Roadha Mihaaru
ހުޅުމާލޭގައި އެއްމެދު އިމާރާތްތަކެއް ތަރައްގީކުރަނީ

ހުޅުމާލޭގައި އެއްމެދު އިމާރާތުގެ ގޮތުގައި ހަތް ބިމެއް ތަރައްގީކުރަން ހުޅުވާލައިފި

23 ސެޕްޓެމްބަރ 2016

މެދު ފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި އެއްމެދު އިމާރާތުގެ ގޮތުގައި ހަތް ބިމެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބީލަމަށް ލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މެދު ފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި އެއްމެދު އިމާރާތުގެ ގޮތުގައި ހަތް ބިމެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބީލަމަށް ލައިފި އެވެ.

ހުޅުމާލެ ތަރައްގީކުރާ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މީގެ ކުރިން ހުޅުމާލޭގައި ފްލެޓް ނުވަތަ ރޯހައުސް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ އެއްވެސް ކުންފުންޏަކަށް މި ފަހަރު ކުރިމަތިނުލެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ފްލެޓެއް ނުވަތަ ރޯހައުސްއެއް ތަރައްގީކުރަން ހަވާލުކުރި ކުންފުންޏެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް ޕްރޮޕޯސަލެއް ހުށަނޭޅޭނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

"ކުރިން ހުޅުމާލޭގައި މިފަދަ މަޝްރޫއެއް ހިންގާފައިވާ ފަރާތްތަކަށް މި މަޝްރޫއަށް ކުރިމަތިނުލެވޭ ގޮތަށް ހަމަޖެއްސީ މިކަމުގެ ތެރެއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން. މިކަމަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ވިޔަފާރިއެއް،" އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެއްމެދު އިމާރާތް ނުވަތަ ފްލެޓްތަކެއް ހެދުމަށް މިފަހަރު ހުޅުވާލާފައި ވަނީ ހުޅުމާލޭގެ ނެބައިހުޑް އެކަކުން 2،600 އަކަފޫޓާއި 2،713 އަކަފޫޓާ ދެމެދުގެ ސައިޒުގެ ހަތް ބިމެކެވެ. އެ ބިންތައް ތަރައްގީކުރަން ހަވާލުކުރަން ނިންމާފައި ވަނީ އަކަފޫޓެއް 1،200ރ. ރޭޓުންނެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކުން ޑިވެލޮޕްމަންޓް ސޭލްސް ރައިޓްގެ އަގުގެ ގޮތުގައި އަކަފޫޓަކަށް 1،200ރ. އެތަނުގެ ޑީޓެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ އެކަމަށް އެދޭ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު އަންނަ އަންގާރަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އަދި އެކަމަށް އެދި ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.

އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން އެ ހަތް ބިން ތަރައްގީކޮށް ވިއްކުމުގެ ހުރިހާ ހަރަދެއް ކުރަން ވާނީ ބީލަން ކާމިޔާބުވާ ފަރާތްތަކުން ކަމަށެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއު ހިންގަން ބީލަން ކާމިޔާބުވާ ފަރާތްތަކުން، އެތަނުގެ ޑީޓެެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ.