Roadha Mihaaru
މޫސުމީ ކާރިސާއާ ބައްދަލު ފިޔަވަޅު އަޅަންޖެހޭ: ރައީސް

"މި ވަރަކުން ނުފުދޭ"، ކުރިމަތިވެފައި އޮތް މޫސުމީ ކާރިސާއާ ބައްދަލު ފިޔަވަޅުތައް އަޅަން ރައީސް ގޮވާލައްވައިފި

28 މެއި 2024

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ނަމުގައި މިހާރު އަޅަމުންދާ ފިޔަވަޅުތަކުން ނުފުދޭ ކަމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާއާ ބައްދަލު ފިޔަވަޅުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ގޮވާލައްވައިފި އެވެ.

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ނަމުގައި މިހާރު އަޅަމުންދާ ފިޔަވަޅުތަކުން ނުފުދޭ ކަމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާއާ ބައްދަލު ފިޔަވަޅުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ގޮވާލައްވައިފި އެވެ.

އެންޓީގާގައި އިއްޔެ ފެށި ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގެ ހަވާސާގައި ރާއްޖެ އިން އިންތިޒާމު ކޮށްގެން ބޭއްވި "ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް އިނީޝިއަޓިވް (ސީއެސްއާރުއައި) ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފަހު، ތަރައްގީއާ ދިމާއަށް ގައުމުގެ މިސްރާބު ގެންދަން ސަރުކާރަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުން ކުރަމުންދާ ނޭދެވޭ އަސަރުތައް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ކުރާނެ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން މި ކުރާ މަސައްކަތުގައި ބައިވެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ.

"އަޅުގަނޑުމެން މި ތިބީ މޫސުމީ ކާރިސާއެއްގެ ތެރޭގައި. އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކާއި އަމަލުތައް މި ކާރިސާއާ ބައްދަލު ފިޔަވަޅުތަކަކަށް ވާން ޖެހޭ. އަދި އެ ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖޭން އިންތިޒާމުކޮށްގެން ބޭއްވި ސީއެސްއާރުއައި) އިނީޝިއަޓިވްގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

މިހާރު ކުރިއަށްދާ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖޭން އިންތިޒާމުކޮށްގެން ބޭއްވި ސީއެސްއާރުއައި) އިނީޝިއަޓިވްގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

މަޑުމަޑުން އަޅަމުން އަންނަ ފިޔަވަޅުތަކުން، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވަމުން ދާ ވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލެއް ނުވެވޭނެ އެވެ. މި ގަރުނު ނިމެން ވާއިރަށް، އެ އަދަދު ތިން ޑިގްރީ އަށް އެރުމުގެ ފުރުސަތު އޮތް ކަމަށް އައިޕީސީސީގެ އަންދާޒާތަކާ ހަވާލާ ދެއްވައި ރައީސް ފާހަގަކުރެއްވި އެވެ.

"މި އަންދާޒާތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދާއި ދިރިއުޅުމާއި އަދި ދިރިތިބުމަށް ވެސް ނުރައްކަލެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެ އިން އިސްވެ ފަށާފައިވާ ސީއެސްއާރުއައިގެ ދަށުން ރާއްޖެއާ އެކު އެހެން ޖަޒީރާ ގައުމުތަކަށް ވެސް މި ކާރިސާއާ ކުރިމަތިލައި، އަރައިގަތުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ.

އެހެންކަމުން އެ މަނިކުފާނު ވަނީ ސީއެސްއާރުއައި ގައި އަދި ބައިވެރިނުވާ ޖަޒީރާ ގައުމުތަކަށް ވެސް، ގުޅިގެން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވައިފަ އެވެ.