Roadha Mihaaru
ރޯދަ ނިމޭއިރު ވެސް ވަގުތީ މިސްކިތް ނުނިމޭ

ރޯދަ ނިމޭއިރު ވެސް ރޯދަ އަށް ހަދާ ވަގުތީ މިސްކިތް ނުނިމޭ

22 ޖޫން 2016

މި އަހަރުގެ ރޯދަ މަސް ދެބައިވެ ނިމެން ކައިރިވެފައިވާ އިރު ވެސް، ރޯދަ މަހަށްޓަކައި، މ. ބޮޑުގޭގައި އިސްލާމިކް މިނިސްޓްރީން ހަދަން ފަށާފައިވާ މިސްކިތް ނުނިމެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ރޯދަ މަސް ދެބައިވެ ނިމެން ކައިރިވެފައިވާ އިރު ވެސް، ރޯދަ މަހަށްޓަކައި، މ. ބޮޑުގޭގައި އިސްލާމިކް މިނިސްޓްރީން ހަދަން ފަށާފައިވާ މިސްކިތް ނުނިމެ އެވެ.

ބޮޑު ގޭގައި ވަގުތީ މިސްކިތެއް ހަދަން ފެށީ ރޯދަ މަސް ފެށެން ހަފުތާއަކަށް ވެފައި އޮއްވަ އެވެ. އެއީ އެ ސަރަހައްދާ އެންމެ ކައިރީގައި ހުރި ބަހާއުއްދީން (މާވެޔޮ) މިސްކިތް ވެސް އަލުން މަރާމާތު ކުރުމަށް ތަޅާލާފައި ހުރުމުން، އެ ހިސާބުގެ މީހުންނަށް ފަސޭހަ އިން ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

އެ މިސްކިތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީން) އިންނެވެ. އެ ތަނުގައި ފަންކާތަކާއި ފެންހޮޅި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

އެއްފަހަރާ 500 އެއްހާ މީހުންނަށް ނަމާދު ކުރެވޭ އެ މިސްކިތުގެ މަސައްކަތްތައް އަންނަ ހުކުރު ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް މިސްކިތުގެ މަސައްކަތް ކުރަމުން އަންނަ މީހުން ލަފާކުރެވެ އެވެ.

ބޮޑުގޭގައި ހަދާ ވަގުތީ މިސްކިތުގެ މަސައްކަތް ކުރަނީ.--މިހާރު ފޮޓޯ

ބޮޑުގޭގައި ހަދާ ވަގުތީ މިސްކިތުގެ މަސައްކަތް ކުރަނީ.--މިހާރު ފޮޓޯ

ނަމަވެސް މި މަހު ކުރީކޮޅު މިނިސްޓްރީން ބުނެފައިވަނީ ރޯދަ މަސް ދެބައިވުމުގެ ކުރިން އެ މިސްކިތުގެ މަސައްކަތް ނިންމައި ނަމާދު ކުރަން ފެށޭވަރުވާނެ ކަމަށެވެ.

އާ މިސްކިތެއް ބިނާކުރުމަށްޓަކައި މިހާރު ތަޅާލާފައިވާ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް)ގައި ވެސް ވަގުތީ މިސްކިތެއް އަޅައި މި ރޯދަ މަހު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. އެ މިސްކިތުގައި 200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ.