Roadha Mihaaru
ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދަންޖެހޭ: ޝައުނާ

ސަރުކާރުން ބޭނުންވަނީ ތެލަށް ބަރޯސާ ނުވެ، ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް: ޝައުނާ

23 ޖޫން 2021

މި ސަރުކާރުން ބޭނުންވަނީ ތެލަށް ބަރޯސާ ނުވެ، ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދުމަށް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުން ބޭނުންވަނީ ތެލަށް ބަރޯސާ ނުވެ، ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދުމަށް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ހަކަތައިގެ ދާއިރާ އަށް ހާއްސަ ކޮށްގެން ބޭއްވި "އެނާޖީ އިންވެސްޓާ ކޮންފަރެންސް 2021" ފެއްޓެވުމުގެ ގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖެ މުޅިހެން ބަރޯސާވެފައި ވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށާއި މި ކަމަށް ދިވެހި ދައުލަތުން ކޮންމެ އަހަރަކު ބޮޑު ހަރަދެއް ވެސް ކުރާ ކަމަށެވެ. އަދި ތިމާވެށީގެ ގޮތުން ބެލި ނަމަވެސް މިއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ޖެހެނީ ވެސް ވަރަށް އަގުބޮޑުކޮށް ކަމަށް ފާހަގަކުރައްވަމުން ޝައުނާ ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖެ އަށް އެތެރެ ކުރި ތެލުގެ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. މި ތެލުގައި 80 ޕަސެންޓް ބޭނުންކޮށްފައި ވަނީ ކަރަންޓުންގެ ހިދުމަތް ދިނުމަށާއި އޮޑިދޯނިފަހަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވިގޮތުގައި، ކަރަންޓު އަގުބޮޑުވުމުން ސަރުކާރުން ސަބްސިޑީ ވެސް ދޭންޖެހެ އެވެ. އަދި 2019 ގައި ތެލުގެ ސަބްސިޑީ ދިނުމަށްޓަކައި އެކަނި ވެސް ދައުލަތުން އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ "އެނާޖީ އިންވެސްޓާ ކޮންފަރެންސް 2021" ގައި ވާހަކަދައްކަވަނީ.--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ "އެނާޖީ އިންވެސްޓާ ކޮންފަރެންސް 2021" ގައި ވާހަކަދައްކަވަނީ.--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"އެހެންވެ މިއީ ދައުލަތުން ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވެސް ވީމަ ރާއްޖޭގައި ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދަންޖެހިފައި މި ވަނީ. މިހާރަށް ވުރެ ފަސޭހައި އަދި ގެއްލުން ކުޑަ ގޮތެއްގައި ހަކަތަ އުފެއްދޭނެ ގޮތެއް ހޯދަންޖެހޭ،" މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުގައި ވެސް ހިމެނޭ ކަމެއް ކަމަށް އިޝާރަތް ކުރައްވަމުން ޝައުނާ ވިދާޅުވި އެވެ.

"އިރުގެ އިތުރުން ކަނޑާއި ވައިން ވެސް ހަކަތަ އުފެއްދޭނެ ގޮތްތައް ގާއިމު ކުރެވެންޖެހޭ."

ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެ ނަމަ ރާއްޖެ އަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" ގައުމަކަށް ވެވިދާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

"މި ސަރުކާރުގެ ޕޮލިސީ އަކީ ވީހާ ވެސް އަވަހަކަށް ތެލަށް ބަރޯސާވުން ހުއްޓާލައި ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކުން ހަކަތަ އުފައްދަން އިތުރު ގޮތްތަކެއް ހޯދުން،" ޝައުނާ ވިދާޅުވި އެވެ.

އެހެންވެ، މި ވަގުތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އަށް އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަން ފާހަގަކުރައްވައި، މިކަމުގައި ބައިނަލްއަގްވާމީ ޕާޓްނަރުންގެ އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

ވާޗުއަލްކޮށް ބޭއްވި މި ކޮންފަރެންސްގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒު ހިފާފައިވާ ލަނޑުދަނޑިތަކަށް ހާސިލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައިފައިވެ އެވެ.

މި ކޮންފަރެންސްގައި ހާއްސަ މެހެމާނުންގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައިލް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ. އޭގެ އިތުރުން ސީޝެލްސްގެ އެންވަޔަރްމެންޓް މިނިސްޓަރު ފެލިވިއަން ޖޯއުބާޓް ވެސް ބައިވެރިވެވަޑައިގަތެވެ.

ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމުތަކާ ބެހޭ މައުލޫމާތު ދިނުމަށް ވެސް މި ކޮންފަރެންސްގައި ސެޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ކޮންފަރެންސްގައި 100 އަށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ހަކަތައިގެ ދާއިރާގައި ފާހަގަކޮށްލެވޭ އިންވެސްޓަރުން ވެސް ހިމެނެ އެވެ.