Roadha Mihaaru
އެމްބާޕޭ ގަންނަން ރެއާލުން ޖޭމްސް ވިއްކާލަނީ

އެމްބާޕޭ ގަންނަން ރެއާލުން ޖޭމްސް ވިއްކާލަނީ

17 މެއި 2017

މެޑްރިޑް (މެއި 17) - މޮނާކޯ އަށް ކުޅޭ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ގަތުމަށް ރެއާލް މެޑްރިޑުން އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 17) - މޮނާކޯ އަށް ކުޅޭ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ގަތުމަށް ރެއާލް މެޑްރިޑުން އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 18 އަހަރުގެ އެމްބާޕޭ ވަނީ ފްރާންސް ލީގުގައި މިހާތަނަށް 14 ލަނޑު ޖަހައި އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މޮނާކޯ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އެމްބާޕޭގެ ދައުރު ބޮޑެވެ. އަދި އެ ޓީމު މި ފަހަރު ފްރާންސް ލީގުގެ ހޯދުމުގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، ލީގުގައި ވެސް އެމްބާޕޭ އަންނަނީ ތަފާތު ދައްކަމުންނެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ ދާދި ފަހުން އެމްބާޕޭ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ރެއާލުން އަބަދުވެސް މޮޅެތި ކުޅުންތެރިންނަށް ފާރަލާނެ ކަމަށާއި އެމްބާޕޭ އަކީ ވެސް ތަފާތު ކުޅުންތެރިއެއް ކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ވަނީ އެމްބާޕޭ އަށް 84 މިލިއަން ޕައުންޑްގެ ބިޑެއް ކުރުމަށް ނިންމައިފަ އެވެ. އަދި އެމްބާޕޭ އަށް ޖާގަ ދިނުމުގެ ގޮތުން ރެއާލުން ވަނީ ޖޭމްސް ވިއްކާލަން ނިންމައިފަ އެވެ.

ރެއާލުގެ ކޯޗުކަމާ މިދިޔަ އަހަރު ޖެނުއަރީ މަހު ޒިދާން ހަވާލުވި ފަހުން ޖޭމްސް އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. ޖޭމްސްގެ ބަދަލުގައި މި ސީޒަނުގައި ޓީމުގެ ފުރަތަމަ އެގާރައިން ގިނައިން ފުރުސަތު ދީފައިވަނީ އިސްކޯ އާއި މާކޯ އަސެންސިއޯ އަށެވެ.

ކޮލަމްބިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޭމްސް ވަނީ މި ސީޒަން ނިމުމާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފަ އެވެ. އެހެން ނަމަވެސް ރެއާލްގެ ކޯޗު ޒިދާން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޖޭމްސް ހޯދަން އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސި ދެ ކްލަބް ކަމަށްވާ ޗެލްސީ އާއި ލިވަޕޫލުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.