Roadha Mihaaru
އަނިލްއާ ބައްދަލު ކުރެއްވުމަށް ޝާހީން އެދިވަޑައިގެންފި

ބަންޑާރަ ނައިބު އަނިލްއާ ބައްދަލު ކުރެއްވުމަށް ޝާހީން އެދިވަޑައިގެންފި

22 ފެބުރުއަރީ 2018

ދުސްތޫރީ ނިޒާމު އޮޅުންބޮޅުންވެފައިވާ ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ބައްދަލުކުރެއްވުމަށް ގާނޫނީ ވަކީލް ޝާހީން ހަމީދު މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދުސްތޫރީ ނިޒާމު އޮޅުންބޮޅުންވެފައިވާ ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ބައްދަލުކުރެއްވުމަށް ގާނޫނީ ވަކީލް ޝާހީން ހަމީދު މިއަދު އެދިވަޑައިގެންފި އެވެ.

ޝާހީން، ބަންޑާރަ ނައިބަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ދިވެހި ދައުލަތުގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމުގެ ސަބަބުން ގާނޫނުއަސާސީ އާއި ގާނޫނުގެ ވެރިކަމަށް ނުރައްކާވެފައިވާ ކަމަށެވެ. މިއީ އޭނާގެ އިތުރުން އެހެން ބައެއް ވަކީލުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ގާނޫނުގެ ވެރިކަން ދަމަހައްޓައި ހިމާޔަތް ކުރުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ) އިން ބަންޑާރަ ނައިބަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަން ސިޓީގައި ޝާހީން ފާހަގަކުރައްވާފައިވެ އެވެ.

އެހެންވެ، ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމު އޮޅުންބޮޅުންވެފައިވާ ދަނޑިވަޅުގައި އެ ކަންކަމާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ބައެއް ކަންބޮޑުވުންތައް ބަންޑާރަ ނައިބާއި އެތަނުގެ އިސް ބޭފުޅުންނަށް ހުށަހެޅުމަށް އޭނާއާ ބައެއް ވަކީލުން ބޭނުންވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެހެންވެ، އެފަދަ ބައްދަލުވުމެއް ވީހާވެސް އަވަހަކަށް ހަމަޖައްސައި ދިނުމަށް ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަހީނުކޮށް، ކޯޓުތައް އަސްކަރީ ބާރުގެ ދަށަށް ގެންގޮސްގެން ޖުޑީޝަރީ މިނިވަން ނުވާނެ ކަމަށް ވިދާޅުވެ ޖުޑީޝަރީ އިސްލާހުކުރުމުގައި ހުރިހާ ވަކީލުން ގުޅިގެން މަސައްކަތް ކުރުމަށް، ޝާހީން ވަނީ މިދިޔަ ހަފުތާގައި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.

އަނިލްއާ ބައްދަލުކުރައްވަން ޝާހީން އެދިވަޑައިގެންފައި މިވަނީ، ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން، ޖަލުގައި ތިބި ނުވަ މީހަކު މިނިވަންކުރުމަށް މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނިކޮށެވެ.

ޖުޑީޝަރީއާ މެދު ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ގާނޫނީ ވަކީލުން މީގެ ކުރިން ޕެޓިޝަން ހަދައި އެކަމާ ގުޅޭ އެކި މަސައްކަތްތައް ކޮށްފައި ވިޔަސް އެ ކަންކަމުގައި ޝާހީންގެ ބައިވެރިވުން މީގެ ކުރިން ފެނިފައެއް ނުވެ އެވެ. ނަމަވެސް ޝާހީންގެ ކޮއްކޯފުޅު މައުމޫން ހަމީދު ގެންދަވަނީ ޖުޑީޝަރީއާ ގުޅުން ހުރި އެކި މައްސަލަތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ. ޝާހީނާއި މައުމޫނަކީ ވެސް ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި މި ބޭފުޅުންގެ ބޮޑުބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށްފައި ވާއިރު މައުމޫން ހަމީދު މަސައްކަތް ކުރައްވަނީ މައުމޫންގެ ވަކީލެއްގެ ގޮތުގަ އެވެ.