Roadha Mihaaru
ފެނަކައިން އެކި ރަށްތަކުގައި ސޯލާ ޕެނަލް ހަރުކުރަނީ

ފެނަކައިން އެކި ރަށްތަކުގައި ސޯލާ ޕެނަލް ހަރުކުރަނީ

22 ޖުލައި 2024

ފެނަކައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފެނަކައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ "ޕޮއިސްޑް" ޕްރޮޖެކްޓުގެ ދަށުން ތ. އަތޮޅުގައި ޖުމުލަ 2.49 މެގަވޮޓްގެ ސޯލާ ޕެނަލާއި 1.9 މެގަވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާ އެކު ހަރުކުރަން ހަމަޖެހިފައިވާ ކަމަށެވެ. ފެނަކައިން ބުނީ ތ. އަތޮޅުގެ ގިނަ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް، ގިނަ ރަށްރަށުގައި ޕްރީ-ކޮމިޝަންކޮށް، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ރަށްތަކުގައި ވެސް މި މަސް ނިމުމުގެ ކުރިން އެ ތަކެތި ކޮމިޝަން ކުރެވޭނެ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކައިން ބުނީ "ޕޮއިސްޑް" ޕްރޮޖެކްޓުގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގައި ވެސް ސޯލާ ޕެނަލް ހަރުކުރާނެ ކަމަށެވެ. އަދި މި މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ފެނަކައިން ރަށެއްގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކެއް. -- ފޮޓޯ: ފެނަކަ

ފެނަކައިން ރަށެއްގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކެއް. -- ފޮޓޯ: ފެނަކަ

ފެނަކައިން ބުނީ ބ. އަތޮޅުގައި 2.74 މެގަވޮޓް އަދި ރ. އަތޮޅުގައި 3.599 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޖުމްލަ 5 މެގަވޮޓްގެ ސޯލާޕެނަލް ފެނަކައިގެ ހުރިހާ އިންޖީނުގެއްގައި ވެސް ހަރުކުރަން ނިންމާފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ޕެނަކައިން ބުނީ "ޕޮއިސްޑް" ޕްރޮޖެކްޓުގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމުގެ އިތުރުން "އެސްޕައާ" ޕްރޮޖެކްޓްގެ ދަށުން ވެސް ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ރާވަފައިވާ ކަމަށެވެ. "އެސްޕައާ" ޕްރޮޖެކްޓުގެ ދަށުން އެކުންފުނިން ހިދުމަތް ދޭ އެންމެ ބޮޑު ހަ ރަށް ކަމަށްވާ އައްޑޫ އާއި ގދ. ތިނަދޫ އާއި ޏ. ފުވައްމުލަކާއި ޅ. ހިންނަވަރުގެ އިތުރުން ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގައި ވެސް ސޯލާ ޕެނަލް ހަރުކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިރަށްތަކުގައި ޖުމްލަ 11މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ރަށެއްގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކެއް.

ފެނަކައިން ރަށެއްގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކެއް.

ޕޮއިސްޑް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން، ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ސޯލާ-ޑީސަލް ހައިބްރިޑް ކަރަންޓު އުފައްދާ ނިޒާމުތައް ތައާރަފްކޮށް، ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ.

މި ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. ފެނަކައިން ބުނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ފެނަކައިން ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.