނަ އަހަރު އަލުން ބައްދަލުކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރާނެ އާ މިންގަނޑަކާ މެދު އެއްބަސްވުމަށެވެ.
މިހާރު ގައުމުތަކުން އެއްބަސްވެފައިވާ މިންވަރަށް، ވިހަ ގޭސްތައް މަދުކުރެވުނަސް، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ މިންވަރު ހިފެހެއްޓޭނީ 2.4 ޑިގްރީ ސެލްސިއެސްގަ އެވެ.
ނަމަވެސް ސައެންސްވެރިން ލަފާކުރާ ގޮތުގައި 1750 ވަނަ އަހަރު ސިނާއީ އިންގިލާބު ފެށުނު އިރު، ދުނިޔޭގެ ހޫނުމިން ހުރި ވަރަށް ވުރެ، 1.5 ޑިގްރީ ސެލްސިއަސް އިތުރަށް ދުނިޔެ ހޫނުވިޔަސް، ގުދުރަތީ ބޮޑެތި ކާރިސާތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން، ފަރަންސޭސި ވިލާތުގެ ޕެރިހުގައި 2015 ވަނަ އަހަރު ބޭއްވި، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާގައި ފާސްކުރި، ޕެރިސް މުއާހަދާގައި ކަނޑައަޅާފައިވަނީ، ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ހުރިހާ ގައުމުތަކުން މަސައްކަތް ކުރުމަށެވެ.
ވައުދުތައް ވިޔަސް އަމާޒަށް ވާސިލުވާން ގާތް ވެސް ނުވޭ
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ
ބޯޓުދެލި ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ
ޖަންގަލިން ގަސް ކެނޑުން ހުއްޓައިލުމަށް ވައުދުވެއްޖެ
މިކުރެވޭ ކަމަކީ އަމިއްލަ ކަށްވަޅު އަމިއްލައަށް ކޮނުން
މިއީ ތިމާވެށީގެ ވަރަށް ނާޒުކު ހިނދުކޮޅެއް: ބޮރިސް
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން