Roadha Mihaaru
ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި

ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި

12 ނޮވެމްބަރ 2017

ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑް ކުރި ހިސާން ހުސެއިން އާއި އިބްރާހިމް ރިފްއަތުގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑް ކުރި ހިސާން ހުސެއިން އާއި އިބްރާހިމް ރިފްއަތުގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

ސިޔާސީ ބޭފުޅުންގެ ވަކީލުންގެ ގޮތުގައި އާންމުކޮށް ވަކާލާތު ކުރައްވާ ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިއުލާނުގައި ބުނީ މިދިޔަ ސެޕްޓެމްބަރު 10 އިން ފެށިގެން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ވަކީލުންގެ ތެރެއިން މި ދެ ވަކީލުންގެ ސަސްޕެންޝަން އުވާލީ އެ ބޭފުޅުންނާ ގުޅޭ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ޑީޖޭއޭ އިން ނުދެ އެވެ.

ހިސާން އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.

މެމްބަރު މުހައްމަދު ވަހީދާ އެކު ވަކީލް ރިފްއަތު (ވ) ސަލާމް ކުރައްވަނީ. -- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މެމްބަރު މުހައްމަދު ވަހީދާ އެކު ވަކީލް ރިފްއަތު (ވ) ސަލާމް ކުރައްވަނީ. -- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މީގެއިތުރުން ހިސާން އާއި ރިފްއަތަކީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލާގައި އެ ބޭފުޅުންގެ ވަކީލުންނެވެ.

ޑީޖޭއޭ އިން އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ 54 ވަކީލެކެވެ. އޭގެ ތެރެއިން 37 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ. އެހެންވެ، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް މިހާރު ސަސްޕެންޝަންގައި ތިބޭނީ 15 ވަކީލެކެވެ.

މީގެތެރެއިން ގިނަ ވަކީލުންނަކީ ސިޔާސީ އެކި ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި، އަދި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މިއީ ރާއްޖޭގައި މިހާ ގިނަ ވަކީލުންތަކެއް އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރުމާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓު ކައިރިއަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފަ އެވެ.