Roadha Mihaaru
ހުޅުމާލޭގައި ހަދާ "ފިތުރޯން" އެޕާޓްމަންޓްތައް ވިއްކަނީ

ހުޅުމާލޭގައި މުނި އެންޓަޕްރައިސަސް އިން ހަދާ "ފިތުރޯން" އެޕާޓްމަންޓްތައް ވިއްކަން ފަށައިފި

07 ޖުލައި 2017

ހުޅުމާލޭގައި މުނި އެންޓަޕްރައިސަސް އިން "ފިތުރޯން"ގެ ނަމުގައި ހަދާ މަތީ ފެންވަރުގެ އެޕާޓްމެންޓްތައް ވިއްކަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި މުނި އެންޓަޕްރައިސަސް އިން "ފިތުރޯން"ގެ ނަމުގައި ހަދާ މަތީ ފެންވަރުގެ އެޕާޓްމެންޓްތައް ވިއްކަން ފަށައިފި އެވެ.

މި އެޕާޓްމެންޓްތައް ވިއްކުން ރަސްމީކޮށް ފެށީ ދަރުބާރު ގޭގައި އިއްޔެ އިން ފެށިގެން ކުރިއަށް ގެންދާ ފައިނޭންޝަލް އެކްސްޕޯގަ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރިކުރާ ކުންފުނިން ހުޅުމާލޭގެ ފިތުރޯނުމަގުގައި ހަދާ އެޕާޓްމެންޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރުމަހު ނިމޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ މުނި އެންޓަޕްރައިސަސް އިން ހުޅުމާލޭގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓެވެ.

މުނި އެންޓަޕްރައިސަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަލީ ޝާތިރު ވިދާޅުވީ ހުޅުމާލޭގައި 10 ބުރި އަށާއި ނުވަ ބުރި ހިމެނޭ ގޮތަށް ހަދާ ދެ ޓަވަރުގައި ޖުމުލަ 95 އެޕާޓްމެންޓް ހުންނާނެ ކަމަށެވެ. އެޕާޓްމެންޓްތަކުގެ އަގު އުޅެނީ 1.6 މިލިއަނާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އެގޮތުން މިހާތަނަށް 20 އެޕާޓްމެންޓް ގަންނަން ބުކިން ފީ ދައްކާފައިވާ ކަމަށް މުނިން ބުންޏެވެ.

މުނި އެންޓަޕްރައިސަސް އިން ހުޅުމާލޭގައި ހަދާ "ފިތުރޯން" ރެސިޑެންސީއާ ބެހޭ މައުލޫމާތު، ފައިނޭންޝަލް އެކްސްޕޯގއި މިއަދު ދެނީ.--- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މުނި އެންޓަޕްރައިސަސް އިން ހުޅުމާލޭގައި ހަދާ "ފިތުރޯން" ރެސިޑެންސީއާ ބެހޭ މައުލޫމާތު، ފައިނޭންޝަލް އެކްސްޕޯގއި މިއަދު ދެނީ.--- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އަޅުގަނޑުމެންގެ ސްލޯގަން ކަމަށްވާ 'އެންހޭންސް ޔޯ ލައިފް' ގެ ދަށުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ކުރިން ވަރަށް ގިނަ ސްޓަޑީތައް ހަދާފައި އަގުތައް ވެސް ކަނޑައަޅާފައި ވާނީ. މީގެ އިތުރުން މިތަނުގައި ދިރިއުޅޭ މީހުންނަށް ވަރަށް ގިނަ ޚިދުމަތްތައް ލިބޭ ގޮތަށް ޑިޒައިންކޮށްފައިވާނީ،" އޭނާ ވިދާޅުވި އެވެ.

ޝާތިރު ވިދާޅުވި ގޮތުގައި މުނި އެންޓަޕްރައިސަސްގެ އެޕާޓްމެންޓްތައް ހުންނާނީ ތިންވަނަ ބުރިން ފެށިގެންނެވެ. އަދި ފުރަތަމަ ދެ ބުރީގައި ހުންނާނީ ވިޔަފާރި ޔުނިޓްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެތަނުގައި ސްވިމިން ޕޫލާއި ޖިމްއަކާއި ކުޑަކުދިން ކުޅޭ ތަނަކާއި ޕާކިން އާއި އެނޫން ވެސް ތަފާތު ޚިދުމަތްތައް ވެސް ލިބެން ހުރެ އެވެ.

"މިތަނުގައި ހަދާ ހުރިހާ އެޕާޓްމެންޓްތަކުގެ ކޮޓަރިތަކުގައި ޕާކޭ ހުންނާނީ ޖަހާފައި. ލިވިން އޭރިއާތަކުގައި ހުންނާނީ ޓައިލްސް ޖަހާފައި. ޕެންޓް ހައުސް ގަންނަ ފަރާތްތަކަށް ކާރު ޕާކިން ސްލޮޓަކާއި ސައިކަލް ޕާކިން ސްލޮޓެއް ވެސް ހިލޭ ލިބޭނެ. އޭގެ އިތުރުން ހިިލޭ އިންޓީރިއާ ޑިޒައިން ކޮށްދެވޭނެ. އަދި ޕެންޓް ހައުސް އަށް ސުވިމިން ޕޫލެއް އޮންނާނެ،" ޝާތިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް މުނި ހޯމް ކެއާއިން 30 ޕަސެންޓްގެ ޑިސްކައުންޓާއެކު ފަރުނީޗަރު ވެސް ފައިސާ ދައްކާފައި ގަންނަން ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ކްރެޑިޓް ސްކީމްގެ ތެރެއިން ވެސް ފަރުނީޗަރު ލިބޭނެ ކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ.

"އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ފަރުނީޗަރު ކަސްޓަމައިޒް ވެސް ކޮށްދެވޭނެ. ހުރިހާ އެޕާޓްމަންޓެއްގައި ވެސް އަޅުގަނޑުމެން ވިއްކާ ކިޗަން ސިސްޓަމް ހުންނާނެ. އޭގެ އިތުރުން ބްރޭންޑެޑް އެއްޗެތި މުޅިން ހުންނާނީ،" އޭނާ ވިދާޅުވި އެވެ.