Roadha Mihaaru
ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި

ސޯލާ ޕެނަލް ހަރުކުރަން ފަށައިފި، 20 މިލިއަން ރުފިޔާގެ ތެޔޮ ހަރަދު ސަލާމަތްވާނެ

07 ޑިސެމްބަރ 2022

ސިނަމާލެ ބްރިޖު، ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިނަމާލެ ބްރިޖު، ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ހިންގާ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓެކެވެ.

މި މަސައްކަތް ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކުރީ ނޮވެމްބަރު 2020ގަ އެވެ.

އެކަމަށް ހާއްސަކޮށް ލިންކް ރޯޑްގެ އައިލެންޑް އޭރިއާގައި ގާއިމުކޮށްފައި ހުރި ސްޓްރަކްޗާގައި މިއަދު ފުރަތަމަ ޕެނަލްތައް ހަރުކޮށްދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސް ޕްރެޒިޑެންޓް މާޓިން ރެއިސާ އާއި ވޯލްޑް ބޭންކާއި ސްޓެލްކޯ އަދި އެޗްޑީސީގެ އިސްވެރިންނެވެ.

ރާއްޖޭގައި ސޯލާ ހަކަތައިގެ ނިޒާމުގެ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ. އޭގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުގެ ސަބަބުން، ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމަށް ގާއިމްކޮށްފައިވާ ސްޓްރަކްޗާ.-- ފޮޓޯ: ނިޝާން އަލީ \ މިހާރު

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމަށް ގާއިމްކޮށްފައިވާ ސްޓްރަކްޗާ.-- ފޮޓޯ: ނިޝާން އަލީ \ މިހާރު

ވޯލްޑް ބޭންކުގެ ނައިބު ރައީސް މާޓިން ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ގައުމަކަށް ވާއިރު، މިފަދަ މަސައްކަތެއް ކުރިއާލައި ފެށުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

އެންސިސް ކޯ ލިމިޓެޑުން ވަނީ ސޯލާ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާ ވީ ފަޅިގައި ސްޓީލް ސްޓްރަކްޗާއެއް ގާއިމުކޮށްފަ އެވެ.

މި ސްޓްރަކްޗާގެ މަތީގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ކަރަންޓް އުފައްދަން ފަށާނެ ކަމަށް ބެލެވެ އެވެ.