Roadha Mihaaru
ހުޅުމާލޭގައި ފްލެޓް އަޅަން ބިން ދޭނެ ބަޔަކު ހޮވައިފި

ހުޅުމާލޭގައި ފްލެޓް އަޅަން 7 ބިމެއް ދޭނެ ކުންފުނިތައް ކަނޑައަޅައިފި

13 ޑިސެމްބަރ 2016

މެދުފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ފްލެޓް އަޅަން ހަތް ބިން ދޫކުރާނެ ބަޔަކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަނޑައަޅައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މެދުފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ފްލެޓް އަޅަން ހަތް ބިން ދޫކުރާނެ ބަޔަކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަނޑައަޅައިފި އެވެ.

ހުޅުމާލެ ތަރައްގީކުރާ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެއްމެދު އިމާރާތުގެ ގޮތުގައި ތަރައްގީކުރާނެ ހަތް ބިމެއް ހަވާލުކުރަން ނިންމާފައި ވަނީ މަލާ ހައި ރައިޒިން ކޮންސްޓްރަކްޝަނާއި އިނޮކާ ޕްރައިވެޓް ލިމިޓެޑާއި އެސޯސިއޭޓް ބިޒްނަސް އެޖެންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކީ ސްޓޯން އިންޓަނޭޝަނަލް ގްލަޓް އިންވެސްޓްމަންޓް އާއި ޖަވާހިރު އިލެވަން އަދި ގެލޮން ޕްރައިވެޓް ލިމިޓެޑް އެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ މަޝްރޫއަށް ހޮވުނު ފަރާތްތަކާއެކު ވަރަށް އަވަހަށް އެގްރިމަންޓްގައި ސޮއިކުރާނެ ކަމަށެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައިވާ ގޮތުން އެ ޕްރޮޖެކްޓަށް 16 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެ އެވެ. އެ މަޝްރޫއަށް ކުރިމަތިލުމަށް ހުޅުވުމާލުމުން އޭރު އެ ކުންފުނީގެ ބޯޑުގެ ދެ މެމްބަރަކާ އެކު 24 ފަރާތަކުން ކުރިމަތިލި އެވެ. ނަމަވެސް ޕްރޮޖެކްޓް ކާމިޔާބުކުރި ހަތް ފަރާތުގެ ތެރޭގައި އެ ބޭފުޅުން ހިމެނޭ ކަމެއް ސާފުވާ ގޮތެއްނުވި އެވެ.

ހުޅުމާލެ ތަރައްގީކުރާ ކުންފުނިން ކުރިން ނެރުނު އިއުލާނެއްގައިވާ ގޮތުން މީގެ ކުރިން ހުޅުމާލޭގައި ފްލެޓް ނުވަތަ ރޯހައުސް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ އެއްވެސް ކުންފުންޏަކަށް މި ފަހަރު ކުރިމަތިނުލެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ފްލެޓެއް ނުވަތަ ރޯހައުސްއެއް ތަރައްގީކުރަން ހަވާލުކުރި ކުންފުންޏެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް ޕްރޮޕޯސަލެއް ހުށަނޭޅޭނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެއްމެދު އިމާރާތް ނުވަތަ ފްލެޓްތަކެއް ހެދުމަށް ހުޅުވާލީ ހުޅުމާލޭގެ ނެބައިހުޑް އެކަކުން 2،600 އަކަފޫޓާއި 2،713 އަކަފޫޓާ ދެމެދުގެ ސައިޒުގެ ހަތް ބިމެކެވެ. އެ ބިންތައް ތަރައްގީކުރަން ހަވާލުކުރަން ނިންމާފައި ވަނީ އަކަފޫޓެއް 1،200ރ. ރޭޓުންނެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކުން ޑިވެލޮޕްމަންޓް ސޭލްސް ރައިޓްގެ އަގުގެ ގޮތުގައި އަކަފޫޓަކަށް 1،200ރ. އެތަނުގެ ޑީޓެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.

އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން އެ ހަތް ބިން ތަރައްގީކޮށް ވިއްކުމުގެ ހުރިހާ ހަރަދެއް ކުރަން ވާނީ ބީލަން ކާމިޔާބުވާ ފަރާތްތަކުން ކަމަށެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއު ހިންގަން ބީލަން ކާމިޔާބުވާ ފަރާތްތަކުން، އެތަނުގެ ޑީޓެެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ.