Roadha Mihaaru
"ރާއްޖެއަށް އިއާދަކުރަނިވި ހަކަތަ ވަރަށް މުހިންމު"

ރާއްޖޭގެ އިގުތިސާދަށް އިއާދަކުރަނިވި ހަކަތަ ވަރަށް މުހިންމު: ވޯލްޑް ބޭންކް

15 ޖޫން 2020

ކޮވިޑް-19އަށް ފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އިއާދަ ކުރަނިވި ހަކަތައަށް އިންވެސްޓު ކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އަށް ފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އިއާދަ ކުރަނިވި ހަކަތައަށް އިންވެސްޓު ކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް" ރިޕޯޓުގައި ބުނީ އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓުމަންޓުތައް އިތުރުކުރުމުން އިގްތިސާދު ކުރިއަރައި ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ މި ސަރަހައްދުގައި ކަރަންޓުގެ ހަރަދު އެންމެ ބޮޑު ގައުމަށް ވާއިރު އެ ހަރަދުތައް ކުޑަކުރެވޭނީ ވެސް އިއާދަކުރަނިވި ހަކަތަ ކުރިއަރުވައިގެން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ޕޯޓުގައި ބުނެފައިވާ ގޮތުގައި އިއާދަކުރަނިވި ހަކަތަ އަށް އަމިއްލަ ފަރާތްތަކުން އިތުރު އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދޭނެ ޖެހެ އެވެ. މި އިންވެސްޓްމަންޓުތަކަށް ފުރަތަމަ ކުރަން ޖެހޭ ހަރަދު ބޮޑު ނަމަވެސް އޭގެ ސަބަބުން މުސްތަގުބަލުގައި ކަރަންޓުގެ އަގު ހެޔޮވެ، ތެޔޮ އެތެރެކުރުމަށާއި ސަބްސިޑީގެ ހޭދަ ކުޑަވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ދުނިޔޭގައި ހިނގާ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް ކުރާ އަސަރުތަކަށް ތައްޔާރުވެފައިވާ މިންވަރު ވީހާ ވެސް އަވަހަކަށް އިތުރުކުރުމުގެ މުހިންމުކަން ކޮވިޑް-19ގެ ކާރިސާއިން އެނގިއްޖެ އެވެ. އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމުގެ މަސައްކަތަށް މި ކާރިސާގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް މިއީ އަދިވެސް ވަރަށް މުހިއްމު ލަނޑުދަނޑިއެކެވެ،" ވޯލްްޑް ބޭންކުގެ ރިޕޯޓުގައި ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމް ހުއްޓިފައި އޮތުމުންނެވެ. އެގޮތުން، މި އަހަރު ޓޫރިޒަމް ދާއިރާއިން ރާއްޖޭގެ އިގްތިސާދު މައިނަސް 13-17.5 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ވޯލްޑު ބޭންކުން ލަފާކުރެ އެވެ. އަދި އެ ދާއިރާ އަލުން ހުޅުވި އަންނަ އަހަރުގެ ތެރޭގައި 7.9-8.5 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިގްތިސާދު ކުރިއަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން މި ދަނޑިވަޅު އިގްތިސާދަށް ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އެޅިނަ މަވެސް ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާ ގުޅިގެން ޖީޑީޕީގެ ނިސްބަތުން ފިސްކަލް ޑެފިސިޓް 14.5 ޕަސެންޓަށް އަރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ރާއްޖޭގެ އިގްތިސާދު ދަމަހައްޓަން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ދޭ އަންނަ ރިލީފް ޕެކޭޖާއި، އާމްދަނީއަށް އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސް ދިނުމާއި ކަރަންޓު ބިލާއި ފެންބިލުން ޑިސްކައުންޓު ދިނުން ހިމެނެ އެވެ.