27 ފެބުރުއަރީ 2018
ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ހުރި ކަންބޮޑުވުންތައް ހޯދައި، ހާލަތު ދިރާސާ ކުރުމަށް މި ހަފުތާގައި ރާއްޖެ އައި ލޯއޭޝިއާގެ އިސް ވަފުދުގެ ބޭފުޅުން ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވައިލުމުން އެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ހުރި ކަންބޮޑުވުންތައް ހޯދައި، ހާލަތު ދިރާސާ ކުރުމަށް މި ހަފުތާގައި ރާއްޖެ އައި ލޯއޭޝިއާގެ އިސް ވަފުދުގެ ބޭފުޅުން ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވައިލުމުން އެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލޯއޭޝިއާ އަކީ، އޭޝިއާ ސަރަހައްދުގެ ގާނޫނީ ވަކީލުންގެ ޖަމިއްޔާތަކުގެ އެންމެ އިސް ފަރާތެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބާ އެސޯސިއޭޝަންތަކުގެ މައްޗަށް ބިނާވެފައިވާ ޖަމިއްޔާއެކެވެ.
ލޯއޭޝިއާގެ ރައީސް ކްރިސްޓޮފާ ލިއޯން ނެރުއްވި ބަޔާނުގައި ބުނީ ލޯޔަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުންނާއި ޖުޑިޝަރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މި ހަފުތާގައި ހަމަޖެއްސި ކަމަށެވެ. އަދި ރާއްޖެ ދިއުމަށް ބޭނުންވާ ސަބަބާއި ވިސާ އަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ރާއްޖޭގެ ހާލަތު ގާތުން ބެލުމަށް ބޭރުގެ އެކިއެކި ފަރާތްތައް ރާއްޖެ އައުމަށް ދިވެހި ސަރުކާރުން މީގެ ކުރިން ދިން ދައުވަތު ފާހަގަކޮށްފަ އެވެ. އެކަމަކު، ލޯއޭޝިއާ އިން ފޮނުވި މެއިލްތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޖަވާބު ނުދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި މެއިލްތަކަށް ޖަވާބު ނުލިބުމުން، ފޮރިން މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނަ އެވެ. ފޮރިން މިނިސްޓްރީން ދިން ޖަވާބުގައި ވަނީ ވިސާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީގެ އޭޝިއާ ޑިވިޝަނަށް އެންގި ވާހަކަ އެކަނި ކަމަށް ބަޔާނުގައިވެ އެވެ.
ލޯއޭޝިއާ އިން ބުނީ އެ ވަފްދުގެ ބޭފުޅުންނަށް އޮން އެރައިވަލް ވިސާ ހަމަޖައްސައިދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވުމުން ވެސް، ސިޓީތަކަށް ޖަވާބު ނުދޭ ކަމަށެވެ. އެހެންވެ، ލޯއޭޝިއާ އިން އެދިފައިވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ރާއްޖޭގައި މަޑުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި ވަނީ އެދިފަ އެވެ.
އެ ޖަމާއަަތުން ރާއްޖެ ފޮނުވި ފެކްޓް ފައިންޑިން މިޝަންގެ ބޭފުޅުން ރާއްޖެ އެތެރެވިޔަ ނުދިން ސަބަބެއް ގޮތުގައި އިމިގްރޭޝަނުން ބުނީ އެ ވަފްދު އައީ ޓޫރިސްޓު ވިސާގައި އެތެރެވެ މަސައްކަތް ކުރުމަށް ކަމަށެވެ. މި ބޭފުޅުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމުން އެއާޕޯޓްގައި ތިބުމަށް ފަހު އެނބުރި ދިޔައީ އެވެ.
ލޯއޭޝިއާގެ ވަފުދެއް ރާއްޖެ އައީ، ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން ގޮވާލައި ސުޕްރީމް ކޯޓަށް 56 ވަކީލަކު ސޮއި ކުރައްވައި ހުށަހެޅުއްވި ޕެޓިޝަނާ ގުޅިގެން، އެ ވަކީލުންތައް ސަސްޕެންޑް ކުރި މައްސަލަ އެ ޖަމއިްޔާގެ ސަމާލުކަމަށް ގެނައުމުންނެވެ.
ލޯއޭޝިއާގެ ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެންނެވި އިރު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ފޮނުވައިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ އެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ލައްވައި ހުކުމްތަކާއި އަމުރުތައް ނެރެމުން ދަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
މިއާ އެކު، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަމަހައްޓަން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ ވެސް ވަކީލުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ގޯސްތަކެއް ހަދާ ނަމަ ވަކީލުން ތެދުވަން ޖެހޭ: މުއިއްޒު
ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް މީހަކު ހޯދަނީ
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން ގޮވާލައިފި
އުއްތަމަ ފަނޑިޔާރަށް އާ ތުހުމަތެއް، ތަހުގީގު ފަށައިފި
ލޯއޭޝިއާގެ އިސް ވަފުދު ރާއްޖެ އެތެރެވިޔަ ނުދިން
އަނިލްއާ ބައްދަލު ކުރެއްވުމަށް ޝާހީން އެދިވަޑައިގެންފި
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
"ސުޕްރީމް ކޯޓު އަމުރުގެ ސައްހަކަމާ މެދު އަޑުއުފުލޭނެ"