Roadha Mihaaru
ފައިނޭންޝަލް އެކްސްޕޯ: ގެދޮރާ ބެހޭ ހުރިހާ ކަމެއް

ފައިނޭންޝަލް އެކްސްޕޯ: ގެދޮރާ ބެހޭ ހުރިހާ ކަމެއް

08 ޖުލައި 2017

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ވަދެ އިރުކޮޅެއް ހޭދަކޮށްފި ނަމަ، މިވަގުތު މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ގެދޮރު މަޝްރޫއުތަކާ ބެހޭ އެތައް މައުލޫމާތެއް، އަދި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ބޭންކްތަކުން ލިބެން ހުރި ޚިދުމަތްތައް، ވަރަށް ތަފްސީލުކޮށް ލިބެން އެބަ ހުއްޓެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ވަދެ އިރުކޮޅެއް ހޭދަކޮށްފި ނަމަ، މިވަގުތު މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ގެދޮރު މަޝްރޫއުތަކާ ބެހޭ އެތައް މައުލޫމާތެއް، އަދި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ބޭންކްތަކުން ލިބެން ހުރި ޚިދުމަތްތައް، ވަރަށް ތަފްސީލުކޮށް ލިބެން އެބަ ހުއްޓެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިރޭގެ ނިޔަލަށް ކުރިޔަށް ގެންދާ އެކްސްޕޯ މިފަހަރު ހާއްސަކޮށްފައި ވަނީ ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާ ބެހޭ މައުލޫމާތު ދިނުމަށެވެ. މި އެކްސްޕޯގައި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ ވަރަށް ގިނަ ކުންފުނިތަކާއި ބޭންކުތަކުން ބައިވެ އެވެ.

ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތްކުރަން ހުރި ފުރުސަތުތަކާއި މާލީ އިދާރާތަކުން ފައިނޭންސް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތާއި ބައެއް ހިދުމަތްތަކަށް ފޯމް ވެސް ބަލައިގަނެ އެވެ.

ދަރުބާރުގެ ރަންނަބަނޑޭރި މާލަމާއި މަތީ ހުރިހާ މާލަމެއް ފުރެންދެން އޮތީ ގެދޮރާ ބެހޭ މައުލޫމާތު ދޭ އެކި ސްޓޯލްތަކުންނެވެ. ރަންނަބަނޑޭރި މާލަން ހާއްސަކޮށްފައި ވަނީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކަށެވެ.

ހުޅުމާލޭގައި އަލަށް ހަދާ އެޕާޓްމަންޓްތަކަކާ ބެހޭ މައުލޫމާތު އެކްސްޕޯގެ ސްޓޯލަކުން މީހަކަށް ކިޔައިދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ހުޅުމާލޭގައި އަލަށް ހަދާ އެޕާޓްމަންޓްތަކަކާ ބެހޭ މައުލޫމާތު އެކްސްޕޯގެ ސްޓޯލަކުން މީހަކަށް ކިޔައިދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މި އެކްސްޕޯގައި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ ބައެއް ކުންފުނިތަކުން ވަނީ އަލަށް ހަދާ އެޕާޓްމަންޓްތައް ވިއްކަން ވެސް ފަށައިފަ އެވެ. އަދި ބައެއް ބޭންކުތަކުން ވަނީ އާ ހިދުމަތްތައް ވެސް ތައާރަފްކޮށްފަ އެވެ.

ދަރުބާރުގޭގެ ސިޑިން އަރައިގެން ދާއިރު ސިފަވަނީ ހުޅުމާލޭގެ ފިތުރޯނު ގަސްތައް ހުންނަ ސަރަހައްދެވެ. ފާރުގައި ހަރުކޮށްފައިވާ ބެލްކަނިތަކުން ދައްކައިދެނީ އެޕާޓްމަންޓްތަކެއްގެ ބޭރު ހުންނަ ގޮތެވެ. ސްޓޯލްތަކަށް ވަނުުމުގެ ކުރިން ފެންނަ އޮނުތަކުން ދައްކައިދެނީ ހުޅުމާލޭގައި އަލަށް ހަދާފައިވާ ސެންޓްރޯ މޯލެވެ. އަދި ސެންޓްރަލް ޕާކު ސިފަވާ ގޮތަށް ބެންޗްތައް ވެސް ބަހައްޓާފައިވެ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބާއްވާ ދަރުބާރުގެއަށް ގެނެސްފައިވާ ބަދަލެއް --ފޮޓޯ: ބްލަކް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބާއްވާ ދަރުބާރުގެއަށް ގެނެސްފައިވާ ބަދަލެއް --ފޮޓޯ: ބްލަކް

މި އިވެންޓް މެނޭޖްކުރާ ބްލަކްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވީ މިފަހަރު ތަފާތު ގޮތަށް އެކްސްޕޯ ދައްކައިދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

"ވަރަށް ބޮޑަށް މީހުން ޝައުގުވެރިވާނެ ކަންތައްތައް ހިމަނާފައިވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވި ގޮތުގައި އެކްސްޕޯއަށް އަންނަ މީހުންނަށް ކޮފީ އާއި ކެއިންބުއިމުގެ ކަންތައް ހަމަޖައްސައިދޭނީ ސަލްސާ ކެފޭ އާއި މެރާކީ ކޮފީންނެވެ. ބައެއް ގަޑިގަޑީގައި ލައިވް މިއުޒިކް ވެސް ގެނެސްދެ އެވެ.

ފައިނޭންޝަލް އެކްސްޕޯގައި ހުޅުމާލެ ސިފަވާ ގޮތަށް ޒީނަތްތެރިކޮށްފައި --ފޮޓޯ: ބްލަކް

ފައިނޭންޝަލް އެކްސްޕޯގައި ހުޅުމާލެ ސިފަވާ ގޮތަށް ޒީނަތްތެރިކޮށްފައި --ފޮޓޯ: ބްލަކް

ހުޅުމާލެ އާއި މާލޭގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރެއިން ލޭންޑް ޑިވެލޮޕާސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެކްސްޕޯގެ ސަބަބުން އާ ކަސްޓަމަރުން ލިބުނު ކަމަށެވެ.

"އަޅުގަނޑުމެން ހުޅުމާލެ އާއި މާލޭގައި ބޮޑު ތިން ޕްރޮޖެކްޓެއް އެބަ ހިންގަން. މި ތަނަށް އައި ވަރަށް ގިނަ ކަސްޓަމަރުންނަށް އެތަންތަނާ ބެހޭ މައުލޫމާތު ދީފައިވާނެ. އަދި އެޕާޓްމަންޓްތައް ގަންނަން ޝައުގުވެރިވެގެން ބައެއް މީހުން ބުކްކުރި،" އެ އޮފިޝަލް ވިދާޅުވި އެވެ.

މަރުކަޒީ ބޭންކުން މިފަހަރު އެކްސްޕޯ ހާއްސަކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަށް ހައްލު ހޯދެން ހުރި ފުރުސަތުތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން ފައިނޭންސް އާއި ހައުސިންގެ ދާއިރާއިން ޖުމްލަ 30 ފަރާތުން އެކްސްޕޯގައި ބައިވެރިވި އެވެ.

"މިހާރު ރައްޔިތުންނަށް އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. އެކަމަށް ހުރި ހުރިހާ ފުރުސަތުތަކެއް ވިހާ ވެސް ފަސޭއިން ލިބޭނެ ގޮތް ހަމަޖައްސައިދޭން އަޅުގަނޑުމެން މިފަހަރު އަމާޒުކުރީ،" އެމްއެމްއޭގެ މީޑިއާ ކޯޑިނޭޓަރު މަންސޫރު ޒުބައިރު ވިދާޅުވި އެވެ.

އެކްސްޕޯގައި ބޭއްވި ސެމިނާއެއްގައި އާއްމުންނަށް މައުލޫމާތު ދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެކްސްޕޯގައި ބޭއްވި ސެމިނާއެއްގައި އާއްމުންނަށް މައުލޫމާތު ދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އޭނާ ވިދާޅުވީ އެކްސްޕޯގައި މާލީ އެކި ކަންކަމާ ބެހޭ މައުލޫމާތު ދޭން ކަމާ ބެހޭ ތަޖުރިބާކާރުން ވެސް ބައިވެރިކޮށްފައިވާނެ ކަމަށެވެ. އަދި އޭގެ އިތުރުން ބޭންކުތައް ބައިވެރިކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެތަންތަނުން ލިބެން ހުރި ހައުސިން ފައިނޭންސްގެ ފުރުސަތުތައް ރައްޔިތުނަށް އަންގައިދޭން ކަމަށް ވެސް މަންސޫރު ވިދާޅުވި އެވެ.

އެކްސްޕޯގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ސްޓޯލެއް ވެސް ހިމެނެ އެވެ. އެ ސްޓޯލްގައި ބޭންކުގެ ސެލްފް ސާވިސް ބޭންކިން ތަޖުރިބާކޮށްލެވޭ ގޮތަށް އޭޓީއެމެއް ހުއްޓެވެ. އަދި އެ ބޭންކުން ދޭ އެކި ވައްތަރުގެ ހައުސިން ލޯނުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދެ އެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ހައުސިން ލޯނާ ބެހޭ މައުލޫމާތު ހޯދަން އެތަނުގެ ސްޓޯލަށް ވަރަށް ގިނަ ބަޔަކު މިހާތަނަށް ޒިޔާރަތްކުރި ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ބޭންކުން ލިބެން ހުރި ހުރިހާ ހައުސިން ފައިނޭންސްގެ މައުލޫމާތުތައް ދެމުން. ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެކްސްޕޯއިން ދިމާވި ބައެއް މީހުން ބުނި ގޮތުގައި ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، ފަސޭހަ ގޮތެއްގައި ބޭންކުތަކުން ލޯނު ލިބިގެން ކަމަށެވެ.

"ރާއްޖޭގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ފުޅާވެ ވަރަށް ގިނަ އެޕާޓްމަންޓްތައް އެބަހުރި. އެކަމަކު އެތަންތަން އަޅުގަނޑުމެން ކަހަލަ ވިޔަފާރިއެއް ނެތް އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް ގަނެވޭކަށް ނެތް ޑައުންޕޭމަންޓާއި އިންޓަރެސްޓް ރޭޓް ބޮޑުވުމުން،" ސްޓޯލަކުން ދިމާވި މީހަކު ބުންޏެވެ.

ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަޒީމާ އާއި ހައުސިން މިނިސްޓަރު މުއިއްޒު އަދި ބޭންކެއްގެ އިސް ވެރިއަކު ވާހަކަދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަޒީމާ އާއި ހައުސިން މިނިސްޓަރު މުއިއްޒު އަދި ބޭންކެއްގެ އިސް ވެރިއަކު ވާހަކަދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ލިބޭނެ ގޮތްތައް ބޭންކުތަކުން ފަހިކޮށްގެން ނޫނީ ހައުސިން މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވެސް ވަނީ ވާހަކަދައްކަވައިފަ އެވެ.

ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު ގަތުމަށް ހެޔޮ އަގުގައި ލުއި ފަސޭހަކަމާ އެކު ލޯނު ލިބޭނެ ގޮތް ރާއްޖޭގެ ބޭންކްތަކުން ހަދަން ޖެހޭ ކަމަށެވެ. އެގޮތުން އެންމެ އާދައިގެ ވަޒީފާ އަދާކުރާ މީހާއަށް ވެސް އޭނާގެ އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް އިމާރާތްކުރަން ނުވަތަ ގަތުމަށް ލޯނު ލިބެން ޖެހޭނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"ގެދޮރުވެރިކަމާ ނުލައި ވެސް ގައުމުގެ އިގްތިސާދު ވަރަށް ބާރަށް ކުރިއަށް ގެންދެވިދާނެ. އެހެން ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ ނުވަތަ ރައްޔިތުން ބާރުވެރި ކުރެވޭނީ ނުވަތަ ގައުމުގެ ތަރައްގީގެ ފޮނި މީރުކަން ގެނެސްދެވޭނީ އެންމެންނަށް ވެސް އަމިއްލަ ގެދޮރު ލިބިގެން،" އަޒީމާ ވިދާޅުވި އެވެ.