Roadha Mihaaru
ބޭލް އެނބުރި ޕްރިމިއާ ލީގަށް؟

ބޭލް އެނބުރި ޕްރިމިއާ ލީގަށް؟

19 މެއި 2019

މެޑްރިޑް (މެއި 19) - އަންނަ ސީޒަނުގައި ވޭލްސްގެ ތަރި ގަރެތު ބޭލް އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 19) - އަންނަ ސީޒަނުގައި ވޭލްސްގެ ތަރި ގަރެތު ބޭލް އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު 91 މިލިއަން ޔޫރޯ އަށް ގަތް ބޭލް އަށް މިދިޔަ ދެ ސީޒަނަކީ އެންމެ ކާމިޔާބު ދެ އަހަރެއް ނޫނެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނުއިރު، މުހިއްމު ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިން ވެސް ފުރުސަތެއް ނުލިބެ އެވެ.

މި ސީޒަނުގައި ރެއާލަށް ތިން ކޯޗުން އިރުޝާދުދިން އިރު ވެސް ބޭލް އަށް ފުރަތަމަ އެގާރަ ގަވާއިދުން ޔަގީނެއް ނުވެ އެވެ. ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަންނަ ސީޒަނުގައި ވެސް ބޭލް އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޭލް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސްޕެނިޝް ލީގުގެ ފަހު މެޗުގައި މިއަދު ރެއާލް ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ. މިއީ ބޭލްގެ ފަހު މެޗަށް ވެދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒިދާން ދިނީ ނުސީދާ ޖަވާބެކެވެ.

"އަހަންނަށް ނޭނގޭ. އަހަންނަށް އެހެނެއް ނުއެއް ބުނެވޭނެ. ޔަގީނުން ވެސް އަންނަ ސީޒަނުގައި ޓީމަށް ގިނަ ބަދަލުތަކެއް އަންނާނެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން ޓީމު ދޫކޮށްލާނެ. އެ ކުޅުންތެރިންނަށް މިއީ ރެއާލްގައި ކުޅޭނެ ފަހު މެޗު،" ޒިދާން ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ބޭލް ހޯދަން އިނގިރޭސި ދެ ކްލަބަކުން ބިޑްކުރާނެ އެވެ. އެއީ އޭނާ ކުރިން ކުޅުނު ޓޮޓެންހަމާއި މެންޗެސްޓާ ޔުނައިޓެޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން ވެސް ބޭލް ހޯދަން ޔުނައިޓެޑުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ރެއާލުން ވަނީ އަންނަ ސީޒަނަށް މިހާތަނަށް ދެ ކުޅުންތެރިއަކާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެއީ ޕޯޓޯގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ އާއި އެއިންޓްރަކްޓް ފްރޭންކްފާޓްގެ ލޫކަ ޖޯވިޗް އެވެ. އަދި ޗެލްސީގެ ތަރި އެޑެން ހަޒާޑް ވެސް ޔޫރޮޕާ ލީގު ފައިނަލަށް ފަހު ރެއާލަށް ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޒިދާން ބުނީ ރެއާލުން ކޮންމެ ކުޅުންތެރިޔަކާ މެދު ވެސް ގޮތެއް ނިންމާނީ އޭނާގެ ލަފާ ހޯދުމަށް ފަހު ކަމަށެވެ.

"ކޮންމެ ނިންމުމެއް ވާނީ އަހަރެންގެ ނިންމުމަކަށް. އެއީ ސާފު ފެންފޮދެއްހާ ޔަގީންކަމެއް. އަހަންނަށް ޓްރާންސްފާ ކަންތަކުގެ ބާރު ނެތިއްޔާ ޓީމުގައި ނުހުންނާނަން،" ޒިދާން ބުންޏެވެ.