Roadha Mihaaru
ކާރިސާތަކުގެ ގެއްލުމުން ރައްކާތެރިވުމަށް ސްޓްރެޓަޖީއެއް

ކާރިސާތަކުން ލިބޭ ގެއްލުމުން ރައްކާތެރިވާން ހަ އަހަރުގެ ސްޓްރެޓަޖީއެއް ފާސްކޮށްފި

25 ޑިސެމްބަރ 2024

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން ކަނޑައެޅި ހަ އަހަރުގެ ސްޓްރެޓަޖީ، ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން އިއްޔެ ފާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން ކަނޑައެޅި ހަ އަހަރުގެ ސްޓްރެޓަޖީ، ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން އިއްޔެ ފާސްކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން އިއްޔެ އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި "މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ފާސްކޮށްފައިވާ ކަމަށެވެ.

ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ މޫސުމީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި ކާރިސާތަކަށް ދުރާލައި ތައްޔާރުވުމާއި ކާރިސާތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމާއި އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި، އެ ކައުންސިލްގައި ތިއްބަވާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އެންޑީއެމްއޭގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި، މި ސްޓްރެޓަޖީއަށް އަމަލުކުރަން ފެށުމުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި އެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިވާނެ އެވެ.

ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން މި ކަހަލަ ސްޓްރެޓަޖީއެއް އެކުލަވާލައި ފާސްކުރަން ނިންމީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މި ކަހަލަ ސްޓްރެޓަޖީއެއް އޮތުމުން މި ކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވޭނެތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ސްޓްރެޓަކީ އެކުލަވާލުމަކީ، 2030 ވަނަ އަހަރު އައުމުގެ ކުރިން ގައުމުތަކުގައި ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެ ކަމަށް، އދ. އިން ފާސްކޮށްފައިވާ ސެންޑައި ފްރޭމްވޯކް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ ހަތް ލަނޑުދަނޑީގެ ތެރެއިން ލަނޑުދަނޑި ފަހެއްގައި ހިމަނާފައިވާ ކަމެކެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެންޑީއެމްއޭގެ އިސްވެރިން.-- ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެންޑީއެމްއޭގެ އިސްވެރިން.-- ފޮޓޯ: ރައީސް އޮފީސް

ޑިޒާސްޓާ ރިސްކް ރިޑަކްޝަން (2015-2030)ގެ ސެންޑައި ފްރޭމްވޯކް ފާސްކޮށްފައި ވަނީ މާޗު 18، 2015 ގައި، ޖަޕާނުގެ ސެންޑައިގައި ބޭއްވި އދ. ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގަ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެއަކީ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެން ހުރި މަސައްކަތްތައް ގުޅުވާލައިގެން މި ކަހަލަ ސްޓްރެޓަޖީއެއް ނެރެފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ.

މި ސްޓްރެޓެޖީގެ އެއް އެނެކްސް އެކުލަވާލާފައި ވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައަޅާފައިވާ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އާއި ސެންޑައި ފްރޭމްވޯކްގެ ދަށުން ހެދި ޑީއާރުއާރު ސްޓްރެޓަޖީ ގުޅުވައިގެން ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާ ވެސް ފަސޭހަ ގޮތަކަށް ނުވަތަ އިސްރާފު ކުޑަކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.