Roadha Mihaaru
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ

އައްޑޫގައި ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށްދޭނެ ބަޔަކު ހޯދަނީ

30 ޖުލައި 2024

އައްޑޫގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށްދޭނެ ބަޔަކު ހޯދަން އެންވަޔަރުމެންޓް މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށްދޭނެ ބަޔަކު ހޯދަން އެންވަޔަރުމެންޓް މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

ވޯލްޑްބޭންކުގެ އެހީގައި ސަރުކާރުން ގެންދާ އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ދަށުން ހިތަދޫ ޕޯޓު ސަރަހައްދުގައި 8 މެގަވޮޓް، މަރަދޫ ބަނދަރު ސަރަހައްދު އަދި ހުޅުދޫ މީދޫ ބަނދަރު ސަރަހައްދުގައި އެއް މަގަވޮޓް ސޯލާ ޕެނަލް ހަރުކުރާނެ އެވެ.

އެކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ އަންނަ އޮކްޓޯބަރު 29 ވަނަ ދުވަހު އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަސައްކަތްކުރާނެ ކޮންޓްރެކްޓަރަކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޮވާނެ ކަމަށެވެ. ކޮންޓްރެކްޓަރަކު ހޮވައި، ސޯލާ ޕަވަ ނިޒާމް ގާއިމްކުރަން ހަމަޖައްސާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ސާވޭތައް ނިންމުމަށް ފަހު އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ޖެހިގެން އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގަ އެވެ.

އެ މިނިސްޓްރީން ބުނީ ސޯލާ ހަކަތައިން ކަރަންޓު އުފައްދަން ފެށުމުން އަހަރަކު 4.43 މިލިއަން ލީޓަރުގެ ތެޔޮ ބޭނުންކުރުން މަދުކޮށް، ތެލަށް އަހަރަކު ކުރާ ހޭދައިން 35.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސް ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތުކުރުމުގެ މަޝްރޫއަށް ވޯލްޑު ބޭންކުން 107 މިލިއަން އެމެރިކާ ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ އެހީ ދޭން ނިންމީ ޑިސެމްބަރު، 2020 ގަ އެވެ. އެރައިޒް އަކީ އޭގެ ތެރެއިން ހިންގާ ކަމެކެވެ.