Roadha Mihaaru
ރޮޑްރިގޭޒް މެޑްރިޑުގައި މަޑުކުރަން ވިސްނައިދިނީ ރޮނާލްޑޯ

ރޮޑްރިގޭޒް މެޑްރިޑުގައި މަޑުކުރަން ވިސްނައިދިނީ ރޮނާލްޑޯ

13 ޖެނުއަރީ 2017

މެޑްރިޑް (ޖެނުއަރީ 13) - ރެއާލް މެޑްރިޑުން ފުރުސަތު ނުލިބޭތީ އެ ކްލަބް ދޫކޮށްލަން ނިންމި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމެސް ރޮޑްރިގޭޒް މެޑްރިޑުގައި މަޑުކުރަން ފަހުން ނިންމީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޖެނުއަރީ 13) - ރެއާލް މެޑްރިޑުން ފުރުސަތު ނުލިބޭތީ އެ ކްލަބް ދޫކޮށްލަން ނިންމި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމެސް ރޮޑްރިގޭޒް މެޑްރިޑުގައި މަޑުކުރަން ފަހުން ނިންމީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މެޑްރިޑުން ފުރުސަތު ނުލިބޭ ކަމަށާއި ވަރަށް ގިނަ އޮފާތައް ލިބިފައިވާތީއާ އެކު ޖެނުއަރީ މަހު ކްލަބް ދޫކޮށްލާނެ ކަމަށް ރޮޑްރިގޭޒް ދާދި ފަހުން އިއުލާންކުރި އެވެ. އެގޮތަށް ވާހަކަދެއްކުމުން މެޑްރިޑުގެ އޮފިޝަލުން ވެސް ހިތްހަމަނުޖެހުނު އިރު އެ ކްލަބުން ވަނީ އޭނާ ވިއްކާލަން ވިސްނި އެވެ. އެކަމަކު އެންމެ ފަހުން ރޮޑްރިގޭޒް ނިންމީ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ކްލަބް ބަދަލުނުކުރާށެވެ.

ކޮލަމްބިއާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ޗެލްސީން ރޮޑްރިގޭޒް ގަތުމަށް 90 މިލިއަން ޔޫރޯގެ އޮފާއެއްކުރި އެވެ. އަދި އެއާ އެކު ރޮޑްރިގޭޒް އެކަމާ މެދު ވިސްނަން ކޮލަމްބިއާ އަށް ޗުއްޓީގައި ދިޔަ އެވެ. ރޮޑްރިގޭޒްގެ ހިޔާލު ބަދަލުވީ އެ މުއްދަތުގައި ރޮނާލްޑޯއާ އޭނާއާ ވާހަކަދައްކައި ހިތްވަރު ދިނުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ކޮލަމްބިއާ އިން ރޮޑްރިގޭޒް އެނބުރި އައުމާ އެކު ކޯޗު ޒައިނުއްދީން ޒިދާން ވެސް އޭނާއާ ވާހަކަދައްކައި އޭނާގެ މުހިއްމުކަން ކްލަބަށް ބޮޑު ކަމަށް ބުނެފައިވެ އެވެ.

"އާ އަހަރަކާ އެކު އާ ފެށުމެއް މިއީ. އަހަރެން ނިންމީ މަޑުކުރަން،" ސްޕެނިޝް ކަޕުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފުތާގައި ސެވިއްޔާ ކޮޅަށް ދެ ލަނޑު ޖެހުމަށް ފަހު ރޮޑްރިގޭޒް ބުންޏެވެ.

އޭނާ ރެއާލް މެޑްރިޑަށް 2014 ވަނަ އަހަރު ބަދަލުވީ އެ އަހަރުގެ ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމަށް ފަހު އެވެ. އޭނާ އެކަމަކު ވިދާލީ 2010-2013 އަށް ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅުނުއިރެވެ. އެއާ އެކު 2013 ވަނަ އަހަރު މޮނާކޯ އިން 43 މިލިއަން ޔޫރޯ އަށް އޭނާ ގަތެވެ. ރޮޑްރިގޭޒްގެ އޭޖެންޓަކީ ރޮނާލްޑޯގެ ވެސް އޭޖެންޓް ކަމަށްވާ ޖޯޖް މެންޑެސް އެވެ.