20 ނޮވެމްބަރ 2018
"އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމްކުރެވިގެންދާ ތަން ފެނުން ކަމަށް."
"އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމްކުރެވިގެންދާ ތަން ފެނުން ކަމަށް."
އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގަލޮޅު ދަނޑުގައި، ގައުމާ މުހާތަބުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި އެންމެ މުހިންމު އެއް ވާހަކަފުޅެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވެސް އަރިހުގައި ހުންނަވަނިކޮށް، ރާއްޖެއަށް މިވަގުތަށް އެންމެ މުހިންމު އަދި ބޭނުންތެރި ކަމަކީ އަދުލް އިންސާފު ގާއިމްކުރުން ކަން ރައީސް ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ޝަރުއީ ދާއިރާ ވެއްޓިފައިވާ އަނދަވަޅުގެ ބޮޑުކަން ރައީސްގެ އެ ވާހަކަފުޅުން ވެސް އިހުސާސް ކުރެވެ އެވެ.
އަދުލް އިންސާފުގެ ދާއިރާ ނުވަތަ ޖުޑިޝަރީ އިސްލާހުކުރަން ކޮންމެހެން ބޭނުންވާ ހަތަރު ކަމެއް އާ ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އެއީ އަދުލް އިންސާފާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާއި ފަނޑިޔާރުގެ ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމާއި ނުފޫޒެއް ނެތި ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާ ކުރުމާއި އިލްމާއި ހުނަރު ލިބިފައިވާ ފަނޑިޔާރު ގެއެއް ބިނާކުރުމެވެ.
ރައީސްގެ ބަސްފުޅުން ނަމަ ޝަރުއީ ދާއިރާއާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލުގެންނަން ޖެހޭކަން "ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހު ދިވެހިން ކުރި ތަޖުރިބާއިން" އެނގެ އެވެ. ދިހަ އަހަރޭ އެ ވިދާޅުވީ ރާއްޖޭގެ ތިން ބާރު މުޅިން ވަކިކޮށް އެކުލަވާލި އާ ގާނޫނުއަސާސީއަށް އަމަލްކުރަން ފެށި 2008 އިން މިއަދާ ހަމައަށް ނިސްބަތްކޮށެވެ.
ރައީސް އެ ވިދާޅުވާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ބާވަ އެވެ؟ އަދި އެއީ ކޮން ބަދަލުތަކެއް ހެއްޔެވެ؟
ޝަރުއީ ދާއިރާގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލު ޝާހީން ހަމީދު ވެސް ގަބޫލުކުރައްވަ އެވެ. އެގޮތުން އެއް ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފަނޑިޔާރުން ވަކިކުރުމުގެ ބައި ގާނޫނީ ގޮތުން މިހާރަށް ވުރެ އުނދަގޫކުރުމެވެ.
"މިނިވަން މުސްތަގިއްލު ފަނޑިޔާރުގެއެއްގެ މުހިންމު އެއް ކަމަކީ އެ ފަނޑިޔާރުންގެ މަގާމާ ނުކުޅެވުން އެބޭފުޅުން އިންސާފުވެރި އަދި ނަޒާހާތްތެރިކަމާ އެކު މަސައްކަތް ކުރެވެމުންދާހާ ހިނދަކު. އެބޭފުޅުންގެ މައްސަަލަތައް ބެލޭނެ އިންތިޒާމެއް އޮވެގެން އެ ނިޒާމުގެ ދަށުން ބަލަން ޖެހޭ ކަންކަން ބަލައި އެހެން ނަމަވެސް އެބޭފުޅުން ވަޒީފާ ދާއިމަށް ބެހެއްޓުން،" ޝާހީން ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑުމެންނަށް މިދިޔަ ފަސް އަހަރު ތެރޭގައި ފެނިގެން ދިޔައީ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެނެސް ސުޕްރީމް ކޯޓުގެ އަދަދު ބަދަލުކޮށް ފަނޑިޔާރުން ވަކިކުރި މަންޒަރު."
އެހެންކަމުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް ފަނޑިޔާރުން ވަކިކުރުމަށް އޮތް މަގު ހަރުދަނާ ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ އޮނިގަނޑުގައި އެހާ ފަސޭހައިން އެ ބަދަލުތައް ގެނެވިގެންނުވާނެ އެކަހަލަ ކަމަކަށް. ވަރަށް ފަސޭހައިން އޯވާނައިޓްކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަންތައް ވެގެންދިޔައީ. އެއްވެސް ބަޔަކަށް ކަމެއް ކުރެވޭ ގޮތެއް ނުވި،" ޝާހީން ވިދާޅުވި އެވެ.
އެކަމަކު ޝާހީން އެގޮތަށް ވިދާޅުވި ނަމަވެސް ފަނޑިޔާރުން މަގާމުން ވަކިކުރުން ގާނޫނުއަސާސީގައި އޮތީ ވަރަށް އުނދަގޫ ކަމަށް ހަދައިފަ އެވެ. ފަނޑިޔާރަކު މަގާމުން ދުރުކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަ ބަލައި، ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން ނަގާ ވޯޓުގައި ހާޒިރުވި މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. ޝާހިން އެ ފާހަގަކުރެއްވި ކަންތައް ގޮސް ޖެހެނީ، 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު މަގާމުން ދުރުކުރަން، ޕީޕީއެމްގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހުން ހެދި ގޮތެވެ.
އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ރޭވުމެއްގެ ދަށުން އެ ބަދަލު ގެނައީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަހަކަށް ބަދަލުކޮށްގެންނެވެ. އޭގެ ފަހުން ސުޕްރީމް ކޯޓަށް ގެނައި ބަދަލުގައި ފެނުނީ ގާނޫނުއަސާސީ އޮތް ގޮތަށް ބާއްވާފައި، އެއާ ހިލާފަށް ގާނޫނެއް ފާސްކޮށްގެންނެވެ. ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އަދި މަގާމުން ވަކިކުރީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށެވެ.
ޝާހީން ވިދާޅުވި ގޮތުގައި ފަނޑިޔާރުން ވަކިކުރުމާއި މައްސަލަތައް ބަލާނެ އޮނިގަނޑު މިހާރަށް ވުރެ ރަނގަޅުކުރަން ޖެހެ އެވެ.
"ގާނޫނު އަސާސީއަށް ވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އެކަމާ ގުޅޭ ގޮތުން ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުގެއަށް އައްޔަން ކުރާ މީހެއްގެ އިލްމީ ފެންވަރާއި ތަޖުރިބާ ވެސް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ބަޔާންކުރަން ޖެހޭ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަށް ޝާހީން ވެސް ތާއީދުކުރައްވަ އެވެ.
"ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް ވަރަށް ފަސޭހަ ކަމަށް އަޅުގަނޑަށް ބައެއް ފަހަރު ހީވޭ. އަޅުގަނޑުމެން ގާނޫނުއަސާސީ އެކުލަވާއިރު ވަރަށް ގިނައިން ވާހަކަ ދެކެވުނު ކަމެއް ފަނޑިޔާރުގެއަށް އައްޔަން ކުރަންވާނީ އެ ރޮނގުން ތައުލީމާއި ތަޖުރިބާ ލިބިފައި ހުރި ބައެއް ކަމަށް،" ޝާހީން ވިދާޅުވި އެވެ.
"އެކަމަކު [އެމީހުންގެ] ތަޖުރިބާ ބަލަން ފެށި ގޮތުން އެންމެ ރަނގަޅު ގޮތަކަށް ނޫންކަން އެނގޭ އެކަން ވެގެން ގޮސްފައި މި ވަނީ. ގާނޫނީ ރޮނގުން ފާހެއް ލިބޭތާ މާ ގިނަ ދުވަސްތަކެއް ނުވެ ފަނޑިޔާރު ކަމަށް އެބަ އައްޔަން ކުރެވޭ. ހަގީގަތުގައި އެއް އަހަރު ދެ އަހަރު ވެސް އެއީ އެއްވެސް މުއްދަތެއް ނޫން ފަނޑިޔާރަކަށް ވާން. ގާނޫނަކުން ނުވަތަ ގަވާއިދެއްގެ ތެރެއިން ވެސް އެބަ ޖެހޭ މިފަދަ ކަންކަން ހަރުދަނާ ކުރަން."
ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ރަނގަޅަށް ވަޒަން ކުރެވޭނެ ނިޒާމެއް އެކުލަވާލުން މުހިންމު ކަމަށް ވެސް ޝާހީން ގަބޫލުކުރައްވަ އެވެ.
"ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ވެސް ބެލޭނެ އެއްވެސް ފަރާތެއް ނެތް ކަހަލަ ގޮތަކަށް މި ފެންނަނީ. އެހެން އެކަން ވެގެންނުވާނެ. އެކަމަށް ވެސް އެބަ ޖެހޭ ގާނޫނީ އޮނިގަނޑެއް އޮންނަން ނުވަތަ ވަރުގަދަ ކުރަން. ފަނޑިޔާރުންނަށް އެކަންޏެއް ނޫން މިކަން ނިސްބަތްވަނީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަމުގެ ވާހަކަ ވެސް އެ އޮންނަ އޮނިގަނޑު ރަނގަޅު ނުވެގެން ހިނގަމުންދާ ކަންކަން އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުގެ އަދި ފަނޑިޔާރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވާ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވަރަށް ސާފުކޮށް ދައްކަވައިފަ އެވެ. އެކަމަކު ރައީސް ފާހަގަކުރައްވާފައިވާ ގޮތަށް ފަނޑިޔާރުގެ ރައްޔިތުންނަށް ޖަވާބުދާރީ ކުރުވާނީ ކިހިނަކުން ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ފަނޑިޔާރުގެ އަދި ފަނޑިޔާރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމަށް އެންމެ މުހިންމު ކަމަކީ ޝަރީއަތުގެ މަޖިލިސް އާންމުކޮށް ހުޅުވާލުން ކަމަށެވެ.
"ފަނޑިޔާރުގެ ޖަވާބުދާރީ ކުރުވުމަށް އެންމެ މުހިންމު އެއް ކަމަކީ ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލިސްތަކެއް ބޭއްވުން. އޭގެ މާނައަކީ ތިން މީހުން މަޖިލިހަށް ވައްދާފައި ދޮރު ލައްޕައި ތަޅުލުމެއް ނޫން. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ 2008 ގެ ފަހުން ރާއްޖޭގައި ރަނގަޅު ޝަރީއަތެއް ހިންގާފައި އޮތް ކަމަކަށް،" ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެގެން މިހާރު ވެސް ސަސްޕެންޝަނުގައި ހުންނެވި އަލީ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ރައީސަށް ހުވާ ލައިދެއްވަނީ: ޖުޑީޝަރީއަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި -- ނިޝާން އަލީ / މިހާރު ފޮޓޯ
އޭނާ ގަބޫލުކުރައްވާ ގޮތުގައި ފަނޑިޔާރުންގެ އަދި ޝަރީއަތުގެ ވެސް ވެރިފަރާތަކީ ރައްޔިތުންނެވެ. އެހެންކަމުން ރައްޔިތުންނަށް ނުފެންނަ ގޮތަށް އަދި ވާނުވާ ނޭނގޭ ގޮތަށް ޝަރީއަތް ކުރުމުން އެ މަސައްކަތުގެ މާނަ ގެއްލޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ކޮންމެ އެއްޗެއްގެ ވެސް ވެރިފަރާތެއް ހުންނާނެ. ޝަރީއަތުގެ ނޫން ނަމަ ފަނޑިޔާރު ގޭގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން. ޝަރީއަތް ކުރަނީ ދިވެހި ރައްޔިތުންނަށްޓަކައި. އެހެންވީމަ ފުރަތަމަ ކަމަކީ ޝަރީއަތް ކުރާ ތަން ރައްޔިތުންނަށް ފެނުން، ޝަރީއަތަށް އެކްސެސް އޮތުން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވާ ގޮތުގައި ފަނޑިޔާރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވަން ހަދާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުންގެ ހިމާޔަތުގައި އޮންނަ ކޮމިޝަނަކަށް ނުވުން މުހިންމެވެ.
"ފަނޑިޔާރުން އެކައުންޓަބަލް ކުރުވަން އޮންނަ ތަނެއް ޖުޑީޝަލް ސާވިސް ކޮމިޝަނަކީ. އެކަމަކު އެތަނުން އެކްޓް ކުރަނީ ފަނޑިޔާރުންގެ ސަލާމަތަށް. އަދި ސިޔާސީ މީހުންގެ ވެސް އެމީހުން ބޭނުންވާ ހުކުމްތައް ކޮށްގެން ފަނޑިޔާރުން ދަށުލައިގެން މި ތިބެނީ. މި މީހުންގެ ސަލާމަތަށް ބޭނުންވާ ފާރު ވަށައި ރާނައިގެން ބޭނުންވާ ހުކުމް ކޮށްލަ ކޮށްލާ މި ތިބެނީ. ރައްޔިތުންނާ ބެހޭ ކަމެއް، ރައްޔިތުންނާ ވާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޖޭއެސްސީ ހަރުދަނާ ކުރުމަށާއި އެ ކޮމިޝަނުގެ މެންބަރުން ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ވެސް ހަރުދަނާ ބަޔަކަށް ވާން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވެ އެވެ.
"ރައްޔިތުންގެ މަޖިލީހުން އެބަ ޖެހޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އެކްޓިވޭޓް ކުރަން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އަޅުންނަށް ވެގެން ނޫން ނަމަ ރައީސްގެ މަސައްކަތު މީހުންނަށް ވެގެން ނޫން ނަމަ ރައީސްގެ ޕަޕެޓުންނަށް ވެގެން މަސައްކަތް ކުރުން ވެސް ހުއްޓާލަން ޖެހޭ. ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ބަޔަކަށް މެންބަރުން ވާން ޖެހޭނެ. އެއިރުން ރައްޔިތުންނާ ގުޅޭ ކަންކަމުގައި ޖަވާބުދާރީ ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ސުމޯޓޯގެ އުސޫލުން ނުވަތަ އަމިއްލަ އަށް ބާރު ލިބިގެން ސުޕްރީމް ކޯޓުން ވަނީ ބައެއް ގާނޫނުތަކަށް ބަދަލު ގެނެސްފަ އެވެ. އަދި ބައެއް މައްސަލަތައް އަމިއްލައަށް ބަލައި، ގޮތް ވެސް ނިންމައިފަ އެވެ. ފަނޑިޔާރުގެ ޖަވާބުދާރީ ކުރުވަން ބޭނުންވާ ނަމަ ސުމޯޓޯގެ ބާރު ކޯޓުތަކުން ނަގަން ޖެހޭ ކަމަށް ވެސް އަލީ ގަބޫލުކުރައްވަ އެވެ.
"ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރި ނަމަވެސް ކޯޓުތަކާ ބެހޭ ބައި ނުވަތަ ކޯޓުތަކަށް ކިރިޔާ ވެސް ބުރުލެއް އަންނަ ނަމަ އެބައި އުވާލަނީ މި. އެހެންވެސް ހެދިގެން ނުވާނެ. ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސް ކުރީމަ ފަނޑިޔާރުންގެ ކަމަކީ ތަންފީޒު ކުރުން. އެހެންވީމަ ސުމޯޓޯ ބާރު ހުރިހާ ކޯޓުތަކުން ނަގަން ޖެހޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އެންމެ ދަށު މަރުހަލާގެ ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ނުފޫޒު ވަދެފައިވާ ކަމުގެ ހެކިތައް ފެންނަން އެބަ ހުއްޓެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ބައެއް އެހެން ފަނޑިޔާރުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތަކުން ވެސް އެކަން އެނގެ އެވެ.
ސުވާލަކީ ނުފޫޒުން އެއްކިބާވެފައިވާ ފަނޑިޔާރުގެއެއް ބިނާކުރާނީ ކިހިނަކުންތޯ އެވެ؟
ގާނޫނީ ވަކީލު މަހްފޫޒު ސައީދު ގަބޫލުކުރައްވާ ގޮތުގައި މީގެ ކުރިން ފަނޑިޔާރުގެއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަމުން ދިޔަ ފަރާތަކީ ސަރުކާރެވެ. އަދި އާ ރައީސްގެ ވާހަކަފުޅުގައި އެ ވިދާޅުވީ ސަރުކާރުން އެ ފޯރުވަމުން ދިޔަ ނުފޫޒުތައް މީގެ ފަހުން ނުފޯރާނެ ކަމުގެ ޔަގީންކަން ކަމަށް މަހްފޫޒު މާނަކުރެއްވި އެވެ.
"އަޅުގަނޑަށް މާނަކުރެވެނީ ރައީސް އެ ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވާތީއޭ ރަނގަޅަށް އެކަން ނުކުރެވިގެން އުޅެނީ. ދެން މީގެ ފަހުން ތިމަން މަނިކުފާނު ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމަ ސަރުކާރުން ކުރާ ކަމެއް ސަރުކާރުން ހުއްޓާލީމަ އެބައި އެ ނިމުނީ،" މަހްފޫޒް ވިދާޅުވި އެވެ.
ސަރުކާރުގެ އިތުރުން ވިޔަފާރިވެރިންނާއި ސިޔާސީ މީހުންގެ ނުފޫޒު ވެސް ފަނޑިޔާރުގެއަށް ވަންނަ ކަމަށް މަހްފޫޒު ގަބޫލުކުރައްވަ އެވެ. އެކަމަކު މިހާރު ވެސް އޮތް ނިޒާމުގެ ތެރެއިން މަސައްކަތް ކުރާ ނަމަ އެ ނުފޫޒުތައް ހުއްޓާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރިވެރިންނާއި ސިޔާސީ މީހުންގެ ނުފޫޒު ވެސް ޖުޑިޝަރީއަށް އެބަ އޮތް. އެކަންތައް ޖެހޭނީ ޖޭއެސްސީ ހަރުދަނާކޮށްގެން އެ ކޮމިޝަނުގެ ތެރެއިން ބަލަން. ޖޭއެސްސީން އެ މައްސަލަ ނުބަލާ ނަމަ ގާނޫނުއަސާސީން އެކަމަށް އޮތް ހައްލަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ޒިންމާދާރު ކުރުވުން،" މަހްފޫޒު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ރައީސް ހުވާކުރެއްވުމުގެ ދަރުބާރުގައި: އިލްމީ ހުނަރުވެރި ބަޔަކަށް ފަނޑިޔާރުން ހަދަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައި .-- ނިޝާން އަލީ /މިހާރު
އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރަނގަޅަށް އަމަލު ކުރަމުންދާ ނަމަ ފަނޑިޔާރުގެ އޯވާހޯލަކަށް ނުގޮސް ޖުޑީޝަރީ އިސްލާހުކޮށް ފަނޑިޔާރުން ނުފޫޒުން ވެސް ސަލާމަތް ކުރެވިދާނެ ކަމަށެވެ.
"ގާނޫނުއަސާސީގެ އެ މެކޭނިޒަމް އެއްކޮށް ޕެރަލައިޒްވެފައި މިހާރު އެ އޮތީ. އެ މެކޭނިޒަމް ހިންގަން ފެށީމަ މިހާރު މި ތިއްބެވި ފަނޑިޔާރުން ގޮވައިގެން ވެސް ޖުޑިޝަރީއަކީ ރަނގަޅު އެއްޗަކަށް ހެދިދާނެ. ނިޒާމު އޮތީ ކުރިންސުރެ ވެސް އެކަށައެޅިފައި. ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރެދާނެ. އެކަމަކު އެއަށް ވުރެ ބޮޑަށް ޖޭއެސްސީ ހަރުދަނާވެފައި، ފެއިލްކޮށްލާފައި އޮތް މެކޭނިޒަމް ހިންގަން ފެށީމަ މިހާރު ތިބި ފަނޑިޔާރުންނާ އެކީގައި ވެސް ޖުޑިޝަރީއަކީ ރަނގަޅު އެއްޗަކަށް ހެދިދާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި މުހިންމު އަނެއް ކަމަކީ ރައްޔިތުންނަށް އިންސާފު ހޯދައިދެވޭހާ އިލްމީ ގާބިިލްކަމާއި ތަޖުރިބާ ހުރި ފަނޑިޔާރުގެއެއް ބިނާ ކުރުމެވެ.
ގާނޫނީ ވަކީލު މުހައްމަދު ޝަފީއު ވިދާޅުވީ އިލްމީ އަދި ގާބިލް ފަނޑިޔާރުން ބިނާކުރެވޭނީ ފަނޑިޔާރުންނަށް ދާއިމީ ގޮތެއްގައި ތަމްރީނު ދެވިގެން ކަމަށެވެ.
"ލޯ ސްކޫލަކަށް ގޮސް ގާނޫނު ކިޔަވާއިރު މި ކިޔަވަނީ އުޑު ދަށުގައި ހުރި ހުރިހާ ވައްތަރެއްގެ ގާނޫނެއް ނޫން. ބެޗްލާސް ޑިގްރީއެއް ހާސިލްކުރާ މީހަކު އާންމު ގޮތެއްގައި މި ދަސްކުރަނީ ބޭސިކްސް. އެންމެ އަސާސް އެއް ކަމަކީ ގާނޫނު ކިޔަން ދަސްކުރުން. މާނައަކީ ގްރެޖުއޭޓްވެގެން ގޮސް ދެން ފޮތް ބަަލައިގެން ގާނޫނު ވަކިކުރަން އެނގެން ޖެހޭ. މާނައަކީ އޭގެ ފަހުން ވެސް ތަމްރީނުތަކެއް އެބަ ހަދަން ޖެހޭ،" ޝަފީއު ވިދާޅުވި އެވެ.
ފަނޑިޔާރުންނަށް ތަމްރީނު ދިނުމަށް މަރުކަޒެއް ހަދާފައި ހުރި ނަމަވެސް އެންމެ އެކަށީގެންވާ ގޮތަށް އެތަން ހިންގަމުން ނުދާ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.
"ޖުޑީޝަލް އެކަޑަމީއެއް ހަދާފައި އޮވޭ ރާއްޖޭގައި. ދޭތެރެ ދޭތެރެއިން ބޭރުގެ ޕްރޮފެސަރެއް ގެނެސް ތަމްރީނު ވެސް ނަގައިދީފާނެ. އެކަމަކު ހަގީގަތުގައި ޕްލޭނެއް އޮވެގެން، އޮނިގަނޑެއް ކަނޑައަޅައިގެން، ތަސައްވަރެއް އޮވެގެން އެކަން ކުރާތީއެއް ނުފެނޭ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ އިލްމާއި ތަޖުރިބާ ހުރި ފުރިހަމަ ފަނޑިޔާރުގެއެއް ބިނާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ރައީސަށް އެކަމުގައި ބޮޑު ރޯލެއް އަދާ ކުރެއްވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑަށް ހީވަނީ ވަރަށް އެމްބިޝަސް ކަމެއްހެން ރައީސް އެ ވިދާޅުވަނީ. އެއީ ފުދޭވަރަކަށް ވަގުތު ނަގާނެ ކަމެއް. ބޮޑެތި ބަދަލުތަކެއް މުޅި ނިޒާމަށް އަންނަން ޖެހޭ،" ޝަފީއު ވިދާޅުވި އެވެ.
"މި ފަސް އަހަރުން ރައީސަށް އެޗީވް ނުކުރެވިދާނެ ކަމެއްހެން އަޅުގަނޑަށް ހީވަނީ. އެކަމަކު އޭގެ ބިންގާ އެޅިދާނެ ރައީސަށް. މިކަހަލަ ކަންކަން ދިގު މުއްދަތެއްގެ ތެރޭގައި ރަނގަޅު ސިސްޓަމަކަށް އެޅޭނީ. މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް ފަނޑިޔާރުންނަށް ތަމްރީނު ދިނުން ފަދަ ކަންކަމަކީ ދިގު މުއްދަތެއްގެ ތެރޭގައި ސިސްޓަމެއްގެ ތެރެއަށް ފެތިފައި ހުރި ކަންކަން."
ގޯސްކޮށް އޮތް ތަނެއް ރަނގަޅުކުރަން ބައެއް ފަހަރަށް ކުޑަ މަރާމާތަކުން ފުދެ އެވެ. އަނެއް ބައި ފަހަރު ޖެހޭނީ، އަލުން ތަނެއް ހެދުން ފަދަ ބޮޑެތި މަރާމާތުތަކެއް ކުރާށެވެ. އެގޮތުން ބަލާއިރު ރާއްޖޭގެ ފަނޑިޔާރުގެއަށް ބޭނުންވަނީ ބޮޑު މަރާމާތެކެވެ. އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުން ވަރަށް މުހިންމެވެ. ދެން އޮތީ ފިޔަވަޅުތައް އެޅުމެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި: ރައީސް
ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް؟!
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ސޫމޯޓޯ ބާރު ބަދަލުކުރަން ޖެހޭ: އަލީ
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި
ޝަރުއީ ދާއިރާ އިތުބާރުކުރާ ތަނަކަށް ހަދާނަން: މަސްތޫރު
ޖޭއެސްސީއަށް ރައީސް ކަނޑައަަޅާ މެމްބަރު ކަމަށް މަސްތޫރު
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
ޖޭއެސްސީ މެމްބަރުންނަށް ވަކާލާތު ކުރެވިގެން ނުވާނެ