Roadha Mihaaru
ހަމޭސް ބަދަލުވާންވީ އިނގިރޭސި ކްލަބަކަށް: ޕެކަމަން

ހަމޭސް ބަދަލުވާންވީ އިނގިރޭސި ކްލަބަކަށް: ޕެކަމަން

14 ޖޫން 2017

ބޮގޯޓާ، ކޮލަމްބިއާ (ޖޫން 14) - ރެއާލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބަދަލުވާންވީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ކަމަށް ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބޮގޯޓާ، ކޮލަމްބިއާ (ޖޫން 14) - ރެއާލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބަދަލުވާންވީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ކަމަށް ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ބުނެފި އެވެ.

ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ހަމޭސް އަށް އެ ޓީމުގައި ކުޅުމުގެ ފުރުސަތު ލިބެމުން އަންނަނީ ވަރަށް މަދުންނެވެ. މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ހަމޭސް ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާއިރު، އޭނާ ހޯދަން އިނގިރޭސި ތިން ކްލަބް ކަމަށްވާ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީގެ އިތުރުން ފްރާންސްގެ ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އަހަރެން ހައިރާންވޭ ހަމޭސް ކަހަލަ ހުނަރުވެރި ކުޅުންތެރިއަކަށް ކްލަބް ލެވެލްގައި ގަވައިދުން ފުރަތަމަ އެގާރައިގައި ކުޅެން ފުރުސަތު ނުލިބޭތީ. އެ ކަހަލަ ކުޅުންތެރިއެއްގެ ހުނަރު އެންމެ ފުރިހަމަ އަށް ބޭނުންކުރަން ޖެހޭ،" ޕެކަމަން ބުންޏެވެ.

އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގަކީ މީގެ ކުރިން ދެކުނު އެމެރިކާ ކުޅުންތެރިންނަށް އުނދަގޫ ލީގެއް ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު އެކަން ބަދަލުވެފައިވާ ކަމަށެވެ.

ކޮލަމްބިއާ ފަރިތަކުރުންތަކުގެ ތެރެއިން ޕެކަމަން (ވ) ހަމޭސްއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ކޮލަމްބިއާ ފަރިތަކުރުންތަކުގެ ތެރެއިން ޕެކަމަން (ވ) ހަމޭސްއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

"މީގެ ކުރިން ދެކުނު އެމެރިކާ ކުޅުންތެރިންނަށް އިނގިރޭސި ލީގުގައި ކުޅެން އުނދަގޫ. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ. ކާލޮސް ޓެވޭޒާއި ލުއިސް ސުއަރޭޒް ފަދަ ކުޅުންތެރިން ޕްރިމިއާ ލީގުގައި ވިދާލައިފި. އަހަރެންގެ ނަޒަރުގައި ހަމޭސް ވެސް ބަދަލުވާންވީ އިނގިރޭސި ކްލަބަކަށް،" ޕެކަމަން ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމަށް ކުޅުންތެރިން އަންނައިރު ގިނަ އަދަދެއްގެ މެޗުތައް ކުޅެގެން އެ ކުޅުންތެރިއަކު ރަނގަޅު ފޯމެއްގައި ހުންނައިރު، ހަމޭސް އަށް ރެއާލްގައި ކުޅުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބޭތީ އޭގެ އުނދަގޫތައް ކޮލަމްބިއާ ޓީމަށް ވެސް ކުރިމަތިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ހަމޭސްގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ޗެލްސީ އާއި ޔުނައިޓެޑާ އެކު މަޝްވަރާތަކެއް ބާއްވައިފަ އެވެ. އެހެން ނަމަވެސް އަދި ވަކި ޓީމަކާ އެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.