Roadha Mihaaru
ރެއާލުން ބަލިނުވެ 38 މެޗު ހަމަކޮށްފި

ރެއާލުން ބަލިނުވެ 38 މެޗު ހަމަކޮށްފި

05 ޖެނުއަރީ 2017

މެޑްރިޑް (ޖެނުއަރީ 5) - ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗުން ފަސޭހަކަމާ އެކު 3-0 އިން ސެވިއްޔާ އަތުން ހޯދި މޮޅާ އެކު ރެއާލް މެޑްރިޑުން ބަލިނުވެ 38 މެޗު ހަމަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖެނުއަރީ 5) - ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗުން ފަސޭހަކަމާ އެކު 3-0 އިން ސެވިއްޔާ އަތުން ހޯދި މޮޅާ އެކު ރެއާލް މެޑްރިޑުން ބަލިނުވެ 38 މެޗު ހަމަކޮށްފި އެވެ.

ރެއާލް ވަނީ މި 38 މެޗުގެ ތެރެއިން 29 މެޗުން މޮޅުވެފަ އެވެ. ރޭގެ މެޗަކީ ފާއިތުވި 17 ދުވަހުގެ ތެރޭގައި ރެއާލް ކުޅުނު ފުރަތަމަ މެޗެވެ.

ސެވިއްޔާއާ ދެކޮޅަށް ރެއާލް ރޭގެ މެޗަށް ނުކުތީ އާންމުކޮށް ފުރަތަމަ 11 ގައި ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާ އަދި ގަރެތު ބޭލް ނުލަ އެވެ. ބެންޒެމާ ބެންޗުގައި ހުރިއިރު ރޮނާލްޑޯ ހުރީ ޗުއްޓީއެއްގަ އެވެ. އަދި ބޭލް ހުރީ އަނިޔާގަ އެވެ.

ރޭގެ މެޗުގައި ސެވިއްޔާ ކޮޅަށް ރެއާލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ.

ރެއާލްގެ ކޯޗު ޒިދާން ބުނީ މި މެޗަކީ ހާއްސަ މެޗެއް ކަމަށާއި ކުޅުންތެރިން މި ޓީމަށްދޭ ސަޕޯޓް ފެނިގެން ހިނގައްޖެ ކަމަށެވެ.

"ރެއާލްގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް. މިއީ ހާއްސަ މޮޅެއް. ވަރަށް ދުވަސް ފަހުން މުހިއްމު ކުޅުންތެރިން ނުލައި ކުޅުނުއިރު ވެސް މި ޓީމުގެ ފޯކަސް ނުގެއްލޭކަން މި މެޗުން ވެސް އެބަ އެނގޭ. އާ އަހަރަށް ރަނގަޅު ފެށުމެއް މިއީ،" ޒިދާން ބުންޏެވެ.

ސެވިއްޔާ ދަނޑުގައި ކުޅޭ ދެ ވަަނަ ލެގުގެ މެޗު އޮންނާނީ މި މަހު 12 ވަނަ ދުވަހު އެވެ. މިއީ ކުރިއަށް އޮތް 11 ހަފްތާގައި ރެއާލުން ކުޅޭ 21 ވަނަ މެޗެވެ.