Roadha Mihaaru
އެންޕީއެޗުން ހުޅުމާލޭގައި ވެސް ބޮޑު މަޝްރޫއެއް

ނަސަންދުރަ ހަދާ ކުންފުނިން ހުޅުމާލޭގައި ވެސް އެޕާޓްމެންޓްތަކެއް އިމާރާތްކުރަނީ

07 ޖުލައި 2017

ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީކުރާ ކުންފުނިން ހުޅުމާލޭގައި ވެސް އެޕާޓްމަންޓް ބޮޑު މަޝްރޫއުއެއް ހިންގަން ހަމަޖައްސައި ފައިނޭންޝަލް އެކްސްޕޯގައި ވިއްކަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީކުރާ ކުންފުނިން ހުޅުމާލޭގައި ވެސް އެޕާޓްމަންޓް ބޮޑު މަޝްރޫއުއެއް ހިންގަން ހަމަޖައްސައި ފައިނޭންޝަލް އެކްސްޕޯގައި ވިއްކަން ފަށައިފި އެވެ.

ކުރީގެ ނަސަންދުރަ ޕެލަސް ހޮޓަލް މިހާރު ތަރައްގީކުރަމުން އަންނަ އެންޕީއެޗް ޑިވެލޮޕްމަންޓް ކުންފުނިން ހުޅުމާލޭގައި ވެސް ހަދަނީ ޒަމާނީ ވަސީލަތްތަކާ އެކު މަތީ ފެންވަރު އެޕާޓްމެންޓްތަކެކެވެ.

"ސަނދުރަ ރެސިޑެންސިސް"ގެ ނަމުގައި އެންޕީއެޗް ޑިވެލޮޕްމަންޓުން އެޕާޓްމެންޓްތައް ތަރައްގީކުރަނީ ހުޅުމާލޭގައި ހަދާފައިވާ ޕްލެޓިނަމް ރެސިޑެންސީސް ކައިރީގައި އޮންނަ އޮންނަ ހުސް ބިމުގަ އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ފައިނޭންޝަލް އެކްސްޕޯގައި ހުރި އެންޕީއެޗް ޑިވެލޮޕްމަންޓުގެ ސްޓޯލުން އަންނަނީ އެ ދެ ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ވެސް ދެމުންނެވެ.

އެ ސްޓޯލުން ބައެއް މީހުން މައުލޫމާތު ސާފުކުރި އިރު އެނގުނީ، އެންމެ މަތީ ދެ ބުރީގައި ޕެންޓް ހައުސްއާ އެކު 13 ބުރިއަށް ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ އުޅެނީ 3.5 މިލިއަން ރުފިޔާ އާއި ފަސް މިލިއަން ރުފިޔާ ދެމެދުގެ އަގެއްގައި ކަމެވެ. އެތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.

ނަސަންދުރަ ހަދާ ނިމުމުން ބޭރުން ފެންނަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.

ނަސަންދުރަ ހަދާ ނިމުމުން ބޭރުން ފެންނަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.

އެކަމަކު ހުޅުމާލޭ އިމާރާތުން އެޕާޓްމަންޓްތައް ވިއްކާ އަގުތައް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. އެ މައުލޫމާތު، ނަން ނޯޓް ކުރާ ފަރާތްތަކަށް ފަހުން ރައްދުކުރާނެ ކަމަށް ސްޓޯލުގައި ތިބި އޮފިޝަލުން ބުނެ އެވެ.

ދެ ޓަވަރު ހިމެނޭ ގޮތަށް 14 ބުރިއަށް މާލޭގައި ތަރައްގީ ކުރަމުން އަންނަ ނަސަންދުރަ ޕެލަސް ހޮޓަލުގައި ހަދާ މަތީ ފެންވަރުގެ އެޕާޓްމަންޓްތަކާ ބެހޭ މައުލޫމާތު ވެސް އެންޕީއެޗް ޑިވެލޮޕްމަންޓުގެ ސްޓޯލުން އަންނަނީ ދެމުންނެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ ޓޫރިސްޓް ހޮޓާ ކަމަށްވާ ނަސަންދުރަ ހުރި ބިން ސަރުކާރުން ކުއްޔަށް ދިނީ 2015 ވަނަ އަހަރު އިތުރު ބިމަކާ އެކު 50 އަހަރަށެވެ. ކުރިން 20 ބުރި އަށް ހަދަން ނިންމި ނަމަވެސް މިހާރު ހުއްދަ ދީގެން އިމާރާތްކުރަނީ 14 ބުރީގެ ދެ ޓަވަރު ކަމަށް އެނގިފައިވެ އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލުގެ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ތިންވަނަ ބުރިން ފެށިގެން 13 ވަނަ ބުރިއާ ހަމައަށް ހުންނަނީ ތިން ކޮޓަރި އާއި ފަސް ކޮޓަރި ހިމެނޭ އެޕާޓްމެންޓްތަކެވެ. ފުރަތަމަ ދެ ބުރީގައި ހިމެނެނީ ފިހާރަ އާއި ރެސްޓޯރަންޓް ފަދަ ތަންތަނެވެ.

އެތަނުގެ އެޕާޓްމަންޓްތައް 50 އަހަރަށް ވިއްކަނީ 4.2 މިލިއަނުން ފެށިގެން މަތީގެ އަގުތަކުގަ އެވެ.

ދެވަނަ ޓަވަރުގައި ފުރަތަމަ ދެ ބުރި ފިޔަވައި ބާކީ ހުރި ބުރިތަކުގައި ހަދަނީ ފަސް ތަރީގެ ފެންވަރުގެ 135 ކޮޓަރި އެވެ.

އަންނަ އަހަރު ނިންމަން ކަނޑައަޅާފައިވާ ނަސަންދުރަ ޕްރޮޖެކްޓްގައި ޖުމްލަ 118 އެޕާޓްމަންޓް ހުރެ އެވެ.

ނަސަންދުރަ ޕެލަސް ހުރި ބިން: މި ތަނުގައި މިހާރު އަންނަނީ އިމާރާތްކުރުމުގެ ބިޔަ މަޝްރޫއެއް ހިންގަމުން

ނަސަންދުރަ ޕެލަސް ހުރި ބިން: މި ތަނުގައި މިހާރު އަންނަނީ އިމާރާތްކުރުމުގެ ބިޔަ މަޝްރޫއެއް ހިންގަމުން

ނަސަންދުރަ ހުރި ތަން ސަރުކާރުން ދިނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސް އަށެވެ.

ސްރީ ލަންކާގެ އޮންލައިން ނޫހަކުން ކުރިން ޝާއިއުކުރި ހަބަރަކުން އެނގޭ ގޮތުން، އެ ބިމުގައި 150 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލަކާއި 100 އެޕާޓްމަންޓް ތަރައްގީކުރަން ލަންކާގެ ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު އެންޕީއެޗުން ވަނީ ސޮއިކޮށްފަ އެވެ. އެންޕީއެޗުގެ އިތުރުން މި އިންވެސްޓްމަންޓްގައި، މަނިކުގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ އަލްފާ ކިނަމް ހޯލްޑިން ވެސް ބައިވެރިވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ފެންމަތިވުމުން، އޮޑިޓަ ޖެނެރަލް ވަނީ ނަސަންދުރަ ދިން ގޮތާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކައި އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސަރުކާރަށް ލަފާ ދެއްވި އެވެ.

އެކަމަކު ނަސަންދުރައިގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދާއިރު، އޮޑިޓަ ޖެނެރަލްގެ ލަފަޔާ އެއްގޮތަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ހާމަކޮށްފައެއް ނުވެ އެވެ.