Roadha Mihaaru
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި

ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި

10 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް ފާޑުވިދާޅުވުމުން، ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން، މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް ފާޑުވިދާޅުވުމުން، ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން، މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

އަލީ ހުސައިން "މިހާރު" އަށް ވިދާޅުވީ ޑީޖޭއޭ އިން އޭނާއާ ސުވާލުކުރީ ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅޭގޮތުން ވީޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށެވެ.

މަޖިލީހުުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލްކުރަން އެ ކޮމިޝަނުން ނިންމުމުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގައި އެ މައްސަލަ ހިނގަމުން ދަނިކޮށް އެގޮތަށް ނުނިންމޭނެ ކަމަށް ކަނޑައަޅައި، އީސީގެ ނިންމުން ބާތިލްކޮށްފަ އެވެ.

އެ އަމުރާ ގުޅިގެން އަލީ ހުސައިން ވީޓީވީގައި ވިދާޅުވީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމި ނިންމުން އެ ކޮމިޝަނުން ބާތިލްކުރުމުން އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް ނޯންނާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ހުށަހެޅި ދައުވާ ނެތިދިއުމުން ނުވަތަ ދައުވާއަށް އިންކާރުކުރާ ފަރާތުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުމެވެ. އެހެންވެ ކޯޓުން އެކަމާ ދައްކާނެ އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އަލީ ހުސައިން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. އަލީ ހުސައިންގެ މައްސަލަ މިއަދު ބަލަން ފަށާފައިވާއިރު ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހަތަރު މަހަށް ސަސްޕެންޑް ކުރަން އިއްޔެ ވަނީ ނިންމައިފަ އެވެ. ސުއޫދު ސަސްޕެންޑް ކުރީ މިދިޔަ މަހު އޭނާ ކުރެއްވި ޓްވީޓަކާއި އޭނާއާ ހަވާލާދީ މީޑިއާއެއްގައި ލިޔުނު ޚަބަރަކާ ގުޅިގެންނެވެ.