Roadha Mihaaru
ރަޝިޔާގައި ދިން ހަމަލާގައި މަރުވި އަދަދު 133 އަށް

ރަޝިޔާގައި ދިން ހަމަލާގައި މަރުވި އަދަދު 133 އަށް، ޕުޓިން ވިދާޅުވީ ބަދަލުހިފާނެ ކަމަށް

24 މާޗް 2024

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުކުރު ދުވަހު ކޮންސަޓެއް ބޭއްވި ހޯލެއްގެ ތެރޭގައި ހަމަލާ ދިނުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 133 އަށް އަރާފައި ވާއިރު، މި ހަމަލާ ދިން މީހުންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ދެއްވައިފި އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުކުރު ދުވަހު ކޮންސަޓެއް ބޭއްވި ހޯލެއްގެ ތެރޭގައި ހަމަލާ ދިނުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 133 އަށް އަރާފައި ވާއިރު، މި ހަމަލާ ދިން މީހުންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ދެއްވައިފި އެވެ.

ޕުޓިން މި އިންޒާރު ދެއްވާފައި ވާއިރު، ހަމަލާ ދިން ކަމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކުރީ ޔުކްރެއިނަށް ވަންނަން އުޅެނިކޮށް ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިޔާ އާއި ޔުކްރެއިން ވަރުގަދަ ހަނގުރާމައެއްގެ ތެރޭގައި އޮތް އިރު، ޔުކްރެއިން ވަނީ މި ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. ޕުޓިން ވެސް ހަމަލާގެ ތުހުމަތު ވަކި ބަޔަކަށް ނުކުރައްވަ އެވެ. އެކަމަކު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ މިއީ އެ ޖަމާއަތުގެ ހަމަލާއެއް ކަމަށާއި މިއީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ ގައުމުތަކަށް ދޭ ހަމަލާތަކުގެ ސިލްސިލާގެ ބައެއް ކަމަށް ބުނެފަ އެވެ.

އައިއެސްގެ ޓެލެގްރާމް ޗެނަލެއްގައި ބުނެފައިވަނީ ހަމަލާ ދިނީ އެ ޖަމާއަތުގެ ހަތަރު މީހަކު ކަމަށާއި ހަމަލާގައި ބޭނުންކުރީ މެޝިން ބަޑި އާއި ފިސްތޯލަ އާއި ވަޅި އަދި އަލިފާން ބޮން ކަމަށެވެ.

ރަޝިއާގެ އޮފިޝަލުން ލަފާކުރައްވާ ގޮތުގައި މިހާރު ވެސް 100 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.

ރަޝިޔާގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރޭގައި ދިން ހަމަލާތަކަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ

ރަޝިޔާގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރޭގައި ދިން ހަމަލާތަކަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ

"ޓެރަރިސްޓުންނާއި، ގާތިލުންނާއި، އިންސާނުންގެ ދަރަޖާގައި ނުހިމެނޭ ކޮންމެ އެއްޗަކަށް ... އޮތީ ބަދަލު ހިފުމާއި ނައްތާލުން،" ގައުމާ މުހާތަބުކުރައްވަމުން ޕުޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާގައި ސީދާ ގޮތުން ބައިވެރިވި ހަތަރު މީހުން ދެނެގަނެވި ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އެ މީހުން ފިލަން މަސައްކަތްކުރި އިރު ދަތުރުކުރީ ޔުކްރެއިންއާ ދިމާލަށް. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޔުކްރެއިންގެ ބޯޑަރުން އެ މީހުން އެތެރެއަށް ވަދެވޭނެ އިންތިޒާމް ވެސް އޮތީ ހަމަޖައްސާފައި،" ޕުޓިން ވިދާޅުވި އެވެ.

ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ބުނީ ހަމަލާ ދިން މީހުންނާ ޔުކްރެއިންގައި ތިބި ބަޔަކާ ގުޅުން އޮތް ކަމަށެވެ.

ކްރޮކަސް ސިޓީ ކޮންސަޓް ހޯލްގައި ކޮންސަޓެއް ފަށަން ތައްޔާރުވެފައި ވަނިކޮށް ހަމަލާ ދިން މީހުން އެތަނަށް ވަނީ ކެމަފްލާޖް ޔުނިފޯމްގައި ތިބެގެންނެވެ. އެތަނަށް ވަދެ ބަޑިން ހަމަލާދޭން ފެށީ ކަމަށާއި ގްރެނޭޑެއް ނުވަތަ އަމިއްލައަށް ހަދާފައިވާ ބޮމެއް ފާޑު އެއްޗެއް ވެސް ގޮއްވާލި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. -- އޭއެފްޕީ