Roadha Mihaaru
54 ވަކީލުންގެ ހައްގުގައި އިތުރު ވަކީލުންތަކެއް

ސަސްޕެންޑް ކުރި 54 ވަކީލުންގެ ހައްގުގައި ވަކީލުންތަކެއް ނުކުމެއްޖެ

17 ސެޕްޓެމްބަރ 2017

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މި މަހު ސަސްޕެންޑް ކުރި 54 ވަކީލުންގެ ތަހުގީގު ނިމެންދެން ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމަށް އެދި އެ ވަކީލުންގެ ހައްގުގައި އިތުރު 35 ވަކީލަކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ޕެޓިޝަނެއް ފޮނުއްވައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މި މަހު ސަސްޕެންޑް ކުރި 54 ވަކީލުންގެ ތަހުގީގު ނިމެންދެން ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމަށް އެދި އެ ވަކީލުންގެ ހައްގުގައި އިތުރު 35 ވަކީލަކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ޕެޓިޝަނެއް ފޮނުއްވައިފި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އާއި ކުރީގެ ހައި ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ޝާހީން ހަމީދާއި މައުމޫން ހަމީދާއި ދިޔާނާ ސައީދާއި ހުސެއިން ސިރާޖުގެ އިތުރުން އެހެން ބައެއް ވަކީލުން ސޮއިކުރައްވައި އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ޕެޓިޝަންގައި ވަނީ، 54 ވަކީލުންގެ ވަކީލު ކަމުގެ ހުއްދަ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ދޫކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ ބޭފުޅުންގެ ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ޝަރުއީ އަދި ގާނޫނީ އުސޫލަކީ އެއްވެސް ފަރާތަކާ މެދު ތުހުމަތުކުރެވޭ ކަމެއްގެ ތަހުގީގުކޮށްފައި ނޫނީ ފިޔަވަޅެއް ނޭޅުމެވެ. ތުހުމަތާ ގުޅިގެން ތަހުގީކޮށްފައި ނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނުވަތަ އަޅަން ނުޖެހޭ ކަމެއް ދެނެނުގަނެވޭނެ ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.

ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ތަހުގީގު ނިމެންދެން އެ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދިނުމަކީ މުވައްކިލުންގެ މަސްލަހަތުގައި ވެސް މުހިންމު ކަމެކެވެ.

"މީގެ އިތުރުން އެ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ކުރިއަށް ގެންދަވާ ތަހުގީގު ވީހާވެސް އަވަސްކޮށްދެއްވައި، އިންސާފުވެރިކަމާއި އިހްސާންތެރިކަމާ އެކު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްދެއްވުމަށް ވެސް އިލްތިމާސްކުރާ ކަމުގައި ދަންނަވަމެވެ،" ޕެޓިޝަން ނިންމާލަމުން ބުނެފައިވެ އެވެ.

ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރަން ޑީޖޭއޭ އިން ނިންމީ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދާއި ވަކީލުންގެ އިގުރާރާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ހިލާފުވުމާ ގުޅިގެން ކަމަށް ބުނެ އެވެ.

އެގޮތަށް ނިންމީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށް، އޭގެ ކަންބޮޑުވުން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެންނަން 54 ވަކީލުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ. އެކަމަކު އެ ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިގެންފައެއް ވެސް ނުވެ އެވެ.

ސަސްޕެންޝަނާ އެކު ބައެއް ވަކީލުން ބުނީ ފިޔަވަޅު އަޅަން ޖެހޭނީ ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށްފައި ކަމަށެވެ.