11 ޖެނުއަރީ 2017
އަވީގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފަރާތްތަކުގެ އަތުން ފީ ނަގަން ނޫޅޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އަވީގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފަރާތްތަކުގެ އަތުން ފީ ނަގަން ނޫޅޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފައްދާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމައި އެނަޖީ އޮތޯރިޓީން ގަވާއިދެއް އެކުލަވާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މި ގަވާއިދަށް ހިޔާލު ހޯދަން، ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނަށް ފޮނުވާފައިވާ ކަމަށް ވެސް ވެ އެވެ.
އެކަމަކު، އެނަޖީ އޮތޯރިޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ އޮތޯރިޓީން ހަދަމުން އަންނަނީ، އަވިން ކަރަންޓު އުފައްދާ އަމިއްލަ ފަރާތްތަކުން ބޭނުންކުރުމަށް ފަހު ބާކީވާ ކަރަންޓު ސަރުކާރަށް ގަތުމާ ގުޅޭ ގަވާއިދެކެވެ. އެ ގަވާއިދުގެ ތަފްސީލުތައް ނުދެއްވިޔަސް، އޮފިޝަލް ވިދާޅުވީ ސޯލާ ޕެނަލް ހިމެނޭ ގޮތަށް އިޔާދަކުރަނިވި ހަކަތައިގެ އެއްވެސް ބާވަތަކުން އެއްވެސް ފީއެއް ނެގުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
"އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ތިމާވެއްޓާ ރަށްޓެހި ހަކަތަ ޕްރޮމޯޓް ކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެ ގޮތުން، އަންނަ އަހަރުގެ ނިޔަލަށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ އަށް ހެދުމަށް ސަރުކާރުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން މިދިޔަ އަހަރު ކުރި ބައެއް މަސައްކަތްތަކަކީ:
- އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ބ. ގޮއިދޫ، ޅ. ކުރެންދޫ، ތ. ބުރުނި، ގއ. ވިލިނގިލި ހިމެނޭ ގޮތަށް 2.5 މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން.
- ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ބީލަމަށް ހުޅުވާލުން
- ށ. ނ. ޅ. ކ. އއ. އދ. ވ. ގއ. އަދި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ހަދަންޖެހޭ ދިރާސާތައް ކުރުން
- 45 މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމަކާއި އެ ނިޒާމު ބޭނުންކޮށްގެން ދުވާލަކު 0.9 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެއް ކ. ދިއްފުށީގައި ގާއިމުކުރުން
- ކަރަންޓު ސާމާނަކީ ކަރަންޓު ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި ތަކެއްޗަށް ހެދުމަށް 210,000 ލެޑް ލައިޓް އާއްމުންނަށާއި ދައުލަތުގެ މުއައްސަސާތަކަށް ދިނުން
- ޅ. ނައިފަރު އަދި ކ. ހިންމަފުށީގައި ވައިން ހަކަތަ އުފެއްދުމަށް ބުރަފަތި ބެހެއްޓުމަށް ހަދަންޖެހޭ އިތުރު ދިރާސާތައް ކުރުން
- ކ. ހުރާ އަކީ 100 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ހެދުމަށް ހަދަންޖެހޭ ދިރާސާތައް ފެށުން
މި އަހަރުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ބައެއް މަސައްކަތްތަކަކީ:
- ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން
- ށ. ނ. ޅ. ކ. އއ. އދ. ވ. ގއ. އަދި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން
- ރ. ބ. މ. ފ. ދ. ތ. ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ފުވައްމުލަކުގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ހަދަންޖެހޭ ދިރާސާތައް ނިންމައި ބީލަމަށް ހުޅުވާލުން
- އިތުރު 210,000 ލެޑް ލައިޓް އާއްމުންނަށް ދިނުން
- ޅ. ނައިފަރު އަދި ކ. ހިންމަފުށީގައި ވައިން ހަކަތަ އުފެއްދުމަށް ބުރަފަތި ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުން
- ރާއްޖޭގެ ވިންޑް މެޕް ތައްޔާރުކުރުމަށް ބޭނުންވާ ގްރައުންޑް ޑޭޓާ ނެގުމަށް ހއ. ހޯރަފުށި އަދި ކ. ތުލުސްދޫގައި "ލައިޑަ ޑިވައިސް" ބަހައްޓައިގެން ދެ އަހަރުދުވަހުގެ މުއްދަތަށް ޑޭޓާ ނެގުން.
އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ ވިއްސަކަށް ޕަސެންޓް ހޭދަކުރަން ޖެހެނީ ތެޔޮ ގަތުމަށެވެ. އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް މައްޗަށް ދިއުމުގެ އިތުރަށް، ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްގައި އެކި ގޮތް ގޮތުން ގެއްލުންތައް ވަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، ސަރުކާރުގެ އަމާޒަކީ ޑީސަލަށް ބަރޯސާވުން ވީހާ ވެސް ބޮޑަށް ކުޑަ ކުރުން. ހުރިހާ ކަމެއް ވެސް ކުރަނީ އެ މަގުސަދު ހާސިލް ކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ހަކަތައިގެ ސިޔާސަތު 2015 ގައި އެކުލަވާލާފައިވާއިރު، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 2030 ގެ ކުރިން 10 ޕަސެންޓް ކުޑަ ކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. މީގެ އިތުރުން، އެ ސިޔާސަތުގެ ދަށުން ހުޅުމާލެ އާއި އެ ނޫން ވެސް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރަން ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
10 ޕަސެންޓްގެ ކަރަންޓް އުފެއްދީ ވަޔާއި އަވިން
އަވިން ހަކަތަ އުފެއްދުމަށް މާ ފަސޭހަ މާއްދާއެއް
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
ށ އަދި ނ. ގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް
ރާއްޖޭގައި އޮޔާއި ރާޅުން ކަރަންޓު އުފެއްދޭތޯ ބަަލަނީ
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!
5 އަހަރަށް ހެދި ހަކަތައިގެ ސިޔާސަތު އިފްތިތާހުކޮށްފި
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި
ފަހުމީގެ އަމާޒު: ސްޓެލްކޯގެ ފައިދާ 500 މިލިއަނަށް