Roadha Mihaaru
ފަނޑިޔާރުންގެ ވާހަކަ ދައްކާތީ އިންޒާރު ދީފި

ފަނޑިޔާރުންގެ މަސްއޫލިއްޔަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނަން: ޑީޖޭއޭ

21 އޯގަސްޓް 2017

ޝަރީއަތާ ގުޅޭ ކަންކަމުގައި މީޑިއާތަކުގައި ވާހަކަދައްކައި އަދި އެފަދަ ކަންކަމަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ މަސްއޫލިއްޔަތަށް ހުރަސްއަޅާ ނަމަ އެ ކަންކަމާ މެދު ފިޔަަވަޅު އަޅާނެ ކަމުގެ އިންޒާރު ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޝަރީއަތާ ގުޅޭ ކަންކަމުގައި މީޑިއާތަކުގައި ވާހަކަދައްކައި އަދި އެފަދަ ކަންކަމަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ މަސްއޫލިއްޔަތަށް ހުރަސްއަޅާ ނަމަ އެ ކަންކަމާ މެދު ފިޔަަވަޅު އަޅާނެ ކަމުގެ އިންޒާރު ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ދީފި އެވެ.

ސުޕްރީމް ކޯޓަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައި ނެރުނު މި ނޫސްބަޔާނުގައި ބުނީ ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަފާތު ގޮތްގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް މީޑިއާ މެދުވެރިކޮށް އެކި ފަރާތްތަކުން ފަތުރަމުން ގެންދާކަން ފާހަގަކުރެވޭ ކަމަށެވެ.

މީޑިއާތަކަށާއި ވަކީލުންނަށް އިންޒާރުދީ ނެރުނު ބަޔާނުގައި ބުނީ ޝަރީއަތަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ މަސްއޫލިއްތު އަދާކުރުމަށް ހުރަސްއަޅަނީ ގާނޫނީ ވަކީލެއް ނަމަ، އެ ވަކީލެއްގެ ހުއްދަ ވަކި މުއްދަތަކަށް ނުވަަތަ ދާއިމީކޮށް ބާތިލްކުރެވޭނެ ކަމަށެވެ.

ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކުން އެއްކިބާވެ ތިބުމަށް މީގެ ކުރިން ވެސް ތަކުރަރުކޮށް އަންގަމުން ދިއުމާއެކު ވެސް ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ. އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށް އަންގައި، އިންޒާރު ދީފައި ވަނީ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"...އެފަދަ އަމަލެއް ކުރި ފަރާތަކީ ގާނޫނީ ވަކީލެއް ކަމުގައި ވާނަމަ އެފަދަ ފަރާތެއްގެ ވަކާލާތުކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލްކުރެވޭނެ ކަން އަންގައި، އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށް އަންގަމެވެ،" ޑީޖޭއޭގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނަގަހައްޓައި ގާނޫނީގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާތައް ޝަރުއީ ދާއިރާއިން އުފުލަމުން އަންނަ ކަމަށެވެ. އަދި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރޭގައި ހުރިހައި އެންމެން ވެސް އަމަލާއި ބަސް މަގު ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މި ބަޔާން ނެރެފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި އެކަމުގައި ކޯޓުން ހުކުމް ކުރުން ލަސްވަމުން ދާތީ އިދިކޮޅު ފަރާތްތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރުމަށް މިއަދު ކޯޓަށް ގޮސްފައި ވަނިކޮށެވެ. އުއްތަމަ ފަނޑިޔާރާ ބައްދަލު ނުވުމުން މީޑިއާއާ ވާހަކަ ދައްކަމުން އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން ވަނީ މައްސަލައިގެ ހުކުމް އަވަސްކޮށްދިނުމަށް ގޮވާލައިފަ އެވެ.