Roadha Mihaaru
ފްލެޓް ހިއްސާކުރެވޭ ގޮތަށް އެޗްޑީސީން އާ މަޝްރޫއުއެއް

އެޗްޑީސީން ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް: މިފަހަރު ފްލެޓް ހިއްސާކުރެވޭ ގޮތަށް

04 ޖެނުއަރީ 2021

އެކި މީހުންނާ ހިއްސާވެގެން ކޮޓަރި ކުއްޔަށް ހިފައިގެން މާލޭގައި އުޅޭ މީހުންނަށް، މިހާރަށް ވުރެ ހަމަޖެހިގެން އަދި ޒަމާނީ ވަސީލަތްތަކާ އެކު ދިރިއުޅެވޭނެ ގޮތް ހަދައިދޭން އެޗުޑީސީން އާ މަޝްރޫއުއަކަށް ނުކުމެއްޖެ އެވެ

އެކި މީހުންނާ ހިއްސާވެގެން ކޮޓަރި ކުއްޔަށް ހިފައިގެން މާލޭގައި އުޅޭ މީހުންނަށް، މިހާރަށް ވުރެ ހަމަޖެހިގެން އަދި ޒަމާނީ ވަސީލަތްތަކާ އެކު ދިރިއުޅެވޭނެ ގޮތް ހަދައިދޭން އެޗުޑީސީން އާ މަޝްރޫއުއަކަށް ނުކުމެއްޖެ އެވެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ކޯ-ލިވިން ހައުސިން ޕްްރޮޖެކްޓްގައި 14 ބުރީގެ ފްލެޓް އިމާރާތެއް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ހުށައެޅުންތައް ހުޅުވަން ކުރިން ތާވަލްކޮށްފައި އޮތީ މިއަދު އެވެ. އެކަމަކު އެޗުޑީސީން މިހާރު ވަނީ މި މަހު 17 އަށް މުއްދަތު އިތުރުކޮށްފަ އެވެ.

ޑިސެމްބަަރު 23 ގައި އެޗުޑީސީން އާންމުކުރި ބަޔާނެއްގައި، އެތަނުން ކުރި ދިރާސާއަކަށް ބިނާކޮށް ކޯ-ލިވިންގެ ޑިމާންޑާ މެދު ތަފުސީލުތަކެއް ދީފައިވެ އެވެ. އެގޮތުން އެ ދިރާސާއިން އެނގުނީ، އެޗުޑީސީން ބުނި ގޮތުގައި، ވަޒީފާގައި އުޅޭ މީހުންނާއި ކިޔަވާ ދަރިވަަރުން ދިރިއުޅޭ ތަނަށް އެވްރެޖްކޮށް މަހަކު 5،000ރ ހޭދަކުރާ ކަމެވެ. އެއީ ފެނާއި ކަރަންޓާއި ކެއިންބުއިން ފަދަ، ދިރިއުޅުމުގެ އެހެން ކަންކަމަށް ކުރާ ހޭދަ ނުލަ އެވެ.

އެޗުޑީސީން ބުނި ގޮތުގައި ދިރާސާގެ 54 ޕަސެންޓް ބައިވެެރިން ބުނެފައި ވަނީ ކޯ-ލިވިން ޕްރޮޖެކްޓަށް ޝައުގުވެރިވާ ކަމަށެވެ. އަދި މަދުވެގެން އެއް އަހަރު އެއިން ތަނެއްގައި އުޅުން އެކަށީގެންވާ ކަމަށް ވެސް، އެ މީހުން ބުނެފައިވެ އެވެ.

އާ މަޝްރޫއުގެ ސަބަބުން، މާލޭ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބޯހިޔާވަހިކަމަށް މިހާރު ކުރާ ހޭދަ ކުޑަވެ، އަދި ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ފޯރުކޮށްދެވޭނެ ކަމަށް، އެޗުޑީސީން ބުންޏެވެ.

އިމާރާތް ހަދަން ކަނޑައަޅާފައި ވަނީ ގާތްގަނޑަކަށް 17،000 އަކަފޫޓުގެ ބިމެއްގަ އެވެ. އިމާރާތްކުރެވޭނީ އެންމެ އުސްވެގެން 14 ބުރިއަށެވެ. އެޗުޑީސީން ކަނޑައަޅާފައި ވަނީ ދެ ރޫމް ޝެއާކުކުރެވޭ ގޮތަށް މަދުވެގެން ނުވަ ބުރީގައި ފްލެޓްތައް ހަދަން ޖެހޭ ގޮތަށެވެ. ދުވަހު ކުއްޔަށް ދެވޭ ގޮތަށް ނުވަތަ އެއް ކޮޓަރިއެއްގައި އެކަކަށް ވުރެ ގިނަ މީހުން ޝެއާކުރެވޭ ގޮތަށް، ދެ ބުރި ހާއްސަކުރުމުގެ އިހުތިޔާރު ދޫކޮށްފައި ވަނީ ތަރަައްގީކުރާ ފަރާތަށެވެ.

މި އިމާރާތުގައި ޖިމްއަކާއި ފިހާރަތަކާއި ލައުންޑްރީ އާއި ބާބެކިޔު ހަދާ ސަރަހައްދު ފަދަ ތަންތަން ހިމެނެ އެވެ.

"ކޯ-ލިވިން ހައުސިންއަކީ ދުނިޔޭގައި ވެސް ވަރަށް މަގުބޫލުވަމުން އަންނަ ދާއިރާއެކެވެ،" އެޗުޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެންކަމުން މިއީ ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ވެސް ވަރަށް ޝައުގުވެރިވާނެ ފުރުސަތެކެވެ."

ވަޒީފާ އަދާކުރާ ނުވަތަ ތައުލީމު ހާސިލްކުރާ ގިނަ އަދަދެއްގެ ބަޔަކު އެއް ކޮޓަރި ނުވަތަ އެއް ފްލެޓް ހިއްސާކޮށްގެން މާލެ ސަރަހައްދުގައި މިހާރު ވެސް ދިރިއުޅެ އެވެ.