Roadha Mihaaru

އަނިޔާގައި ހުރި ރުޑިގާއަށް ހަ މެޗުގެ ސަސްޕެންޝަނެއް

މެޑްރިޑް (އޭޕްރީލް 30) - ރެއާލް މެޑްރިޑަށް ކުޅޭ ޖަރުމަންގެ ޑިފެންޑަރު އެންޓޮނީ ރުޑިގާ ހަ މެޗަށް ސަސްޕެންޑް ކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

އަނިޔާގައި ހުރި ރުޑިގާއަށް ހަ މެޗުގެ ސަސްޕެންޝަނެއް

މެޑްރިޑް (އޭޕްރީލް 30) - ރެއާލް މެޑްރިޑަށް ކުޅޭ ޖަރުމަންގެ ޑިފެންޑަރު އެންޓޮނީ ރުޑިގާ ހަ މެޗަށް ސަސްޕެންޑް ކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

އޭނާ ސަސްޕެންޑްކުރީ ސްޕެނިޝް ކަޕުގެ ފައިނަލުން ބާސެލޯނާ އަތުން 3-2 އިން ރެއާލް ބަލިވި މެޗުގައި ރެފްރީއާ ދިމާލަށް އެއްޗެއް އެއްލުމުންނެވެ.

ރެއާލާ ދެކޮޅަށް ރެފްރީ ނިންމި ނިންމުމެއްގެ ސަބަބުން ރުޑިގާ ރުޅިގަދަވެ ރެފްރީ އަށް ހަމަލާދޭން ވެސް މަސައްކަތްކުރި އެވެ. އެ ވަގުތު އެ ޓީމުގެ ޖޫޑް ބެލިންހަމް އާއި ލޫކަސް ވަސްކުއޭޒް އުޅުނު ގޮތުން އެ ދެ ކުޅުންތެރިންނަށް ވެސް ރެފްރީ ރަތްކާޑު ދެއްކި އެވެ.

ބެލިންހަމްގެ ކާޑު އެޕީލްކުރުމުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ވަސްކުއޭޒް ސަސްޕެންޑްކުރީ ދެ މެޗަށެވެ.

ރުޑިގާ އަށް ލީގުގެ ބާކީ ފަސް މެޗާއި، އަންނަ ސީޒަންގެ ލީގުގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ އެވެ.

ރުޑިގާ ވަނީ މެޗުގައި ހިނގާދިޔަ ކަންކަމަށް މާފަށް ވެސް އެދިފަ އެވެ. އަދި އިއްޔެ އޭނާ ވަނީ ކަކުލުގެ ސާޖަރީއެއް ވެސް ކޮށްފަ އެވެ. މިއާ ގުޅިގެން 6-8 ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސާޖަރީއާ ގުޅިގެން މި ސީޒަންގެ ބާކީ ބައިގައި ރުޑިގާ އަށް ނުކުޅެވޭ އިރު، ޖަރުމަނާ އެކު ޖޫން މަހު އޮންނަ ނޭޝަންސް ލީގުގެ ފައިނަލްސް ވެސް އޭނާއަށް ކުޅެވޭނެ ކަމާމެދު ޔަގީނެއް ނޫނެވެ.

ރެއާލަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައި ވާއިރު އިތުރު ދެ ޑިފެންޑަރުން ކަމަށްވާ ފާލަންޑް މެންޑީ އާއި ޑޭވިލް އަލަބާ އަށް ވެސް ވަނީ އަނިއާއާ ގުޅިގެން ސީޒަން ނިމިފަ އެވެ.