Roadha Mihaaru
ޒެލެންސްކީ ނައްތައިލުން ނޫން ގޮތެއް ނެތް: ރަޝިޔާ

ޒެލެންސްކީ ނައްތައިލުން ނޫން ގޮތެއް ނެތް: ރަޝިޔާ

04 މެއި 2023

ރަޝިޔާ އަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވާން ބޭނުންވާ ނަމަ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ "ޖިސްމާނީ ގޮތުން ނައްތައިލުން ނޫން ގޮތެއް ނެތް" ކަމަށް، ރަޝިޔާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވާން ބޭނުންވާ ނަމަ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ "ޖިސްމާނީ ގޮތުން ނައްތައިލުން ނޫން ގޮތެއް ނެތް" ކަމަށް، ރަޝިޔާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް ޒެލެންސްކީ އަވަހާރަކޮށްލުމަށް މެޑްވެޑޭވް މި ގޮވައިލެއްވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު، ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އަށް ދިން ޑްރޯން ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރޭން ސަރުކާރު ކަމަށް ރަޝިޔާ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ. ރަޝިޔާ އިން ބުނި ގޮތުގައި ކްރެމްލިންގައި ޖައްސައި ގޮއްވައިލުމަށް ޔޫކްރޭނުން ފޮނުވި ދެ ޑްރޯން ވެސް، އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހަމަލާދީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.

"މިއަދު މި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު، ޒެލެންސްކީ އާއި އޭނާގެ އައުވާނުން، ޖިސްމާނީ ގޮތުން ނައްތައިލުން ނޫން އެހެން އިޚްތިޔާރެއް (ރަޝިޔާއަކަށް) ނެތް،" މެޑްވެޑޭވް ވިދާޅުވި އެވެ.

ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި ކްރެމްލިން އަށް ދިން ޑްރޯން ހަމަލާއަކީ، ޔޫކްރޭން ސަރުކާރުން ރާވައިގެން، ރައީސް ލަޑިމިއާ ޕުޓިން އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއެކެވެ. ނަމަވެސް އެ ހަމަލާ ދިން ވަގުތު ރައީސް ޕުޓިން ގަނޑުވަރުގައި ނުއުޅުއްވާ ކަމަށް ރަޝިޔާ ސަރުކާރުން ބުނެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކްރެމްލިން އަށް ދޭން އުޅުނު ދެ ޑްރޯން ހަމަލާއާ ބެހޭ ގޮތުން ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި އެ ދެ ހަމަލާގެ ދެމެދުގައި 16 ވަރަކަށް މިނެޓް ހޭދަވި އެވެ. އެ ދެ ހަމަލާ ނާކާމިޔާބު ކޮށްލެވުނު ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ނަމަވެސް، އެ ދެ ޑްރޯން ވެސް ގޮއްވައިލެވިފައިވަނީ، ރިއާސީ ގަނޑުވަރު ކްރެމްލިންގެ ވައިގެ ސަރަހައްދަށް ވަން ފަހުންނެވެ.

ރަޝިޔާ ސަރުކާރުން އިއްޔެ އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ކްރެމްލިންގެ މަތީގައިވާ ގުއްބާ ދިމާލަށް ޑްރޯންއެއް ދަތުރުކޮށްފައި ގޮސް، ގުއްބުގެ މަތީގައިވާ ރަޝިޔާގެ ދިދަ ހުރަސްކުރިތާ ހިނދުކޮޅެއްގެ ތެރޭގައި، ވައިގެ ތެރެއަށް އެ ޑްރޯން ގޮވައި އޭގައި ރޯވުމާއެކު ދުންބޮނޑިއެއް އުފެދެ އެވެ. މި ޑްރޯންގެ ބައިތައް ކްރެމްލިންގެ ގޯތި ތެރެއަށް ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ރަޝިޔާ އިން ބުންޏެވެ.

ޔޫކްރޭނުން ދިން ކަމަށް ރަޝިޔާ އިން ތުހުމަތުކުރާ މި ހަމަލާ އަށް ބަދަލު ހިފާނެ ކަމަށް ރަޝިޔާ އިން އިއްޔެ ވަނީ ބުނެފަ އެވެ. ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި ރައީސް ޕުޓިން އަވަހާރަކޮށްލުމަށް ދިން މި ހަމަލާއާ އެންމެ އެކަށީގެންވާ ގޮތަށް އަދި އެކަމަށް އެންމެ މުނާސަބު ވަގުތުގައި އެންމެ އެކަށޭނަ ހަތިޔާރުގެ ބޭނުން ހިފައިގެން ބަދަލު ހިފުމުގެ ފުރިހަމަ ހައްގު ރަޝިޔާ އަށް ލިބިގެންވެ އެވެ.

ކްރެމްލިންގައި ޖައްސައި ގޮއްވައިލުމަށް ޔޫކްރޭނުން ފޮނުވި ދެ ވަނަ ޑްރޯން ވެސް ކްރެމްލިންއާ ހަމައަށް ފޯރުމުގެ ކުރިން، ރަޝިޔާގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ އިލެކްޓޯނިކް ވަސީލަތްތަކުން ދިން ހަމަލާއެއްގައި ވައްޓާލައިފާ ކަމަށް ރަޝިޔާ އިން ބުނެ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ސަލާމަތީ ކަންތައް އެންމެ ވަރުގަދަ ސަރަހައްދުގެ ތެރެއަށް ޑްރޯންއެއް ވަދެ، ރިއާސީ ގަނޑުވަރާ ހަމައަށް މި ފޯރީ، ރަޝިޔާގެ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުތަކަށް އެ ސަރަހައްދު ތައްޔާރުކުރަމުން އަންނަނިކޮށެވެ. މެއި މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ނަސްރުގެ ދުވަހު ބާއްވާ ކުލަގަދަ އަސްކަރީ ހިނގާލުމުގެ ރަސްމިއްޔާތުގައި ބޭރުގެ ބައެއް އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެތީ، އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.