16 ޖޫން 2017
މޮސްކޯ (ޖޫން 16) - ރަޝިޔާގެ ވައިގެ ހަމަލާތަކެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ މަރާލާފައިވާ ކަމަށް ބުނާ ވާހަކަތައް ތަހުގީގު ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މޮސްކޯ (ޖޫން 16) - ރަޝިޔާގެ ވައިގެ ހަމަލާތަކެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ މަރާލާފައިވާ ކަމަށް ބުނާ ވާހަކަތައް ތަހުގީގު ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މެއި މަހު 28 ވަނަ ދުވަހު ދިން ވައިގެ ހަމަލާތަކުގައި ބަޣުދާދީގެ އިތުރުން އައިއެސްގެ 330 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ރަޝިޔާ އިން ބުނެފައި ވަނީ ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާގައި ބޭއްވި އައިއެސްގެ މިލިޓަރީ ކައުންސިލުގެ ބައްދަލުވުމަކަށް ކަމަށެވެ. އެ ބައްދަލުވުމުގައި އައިއެސްގެ 30 ކޮމާންޑަރުންނާއި 300 ސިފައިން ތިބި ކަމަށް ވެސް ބުނެފައިވެ އެވެ.
"އައިއެސްގެ އިސްވެރިންގެ ބައްދަލުވުމުގައި އެ ޖަމާއަތުގެ އިސް ލީޑަރު އިބްރާހިމް އަބޫ ބަކްރު އަލް ބަޣުދާދީ ވެސް އިން. ވައިގެ ހަމަލާތަކުގައި އޭނާ މަރާލާފައިވާ ކަމަށް އެކި ޗެނަލްތަކުން މައުލޫމާތު ލިބިފައި ވަނީ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޣުދާދީ މަރާލާފައިވާ ކަމަށް މީގެ ކުރިން ވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަން އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލީޝަނުގެ ތަރުޖަމާން ކާނަލް ޖޯން ޑޯރިއަން ވިދާޅުވީ ބަޣުދާދީ މަރާލާފައިވާކަން ނުވަތަ ނޫންކަން އެމެރިކާ އަށް އަދި ޔަގީންކޮށްދެވެން ނެތް ކަމަށެވެ. ބަޣުދާދީގެ މަރާ ގުޅިގެން ސީރިއާ ސަރުކާރުން ރަސްމީކޮށް ކޮމެންޓްކޮށްފައެއް ނުވެ އެވެ.
އައިއެސް އިން ޖޫން 2014 ގައި އިރާގުގެ މޫސަލް ހިފުމަށް ފަހު ބަޣުދާދީ ދިރިއުޅުނީ އެ ސިޓީގަ އެވެ. ނަމަވެސް މޫސަލް ހިފުމުގެ އޮޕަރޭޝަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ފަހުން ބަޣުދާދީވީ ތަނެއް ނޭނގެ އެވެ. ރޮއިޓާސް އިން ބުނި ގޮތުގައި ބަޣުދާދީ ދާދި ފަހުން ވަނީ ރައްގާ އަށް ބަދަލުވެފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން މާޗު މަހު ވިދާޅުވެފައި ވަނީ ބަޣުދާދީގެ ހުރިހާ ނައިބުހެން މަރާލާފައިވާ ކަމަށެވެ.
އިރާގުގެ ދާޚިލީ ވުޒާރާ އިން 2014 ވަނަ އަހަރު އާއްމުކޮށްފައިވާ ބަޣުދާދީގެ ފޮޓޯއެއް. --ފޮޓޯ:އޭއެފްޕީ
ބަޣުދާދީއާ ބެހޭ ގޮތުން އައިއެސް އިން މިހާތަނަށް ހާމަކޮށްފައި ވަނީ އެންމެ ވީޑިއޯއެކެވެ. އެއީ މޫސަލްގެ ނޫރީ މިސްކިތުގައި ޖޫން 2014 ދިން ޚުތުބާ އެވެ. އެ ފަހަރު އޭނާ ވަނީ އައިއެސްގެ ޚިލާފަތު އިއުލާންކޮށްފަ އެވެ.
އިރާގު ސަރުކާރުގެ ރަސްމީ ލިޔުންތަކުގައިވާ ގޮތުން ބަޣުދާދީ އުފަންވެފައި ވަނީ 1971 ވަނަ އަހަރު ސަމައްރާގަ އެވެ. އެމެރިކާ އިން 2003 ވަނަ އަހަރު އިރާގަށް އެރުމުގެ ކުރިން ބަޣުދާދީ އަކީ މިސްކިތުގެ އިމާމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ބަޣުދާދީ އަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭންގެ ވެރިކަމުގެ ދުވަސްވަރު ޖިހާދީ ހަނގުރާމަވެރިއެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ހަރުކަށި ޚިޔާލުގެ މީހަކަށް ބަޣުދާދީ ބަދަލުވީ އިރާގުގެ ދެކުނުގައި އެމެރިކާގެ ޖަލެއްގައި ބަޣުދާދީ ގެންގުޅުނު ހަތަރު އަހަރު ދުވަހު އެވެ. އެ ތަނުގައި އަލްގައިދާގެ އެހެން ކޮމާންޑަރުން ވެސް ބަންދުކޮށްގެން ގެންގުޅުނެވެ. ބަޣުދާދީ ފަހުން ވަނީ އިރާގުގައި އައިއެސްގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އައިއެސް އަކީ އަލްގައިދާއާ ވަކިވެގެން 2010 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ.
ބަޣުދާދީގެ ފުރަތަމަ އަނބި މީހާ އަށް ހަތަރު ކުދިން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އިރާގުގެ އިންޓަލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި އިސްލާމިކް ސްޓަޑީޒް އިން ބަޣުދާދީ ވަނީ ޕީއެޗްޑީ ނަގައިފަ އެވެ. އަދި ތިކްރީތު ޔުނިވާސިޓީގެ ޕްރޮފެސަރުކަން ވެސް ކޮށްފައިވެ އެވެ.
ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
ރަޝިޔާ ހަމަލާގެ ވީޑިއޯ އައިއެސް އިން އާންމުކޮށްފި
ރަޝިޔާގައި ދިން ހަމަލާގައި މަރުވި އަދަދު 133 އަށް
ރަޝިޔާގައި ޓެރަރިސްޓް ހަމަލާއެއް؛ އެތައް ބަޔަކު މަރު
ބަޣުދާދީގެ އަންހެނުންގެ ފަރާތުން ގިނަ މައުލޫމާތު ލިބުނު
ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފިން: ތުރުކީ
ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފި
ބަޣުދާދީގެ ބޮލަށް ހުށަހެޅި 25 މިލިއަން ކާކަށް؟
"ބަޣުދާދީ މަރުވެއްޖެ، އާ ލީޑަރަކު ހަމަޖައްސައިިފިން"
ބަޣުދާދީ މަރާލަން ހަމަލާދޭ ވީޑިއޯ އާއްމުކޮށްފި
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި