Roadha Mihaaru
ރެއާލަށް ކުޅުނު ރޮޑްރިގޭޒް އެނބުރި ސްޕެނިޝް ލީގަށް

ރެއާލަށް ކުޅުނު ރޮޑްރިގޭޒް އެނބުރި ސްޕެނިޝް ލީގަށް

27 އޯގަސްޓް 2024

މެޑްރިޑް (އޮގަސްޓް 27) - ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކޮލަމްބިއާ ގައުމީ ޓީމުގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ސްޕެނިޝް ލީގުގެ ރަޔޯ ވަޔެކާނޯއާ ގުޅިއްޖެ އެވެ.

މެޑްރިޑް (އޮގަސްޓް 27) - ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކޮލަމްބިއާ ގައުމީ ޓީމުގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ސްޕެނިޝް ލީގުގެ ރަޔޯ ވަޔެކާނޯއާ ގުޅިއްޖެ އެވެ.

އުމުރުން 33 އަހަރުގެ ޕްލޭމޭކަރު ވަނީ ރެއާލް މެޑްރިޑަށް 125 މެޗު ކުޅެދީ، 37 ގޯލު ޖަހައިދީފަ އެވެ.

ޖުލައި މަހު ކުރިއަށް ދިޔަ ކޮޕާ އެމެރިކާ މުބާރާތުގައި ގޯލެއް ޖަހައި ހަ ގޯލު އެސިސްޓް ކޮށްގެން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ރޮޑްރިގޭޒް ރެއާލް މެޑްރިޑަށް ސޮއިކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހާސިލް ކުރުމަށް ފަހު އެވެ.

ރެއާލަށް ކުޅެމުން އޭނާ ވަނީ ލޯނު އުސޫލުން ބެޔާން މިއުނިކަށް ދެ ސީޒަން ކުޅެދީފަ އެވެ. އެ އަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަށް އެއް ސީޒަން ކުޅެދިނުމަށް ފަހު ވަނީ ގަތަރު ލީގުގެ އައް ރައްޔާނަށް ބަދަލުވެފަ އެވެ. އަދި މިދިޔަ އަހަރު ސައޮ ޕޯލޯ އަށް ބަދަލުވީ ގްރީސްގެ އޮލިމްޕިއާކޯސް އަށް އެއް ސީޒަން ކުޅެދީފަ އެވެ.

މިދިޔަ އަހަރު ލަ ލީގާ އިން ރެލިގޭޓް ނުވެ ކިރިޔާ ސަލާމަތްވި ވަޔެކާނޯ، މި ސީޒަނުގައި އަދި ކުޅުނު ދެ މެޗުން ބަލިވެފައެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ރެއާލް ސޮސިއެޑާޑް ބަލިކުރިއިރު، މިދިޔަ ހަފްތާ ބަންދުގައި ގެޓަފޭއާ ދެކޮޅަށް ކުޅެ ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.

ވަޔެކާނޯ އަށް ލީގުގައި ދެން އޮތީ މިރޭ ދަންވަރު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ އެ ޓީމުން މި ސީޒަނުގައި ކުޅޭނެ ފުރަތަމަ ހޯމް މެޗެވެ. ނަމަވެސް މި މެޗުގައި ރޮޑްރިގޭޒް ނުކުޅޭނެ ކަމަށް ވަޔެކާނޯގެ ކޯޗު ވަނީ ބުނެފަ އެވެ.

"އަހަރެމެން ކުޑަ އިންތިޒާރެއް ކުރަން އެބަ ޖެހޭ، އެއީ އޭނާ އެ އަންނަނީ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ބޮޑު ރެސްޓަކަށް ފަހު. އެކަމަކު އޭނާ އައުމުން އަހަރެމެން ވަރަށް އުފަލުން މި ތިބެނީ،" ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވަޔެކާނޯގެ ކޯޗު އިނީގޯ ޕެރޭޒް ބުންޏެވެ.