Roadha Mihaaru

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްނުކުރާ ނަމަ ބަދަލު ހޯދަން އެދެވޭނެ: އައިސީޖޭ

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ގައުމުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށާއި އެކަން އެގޮތަށް ނުކުރާ ގައުމުތަކުގެ ކިބައިން ބަދަލު ހޯދަން ދައުވާކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ބަޔާންކޮށް، ދުނިޔޭގެ އިސް ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިސްތިޝާރީ ލަފައެއް ނެރެފި އެވެ.

މޫސުމީބަދަލާ ދެކޮޅަށް މަސައްކަތްކުރުން ލާޒިމް: އައިސީޖޭ

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ގައުމުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށާއި އެކަން އެގޮތަށް ނުކުރާ ގައުމުތަކުގެ ކިބައިން ބަދަލު ހޯދަން ދައުވާކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ބަޔާންކޮށް، ދުނިޔޭގެ އިސް ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިސްތިޝާރީ ލަފައެއް ނެރެފި އެވެ.

ބައިނަލްއަގްވާމީ ކޯޓުން މިއަދު ނެރުނު ތާރީހީ ނިންމުމުގައި ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ "ދިރިއުޅުމަށް ނުރައްކަލަކަށް ވެފައިވާ، އިސްކަންދޭންޖެހޭ މައްސަލައެއް" ކަމަށެވެ. އަދި ޖައްވު ތަޣައްޔަރުވާ ގޭސް ބޭރުމުން މަދުކުރުމަކީ ދުނިޔެ ހޫނުވުން ކުޑަކުރުމަށް ގައުމުތަކުން އަދާކުރަންޖެހޭ ވާޖިބެއް ކަމަށް ބުނެފައިވެ އެވެ.

ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް، ކުދި ގައުމުތަކުގެ އިސް ދައުރަކާ އެކު އައިސީޖޭއަށް ހުށަހަޅައި ކުރިއަށް ގެންދިޔަ މައްސަލައަށް ފަހު ނެރުނު ލަފާގައި ބުނެފައިވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގައުމުތަށް އޮތް ޒިންމާ އަދާނުކުރާ ނަމަ އެކަން ބެލޭނީ ނުރަނގަޅު އަމަލެއްގެ ގޮތުގައި ކަމަށެވެ. މިއީ ގައުމުތަކުން އަމަލުކުރުން ލާޒިމު ލަފައެއް ނޫން ނަމަވެސް މިއީ އަހްލާގީ، ސިޔާސީ އަދި ގާނޫނީ ގޮތުން ބުރަދަން ހުރި މުހިންމު ލަފައެކެވެ.

"ނުރަނގަޅު ކަމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބެލެވޭ ކަމެއް ކުރުމުގެ ނަތީޖާއަކަށް ވާނީ އެކަމުގެ ސަބަބުން ގެއްލުންވި ގައުމަށް އެ ގެއްލުން ފޫބައްދައިދިނުމަށް ފުރިހަމަ ނުވަތަ އެކަށީގެންވާ ބަދަލެއް ދިނުން،" 15 ފަނޑިޔާރުންގެ ޕެނަލްގެ ފަރާތުން އައިސީޖޭގެ ރައީސް ޔޫޖީ އިވާސާވާ ވިދާޅުވި އެވެ.

މޫސުމީ ބަދަލުގެ ގެއްލުމާއި ނުރަނގަޅު އަމަލާ ސީދާ ގުޅުވާލެވޭނެ ސަބަބުތައް ދެއްކެން ޖެހޭނެ ކަމަށާއި އެހެންވެ މިގޮތަށް ކުރިއަށް ގެންދެވޭނީ ކޮންމެ މައްސަލައެއް ވަކިން ބަލައި އެ މައްސަލައަކާ ގުޅޭ ކަންކަމުގެ މައްޗަށް ކަމަށް ނިންމުމުގައިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އެންމެ ކުރީ ސަފުގައި ވަކާލާތުކުރާ މީހުންނާއި ގައުމުތަކުން ވަނީ ދުނިޔެ ހޫނުވުމުގެ ޒިންމާ މައިގަނޑު ގޮތެއްގައި އުފުލަންޖެހޭ، ވިހަ ގޭސް އެންމެ ގިނައިން ބޭރުކުރާ ގައުމުތައް ޖަވާބުދާރީކުރުވުމުގައި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ.

ހޭގްގައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު، ޕެސިފިކްގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ވާނުއާޓޫގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު ރަލްފް ރެގެންވާނޫ ވަނީ މި ނިންމުމާ އެކު އުފަލުން އެކަން ފާހަގަކޮށްފަ އެވެ.

އޭނާ ވިދާޅުވީ މިއީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ބޮޑެތި ގައުމުތައް ޒިންމާދާރުކުރުވުމަށް މިހާތަނަށް ކުރަމުން އައި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިއީ އައިސީޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު މައްސަލަ އެވެ. އަދި މިއީ މޫސުމީ މައްސަލަތަކާ ގުޅޭ ގޮތުން ދާދި ފަހުން ނެރުނު ނިންމުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މައްސަލަ ކަމަށް ބެލެވެ އެވެ.

މި ނިންމުމުގައި، ބަދަލު ހޯދުމުގެ ވާހަކައިގެ އިތުރުން ވެސް މުހިންމު އެތައް ކަމެއްގައި ލަފާ ދީފައިވެ އެވެ. ދުނިޔޭގެ ތިމާވެށި މިހާރު އޮތް ހާލަތުގައި ހިމާޔަތްކުރުމާއި އަންނަން އޮތް ޖީލުތަކަށް މި ތިމާވެށި ރައްދުކޮށްދިނުމަކީ ވެސް ލަފާގައި ހިމެނޭ ކަންކަމެވެ.