Roadha Mihaaru
ބޮއިން އާއި ނާސާ އިން، ޚަރަދު ކުޑަ މަތިންދާބޯޓެއް

ބޮއިން އާއި ނާސާ އިން، ޚަރަދު ކުޑަ މަތިންދާބޯޓެއް އުފައްދަނީ

19 ޖެނުއަރީ 2023

އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ ގައުމީ އިދާރާ ނާސާ އާއި، މަތިންދާބޯޓު އުފައްދާ އެމެރިކާގެ ބޮއިން ކުންފުނި ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވިދާނެ ފަދަ ގޮތަކަށް ޚަރަދު ކުޑަ އަދި ތިމާވެއްޓާ ރަހުމަތްތެރި މަތިންދާބޯޓެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.

އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ ގައުމީ އިދާރާ ނާސާ އާއި، މަތިންދާބޯޓު އުފައްދާ އެމެރިކާގެ ބޮއިން ކުންފުނި ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވިދާނެ ފަދަ ގޮތަކަށް ޚަރަދު ކުޑަ އަދި ތިމާވެއްޓާ ރަހުމަތްތެރި މަތިންދާބޯޓެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.

އެ ދެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، މިހާރު ބޭނުންކުރާ ބޮޑެތި މަތިންދާބޯޓުތަކަށް ވުރެ ތެލުގެ ޚަރަދު ކުޑަ މަތިންދާބޯޓެއް 2030 ވަނަ އަހަރުގެ ނިޔަލަށް އީޖާދުކޮށް، އަޖުމަބެލުމުގެ މަރުހަލާތައް ނިންމައި ވިޔަފާރީގެ އުސޫލުން ބޭނުންކުރެވޭ ވަރު ވޭތޯ އެވެ.

"ނާސާ އުފެދުނީއްސުރެ، ތި ކުރާ ވައިގެ ދަތުރުތަކުގައި ނާސާ އަންނަނީ ތިޔަ އެންމެންނާ ބައިވެރިވަމުން. ދުރަށް، ހަލުވިކޮށް، މައްޗަށް ދިއުމުގެ ގާބިލުކަމާއި ކެރުން ނާސާގައި އެބަހުރި. އެކަން ކުރާއިރު، ވައިގެ ދަތުރުފަތުރަކީ އެއަށް ބަރޯސާވެވޭ އަދި އިތުރަށް ދެމެހެއްޓެނިވި ވަސީލަތަކަށް ނާސާއިން ހަދައިދީފި. އެއީ ނާސާގެ ކިބައިގައި ހުރި ވިރާސީ ސިފައެއް،" އިއްޔެ ނެރުއްވި ބަޔާނެއްގައި ނާސާގެ އެޑްމިނިސްޓްރޭޓާ ބިލް ނެލްސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން އުފައްދާ ފުރަތަމަ މަތިންދާބޯޓުތައް 2028 ވަނަ އަހަރުގެ ތެރޭގައި އަޖުމަބެލުމުގެ ދަތުރުތައް ކުރުމަށް އެ ކުންފުނިން ވަނީ ތާވަލުކޮށްފަ އެވެ. އަދި މިހާރުގެ އަމާޒަކީ، ދުނިޔޭގެ އާންމު ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ މިންވަރުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބަޔަށް ވާ އަދަދަށް މަތިންދާބޯޓު އުފެއްދުމެވެ.

އޭގެ ތެރޭގައި މިހާރު އާންމުކޮށް ބޭނުންކުރާ ވައިޑްބޮޑީ އެއާކްރާފްޓްގެ މެދުމިނުގެ ބޯޓުތަކާއި އެއަށް ވުރެ ކުދި ބޯޓުތައް ހިމެނެ އެވެ. ނާސާ އިން ބުނާ ގޮތުގައި ވައިގެ ދަތުރުފަތުރުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ބޭރުވަނީ، ވިޔަފާރީގެ އުސޫލުން ވައިގެ ދަތުރުފަތުރުކުރާ އެއާލައިންތަކުން އާންމު ގޮތެއްގައި ބޭނުންކުރާ ވައިޑްބޮޑީ އެއާކްރާފްޓްތަކުންނެވެ.

މި މަޝްރޫއުގައި ބައިވެރިވާ ބޮއިން ކުންފުނިން ބުނި ގޮތުގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ވިޔަފާރި މިހާރު ކުރިއަރަމުންދާ ނިސްބަތަށް ބަލާއިރު، 2035 ވަނަ އަހަރާއި 2050 ވަނަ އަހަރާ ދެމެދު އިތުރު 40000 މަތިންދާބޯޓު، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ބާޒާރަށް ބޭނުންވާނެ އެވެ. ވައިގެ ދަތުރުފަތުރުގެ ވިޔަފާރި އެހާ ބޮޑަށް ފުޅާވަމުން އަންނަ އިރު، ނާސާ އާއި ބޮއިން ކުންފުނިން އަމާޒު ހިފާފައިވަނީ، އަލަށް އީޖާދު ކުރާ މަތިންދާބޯޓުތަކަކީ، މިހާރު ބޭނުންކުރާ މަތިންދާބޯޓުތަކަށް ވުރެ، ތެލުގެ ޚަރަދު ގާތްގަނޑަކަށް 30 ޕަސެންޓް ކުޑަ މަތިންދާބޯޓުތަކަކަށް ހެދުމަށެވެ.

އާ މަތިންދާބޯޓުގެ ތެލުގެ ޚަރަދު ކުޑަކުރުމަށްޓަކައި ކުރާ އެންމެ މުހިންމު ކަމަކީ، މިހާރު ބޭނުންކުރަމުން އަންނަ ބޯޓުތަކާ މުޅިން ތަފާތު ފަރުމާއަކަށް ބޯޓުތައް ބަނުމެވެ. އެ ގޮތުން ބޯޓުގެ ދެ ފިޔަގަނޑު ބޯޓުގައި ހަރުކުރުމަށް، ފިޔަގަނޑާއި ބޯޓުގެ އޮނިގަނޑާ ދެމެދު ކައްތިރިއެއް ވިއްދުމާއި، ފިޔަގަނޑުގެ ބޯމިން މިހާރަށް ވުރެ ތުނިކުރުމަކީ އެއް ބަދަލެވެ.

މި ބަދަލު ގެނައުމުން، ބޯޓުގެ ބަރުދަން ލުއިވުމުން، ބޯޓު ވައިގެ ތެރޭގައި ހިފެހެއްޓުމަށް ހަކަތަ ބޭނުންކުރަންޖެހޭ މިންވަރު ދަށްވާނެ އެވެ. މި ބަދަލުގެ އިތުރުން ވެސް، ތިމާވެއްޓާ ރަހުމަތްތެރި ހަކަތަ އުފެއްދުމުގެ އިތުރު ޓެކްނޮލޮޖީތައް ވެސް މި ބޯޓުތަކުގައި ބޭނުންކުރުމަށް ނާސާ އާއި ބޮއިން ކުންފުނިން ވަނީ ނިންމައިފަ އެވެ.

ކުރިއަށް އޮތް ހަތް އަހަރުގެ ތެރޭގައި މި މަޝްރޫއަށް ހިނގާ ޚަރަދުގެ ގާތްގަނޑަކަށް 425 މިލިއަން ޑޮލަރު ހޭދަކުރަން ހަމަޖެހިފައިވަނީ ނާސާ އިންނެވެ. އަދި ބޮއިން ކުންފުނިން ހޭދަކުރާނީ ގާތްގަނޑަކަށް 725 މިލިއަން ޑޮލަރާއި އެ ކުންފުނީގެ ފަންނީ ވަސީލަތްތަކެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ނާސާގެ ފަންނީ ތަޖުރިބާ އާއި އެ އިދާރާގެ އެހެން ވަސީލަތްތަކާއި ކާރުޚާނާތައް ވެސް ބޭނުންކުރާނެ އެވެ.