02 ނޮވެމްބަރ 2021
ދުނިޔޭގެ އެކި ގައުމުތަކުގައި ޖަންގަލިތަކުން ގަސް ކެނޑުން، 2030 ވަނަ އަހަރުގެ ނިޔަލަށް ހުއްޓައިލުމަށް، ދުނިޔޭގެ ގައުމުތަކުގެ ވެރިން ވައުދުވެވަޑައިގެންފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ޖަންގަލިތަކުން ގަސް ކެނޑުން، 2030 ވަނަ އަހަރުގެ ނިޔަލަށް ހުއްޓައިލުމަށް، ދުނިޔޭގެ ގައުމުތަކުގެ ވެރިން ވައުދުވެވަޑައިގެންފި އެވެ.
އިއްޔެ އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް، އިނގިރޭސި ވިލާތުގެ ސްކޮޓްލޭންޑްގެ ގްލަސްގޯގައި ކުރިއަށްދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26، ގައި، އިއްޔެ ބޭއްވި ބައްދަލުވުންތަކުގައި، ދުނިޔޭގެ ގައުމުތަކުގެ ވެރިން ވަނީ، ޖަންގަލިތައް ކޮށުން ހުއްޓައިލުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އެކަމާ ބެހޭ ރަސްމީ އެއްބަސްވުމުގައި ސޮއިކުރެއްވުން މިއަދު އޮންނާނެ އެވެ.
ދުނިޔޭގެ އެންމެ ބިޔަ ޖަންގަލި ކަމަށްވާ އެމެޒަން ޖަންގަލިން، ވަރަށް ގިނަ އަދަދެއްގެ ގަސްތައް ކަނޑައި ބޮޑު ސަރަހައްދެއް ހަނަފަސްކޮށްފައިވާ ބްރެޒިލް ވެސް، މި އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.
ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ މި ނިންމުމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާތަކާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ތަޖުރިބާކާރުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް، ޖަންގަލިތަކުން ގަސް ކެނޑުން މަދުކުރުމަށް، 2014 ވަނަ އަހަރު ގައުމުތަކުން ވެފައިވާ އެއްބަސްވުން ވެސް، ގައުމުތަކުން ތަންފީޒު ނުކުރާކަން އެ ފަރާތްތަކުން ފާހަގަކުރި އެވެ.
ޖަންގަލިތަކުން ގަސް ކެނޑުމަކީ، ދުނިޔެ ހޫނުވުމަށް ވަރަށް ބޮޑަށް މަގު ފަހިކުރާ ކަމެކެވެ. ގަސްތަކުގެ އެއް މަސައްކަތަކީ، ދުނިޔެ ހޫނުވުމަށް އެންމެ ބޮޑަށް މެދުވެރިވާ ވިހަ ގޭސް، ކާބަން ޑައިއޮކްސައިޑް ޖައްވުގެ ތެރެއިން ދަމައިގަތުން ކަމަށްވާ އިރު، ގަސްތައް މަދުވާ ވަރަކަށް، ޖައްވުގެ ތެރެއަށް އަރައިގެންދާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު އިތުރުވެ އެވެ.
ގަސް ކެނޑުން ހުއްޓައިލުމާ ބެހޭ އެއްބަސްވުމުގައި 100 އަށް ވުރެ ގިނަ ގައުމު ސޮއިކުރަން އެއްބަސްވެފައިވާ އިރު، އޭގެ ތެރޭގައި ކެނެޑާ، ބްރެޒީލް، ރަޝިޔާ އަދި އިންޑޮނީޝިޔާ ހިމެނެ އެވެ. މިއީ ދުނިޔޭގެ ޖަންގަލިތަކުގެ 85 ޕަސެންޓް ހިއްސާކުރާ ގައުމުތަކެވެ.
ގަސް ކެނޑުން ހުއްޓުވުމަށާއި، ޖަންގަލިތަކުގެ ދިރުން އާލާކުރުމުގެ މަސައްކަތަށް، 19.2 ބިލިއަން ޑޮލަރު ދިނުމަށް އެކި ފަރާތްތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ. މިފައިސާ އިން ބައެއް ހަރަދުކުރާނީ، ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިހާރު ހަނަފަސްވެފައިވާ ބައެއް ސަރަހައްދުތަކަށް އަލުން އާރޯކަން ގެނައުމަށެވެ. އޭގެ އިތުރުން، ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ހައްލު ކުރުމަށް ވެސް މިފައިސާ އިން ބައެއް ހޭދަކުރެވޭނެ އެވެ.
ވިޔަފާރީގެ އުސޫލުން ކުރާ ދަނޑުވެރިކަމުގެ ބާވަތްތައް ކަމަށްވާ ޕާމް އޮއިލް އާއި، ސޯޔާ އަދި ކޮކޯގެ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިން ހޯދުމަށްޓަކައި، ޖަންގަލިތައް ކޮށުން ހުއްޓައިލުމަށް ވެސް، 28 ގައުމަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އަދި ޖަންގަލިތަކުން ގަސް ކެނޑުމާ ގުޅިފައިވާ ސިނާއީ މަސައްކަތްތަކަށް އިންވެސްޓުކުރުން ހުއްޓައިލުމަށް ވެސް، ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 30 ކުންފުންޏަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.
ކޮންގޯގައި އޮންނަ ގަސް ބޯ ޖަންގަލި ހިމާޔަތްކުރުމަށް، 1.1 ބިލިއަން ޕައުންޑްގެ ފަންޑެއް ގާއިމުކުރުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ބައިވެރިން އެއްބަސްވި އެވެ. ކޮންގޯގެ ޖަންގައްޔަކީ ދުނިޔޭގައިވާ ދެ ވަނަ އަށް އެންމެ ބޮޑު ޖަންގައްޔެވެ.
"ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓައިލުމަށް، ގިނަ ގައުމުތަކަކުން ސިޔާސީ ފެންވަރުގައި ވައުދުތަކެއް ވުމަކީ، އަދި އެ އަމާޒަށް ވާސިލުވުމަށް މިކުރާ ދަތުރަށް ހަރަދުކުރާނެ އެކަށީގެންވާ ވަރަކަށް ފައިސާ ޖަމާކުރެވުމަކީ ރަނގަޅު ހަބަރެއް،" ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ މޫސުމާއި ޖަންގަލިތަކާ ބެހޭ ތަޖުރިބާކާރު، ޕްރޮފެސަރު ސިމޯން ލުވިސް، ބީބީސީ އަށް ވިދާޅުވި އެވެ.
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
ދުނިޔެ ސަލާމަތް ކުރަން އޮތީ މަދު އަހަރުތަކެއް
ތިމާވެށީގެ އާ މުއާހަދާއަކަށް ދުނިޔެ އެއްބަސްވެއްޖެ
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް
ވައުދުތައް ވިޔަސް އަމާޒަށް ވާސިލުވާން ގާތް ވެސް ނުވޭ
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ
މިކުރެވޭ ކަމަކީ އަމިއްލަ ކަށްވަޅު އަމިއްލައަށް ކޮނުން
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް