Roadha Mihaaru
ރޮޑްރިގޭޒް ދެއްކި ވާހަކަތަކާ ގުޅިގެން ރެއާލް ރަތަށް

ރޮޑްރިގޭޒް ދެއްކި ވާހަކަތަކާ ގުޅިގެން ރެއާލް ހިތްހަމަނުޖެހިއްޖެ

20 ޑިސެމްބަރ 2016

މެޑްރިޑް (ޑިސެމްބަރު 20) – ރެއާލް މެޑްރިޑުން ފުރުސަތު ނުލިބޭތީ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ޖޭމްސް ރޮޑްރިގޭޒް ބުނެފައިވާތީ، އެކަމާ މެޑްރިޑުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށާއި ޖެނުއަރީ މަހު އޭނާ ވިއްކާލުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށް ސްޕެނިޝް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޑިސެމްބަރު 20) – ރެއާލް މެޑްރިޑުން ފުރުސަތު ނުލިބޭތީ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ޖޭމްސް ރޮޑްރިގޭޒް ބުނެފައިވާތީ، އެކަމާ މެޑްރިޑުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށާއި ޖެނުއަރީ މަހު އޭނާ ވިއްކާލުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށް ސްޕެނިޝް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޖަޕާނުގެ ކަޝިމާ އެންޓްލާސް އަތުން 4-2 އިން މޮޅުވެ މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި މެޗަށް ފަހު ރޮޑްރިގޭޒް ބުނީ ވަރަށް ގިނަ ކްލަބްތަކުގެ އޮފާ ލިބިފައިވާ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އޭނާ ބުނީ ރެއާލުގައި މަޑުކުރަން ބޭނުންވިޔަސް ފުރުސަތު ނުލިބޭތީ މަޑުކުރެވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ.

ސްޕެއިނުގެ މަޝްހޫރު ކުޅިވަރު ނޫސް މާސާ އިން ބުނީ ކްލަބަށް ބޮޑު ތަށްޓެއް ހާސިލްކުރެވުނުތާ އިރުކޮޅެއްގެ ތެރޭގައި ރޮޑްރިގޭޒް މިމޭރުމުން ވާހަކަދެއްކުމުން ކްލަބުގެ ސީނިއާ އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ ޖޫން ޓްރާންސްފާގައި އޭނާ ވިއްކާލުމުގެ ބަދަލުގައި ޖެނުއަރީ ޓްރާންސްފާގައި ވިއްކާލަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ އެ ކުޅުންތެރިޔެއްގެ އަމިއްލަ ކުރިމަގާ މެދު ވާހަކަދައްކައި ވިސްނުމުގެ ހައްގު އޮންނާނެ ކަމަށާއި އެކަމަކު ކްލަބަށް ތަށްޓެއް ލިބޭ ވަގުތު ފޯކަސްކުރަން ޖެހޭނީ އުފާފާޅުކުރަން ކަމަށެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ކޮލަމްބިއާ ގައުމީ ޓީމުގައި ދެއްކި މޮޅު ކުޅުމާ އެކު ރެއާލުން 80 މިލިއަން ޔޫރޯ އަށް ގަތް ކުޅުންތެރިޔާ އަށް ޒައިނުއްޒީން ޒިދާނުގެ ކޯޗުކަމުގެ ދަށުން މާގިނަ ފުރުސަތެއް ނުލިބެ އެވެ.

ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި ފްރާންސުގެ މޮނާކޯ އަށް ކުޅެފައިވާ ރޮޑްރިގޭޒް ގަންނަން ފްރާންސުގެ ޕީއެސްޖީ އާއި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ޝައުގުވެރިވެ އެވެ.