29 މާޗް 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމޭއިރު، ދައުލަތުން ތެޔޮ ގަންނަން ކުރާ ހޭދައިން 225 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމޭއިރު، ދައުލަތުން ތެޔޮ ގަންނަން ކުރާ ހޭދައިން 225 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އާބާދީ އެންމެ ބޮޑު ހަ ރަށުގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ، ވޯލްޑް ބޭންކްގެ އެހީގައި އަވިން ހަކަތަ އުފެއްދުމަށް އެންވަޔަރުމެންޓް މިނިސްޓްރީން ހިންގަމުން އަންނަ "އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް" އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ) ގެ އެންމެ ބޮޑު ފައިދާތަކުގެ ތެރޭގައި ދައުލަތުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކުރުން ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެސްޕަޔާ ޕްރޮޖެކްޓް ނިމުމުން އަހަރަކު 18 މިލިއަން ކަރަންޓް ޔުނިޓް، އިޔާދަކުރަނިވި ހަކަތައިން އުފެއްދޭނެ އެވެ. އޭރުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކޮށް، ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާބާދީ އެންމެ ބޮޑު ހަ ރަށެއްގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މެލޭޝިއާގެ މެގަ ފަސްޓް އާއި ޗައިނާގެ ޕަވަ ޗައިނާގެ ޖޮއިންޓް ވެންޗާއަކާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި (ކ-ވ) ޕަވަ ޗައިނާގެ ޖެނެރަލް މެނޭޖާ ސޮންގް ކިން ގޯ އާއި މެގަ ފަސްޓްގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން ޗިން ސަން އަދި ފެނަކައިގެ ޑިރެކްޓާ އަހުމަދު އަޒްލީމް ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"ނަމަވެސް، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ލިޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާ ނަމަ، ދައުލަތުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކް ޓަނުގެ ވިހަ ގޭސް މަދުކުރެވޭނެ،" ދުބާއީގައި ހުންނަވައި އެ ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ޝައުނާ ވިދާޅުވި އެވެ.
"މިހާރު ދުނިޔޭގެ ތެލުގެ އަގު ވަނީ އެތައް ގުނައަކަށް އުފުލިފައި. އެހެންކަމުން އަޅުގަނޑުމެން ކަހަލަ ކުޑަ ގައުމަކުން މިފަދަ ދަނޑިވަޅެއްގައި އިޔާދަކުރަނިވި ހަކަތަ އަށް އިންވެސްޓް ކުރުމަކީ ލިބޭ ވަރަށް ބޮޑު އިގްތިސާދީ ތައްޔާރީއެއް ވެސް މެ. އޭގެ މާނަ އަކީ ދައުލަތުން ހެޔޮ އަގުގައި ކަރަންޓް ދިނުމަށް ސަބްސިޑީ ވެސް އެބަދެން. އެ ސަބްސިޑީ އަށް ކުރާ ހޭދަ ވެސް ބޮޑުތަކުން ކުޑަވަގެން އަންނާނެ."
Today I have signed a contract to install 11 MW of solar pv in 6 islands including the cities in the Maldives. This is the largest solar pv contract in our history under PPA model. It is the lowest rate ever received for a PPA. We are transitioning to ☀️ pic.twitter.com/Sagy8td9Ed
— Shauna Aminath ?❓ (@anuahsa) March 29, 2022
ކަރަންޓް ސަބްސިޑީ ދިނުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 432 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ރާއްޖެ، 2030 ގެ ކުރިން ނެޓް ޒީރޯ ގައުމަށް ވާސިލުވުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު އެއް މަޝްރޫއު "އެސްޕަޔާ" ދަށުން މި ސަރުކާރުގެ ދައުރު ނިމޭއިރު، ޖުމުލަ 55.5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ރާއްޖޭގެ އެކި ރަށްތަކުގައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ މާނަ އަކީ ދައުލަތުން ތެލަށް ހޭދައިން އެންމެ މަދުވެގެން 225 މިލިއަނަށް ރުފިޔާ ކުޑަކުރެވޭނެއޭ،" އޭނާ ވިދާޅުވި އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަ ރަށެއްގައި އަވިން 11 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމެއް ގާއިމްކުރާނެ އެވެ. ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި އައްޑޫ ހިމެނޭ ގޮތުން އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ ބ. އޭދަފުއްޓާއި ޅ. ހިންނަވަރު އަދި ގދ. ތިނަދޫގަ އެވެ.
އެ މަޝްރޫއު ހަވާލުކުރީ މެލޭޝިއާގެ މެގަ ފަސްޓް ޕަވަ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް ކުންފުންޏާއި ޕަވަ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗާއާ އެވެ. އަދި ކަރަންޓް، ގަނެވިއްކުމަށް ހަދާ ޕަވަ ޕާޗޭސިން އެއްބަސްވުމުގައި މެލޭޝިއާ އާއި ޗައިނާގެ ކުންފުންޏާ އެކު ފެނަކަ ކޯޕަރޭޝަނުން ސޮއިކުރި އެވެ. އަދި އެ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރުމެންޓް މިނިސްޓްރީއާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި (ވ-ކ) މޭލެޝިއާގެ މެގަ ފަސްޓްގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން ޗިން ސަން އާއި ޕަވަ ޗައިނާގެ ޖެނެރަލް މެނޭޖާ ސޮންގް ކިން ގޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް އަދި (ކ-1) ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން މާލެ އަށް ބޭނުންވާ ކަރަންޓް އަވިން އުފެއްދުމުގެ ގޮތުން ސިނަމާލެ ބްރިޖުގެ ލިންކް ރޯޑުގެ އެއް ފަރާތުގައި ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ޖުލައި މަހު ފަށައި، އަހަރުގެ ފަހުކޮޅު ހިދުމަތް ދޭން ފަށަން ވެސް ވަނީ ނިންމައިފަ އެވެ.
އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގެ 1،000 ހައުސިން ޔުނިޓުގައި މިހާރު ވެސް 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވެ އެވެ. އެ ޕެނަލްތައް މެދުވެރިކޮށް 2018 ވަނަ އަހަރުން ފެށިގެން އަންނަނީ ކަރަންޓް ނަގަމުންނެވެ.
މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހިންގާ އެސްޕަޔާ ޕްރޮޖެކްޓަށް 16 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.
އެސްޕަޔާ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރުމެންޓް މިނިސްޓްރީން ހިންގާ "އެރައިސް" ޕްރޮޖެކްޓުން ވެސް ރާއްޖޭގެ އެކި ރަށްތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމަށް އިއުލާނު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް
އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއު ހަ ރަށެއްގައި
އެނަޖީ އެފިޝަންޓް މިންވަރު އަންގައިދޭން ސްޓިކާއެއް
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
ސޯލާ ޕެނަލްތައް ބަދަލުކުރަން ހަރަދު ދާނެ: މިނިސްޓްރީ
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން