Roadha Mihaaru
"ރެއާލުން ބޭލް އަށް އިހުތިރާމެއް ނުކުރޭ"

ރެއާލުން ބޭލް އަށް އިހުތިރާމެއް ނުކުރޭ: ބޭލްގެ އޭޖެންޓް

23 ސެޕްޓެމްބަރ 2020

ލަންޑަން (ސެޕްޓެމްބަރު 23) - ރެއާލް މެޑްރިޑުން އެ ޓީމަށް ކުޅުނު ގެރެތު ބޭލް އަށް އެކަށީގެންވާ ވަރުގެ އިހުތިރާމެއް ނުލިބުނު ކަމަށް ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ބުނެފި އެވެ.

ލަންޑަން (ސެޕްޓެމްބަރު 23) - ރެއާލް މެޑްރިޑުން އެ ޓީމަށް ކުޅުނު ގެރެތު ބޭލް އަށް އެކަށީގެންވާ ވަރުގެ އިހުތިރާމެއް ނުލިބުނު ކަމަށް ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ބުނެފި އެވެ.

ހަތް އަހަރު ރެއާލްގައި ހޭދަކުރުމަށް ފަހު ބޭލް ވަނީ ދާދި ފަހުން އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމަށް ބަދަލުވެފަ އެވެ. ރެއާލާ އެކު ބޭލްގެ އެއްބަސްވުން 2022 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ނަމަވެސް ދާދި ފަހުން ބޭލްގެ އޭޖެންޓް ބާނެޓް ވަނީ ޓޮޓެންހަމްގެ ލޯން އެއްބަސްވުން ދާއިމީކުރުމުގެ ވިސްނުމެއް ބޭލް ގެންގުޅޭ ކަމަށް ބުނެފަ އެވެ.

ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވުމަށް ފަހު ބޭލް ވަނީ އެ ޓީމާ އެކު ހަތަރު ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްފަ އެވެ. ރެއާލުގައި ބޭލް އަށް ސަޕޯޓަރުންގެ ފަރާތުން ނުރުހުން އަމާޒުވިއިރު، ރެއާލްގެ ކޯޗު ޒިނެދިން ޒިދާނާއި ބޭލްއާ ދެމެދު ވެސް ގުޅުން ރަނގަޅެއް ނޫނެވެ.

"ރެއާލް ކަހަލަ ބޮޑު ކްލަބަކަށް ބޭލް ހޯދައިދިން ކާމިޔާބީއާ ބަލައި އޭނާއާ މެދު އެ ކްލަބުން ކަންތައް ކުރީ އެންމެ ރަނގަޅަކަށެއް ނޫން. އަހަރެން ނަޒަރުގައި ކަންތައް ހިނގާފައި ހުރީ ވަރަށް ގޯސްކޮށް. ވަކި ކަންކަމަށް އިނގިލި ދިއްކުރުން ރަނގަޅެއް ނުވާނެ. ޔަގީނުން ވެސް ބޭލް ފަދަ ރެއާލަށް ބޮޑު ރޯލެއް ކުޅުނު ކުޅުންތެރިއަކަށް އިހުތިރާމެއް ނެތް ލިބިފައި. އެއީ މެނޭޖްމަންޓުން ވެސް އަދި ސަޕޯޓަރުން ވެސް،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބާނެޓް ބުންޏެވެ.

ވޭލްސް މެޗެއްގެ ތެރެއިން ބޭލް ގެންގުޅުނު ދިދަ: މި ދިދައިގެ މައްސަލައިގައި ރެއާލް ސަޕޯޓަރުންގެ ފާޑުކިޔުން ބޭލް އަށް އަމާޒުވި.--

ވޭލްސް މެޗެއްގެ ތެރެއިން ބޭލް ގެންގުޅުނު ދިދަ: މި ދިދައިގެ މައްސަލައިގައި ރެއާލް ސަޕޯޓަރުންގެ ފާޑުކިޔުން ބޭލް އަށް އަމާޒުވި.--

ރެއާލްގައި ބޭލް އާއި ސަޕޯޓަރުންނާ ދެމެދު އެންމެ މައްސަލަ ގޯސްވީ އޭނާ ވޭލްސް އަށް ކުޅުނު މެޗެއްގައި ނެގި ދިދައެއްގެ ސަބަބުންނެވެ. ބޭލް ހިފައިގެން ހުރި އެ ދިދައިގައި ޖަހާފައިވަނީ "ވޭލްސް. ގޮލްފް، މެޑްރިޑް. އިން ދެޓް އޯޑާ" މިހެންނެވެ. އެ ދިދައާ ބެހޭގޮތުން ސްޕެއިންގެ ނޫސްތަކުން ބޭލް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ރެއާލްގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޕެޔާ މިޔަޓޯވިޗް އޭރު ބުނީ ދިދަ އިން ދޭހަވަނީ ބޭލްގެ ޝައުގުވެރިކަން ހުރި ގޮތް ކަމަށެވެ. އެގޮތުން ބޭލް ފުރަތަމަ ބޭނުންވަނީ ވޭލްސް ކަމަށާއި އެ އަށް ފަހު ގޮލްފް ކުޅުން ކަމަށްވާއިރު، މެޑްރިޑް އަންނަނީ އެއަށް ވުރެ ފަހުން ކަން އޭގެން ސިފަވާ ކަމަށް އޭނާ ބުންޏެވެ.

ގޮލްފް ކުޅެން ހާއްސަ ޝައުގުވެރިކަމެއް ހުންނަ ބޭލްއާ ދިމާކޮށްލުމަށް ދިދަ މައްސަލައިގައި ރެއާލްގެ ބައެއް ސަޕޯޓަރުން ގޮލްފްގެ ވާހަކަތައް ހިމެނޭގޮތަށް ވަނީ ބައެއް މެޗުތަކުގެ ތެރެއިން ދަނޑުގައި އަޑުއުފުލައިފަ އެވެ.

"ސަޕޯޓަރުން އެކި ފަހަރު މަތިން ބޭލްއާ ދިމާކޮށްލި އޭގެން ކޮންމެ ފަހަރަކު އޭނަ އަށް ވަރަށް އަސަރުކުރި. ހަގީގަތަކީ ސަޕޯޓަރުންގެ ފަރާތުން ވެސް ބޭލް އަށް އިހުތިރާމެއް ނުލިބުނު،" ބާނެޓް ބުންޏެވެ.

އުމުރުން 31 އަހަރުގެ ބޭލް މި ވަގުތު ހުރީ އަނިޔާގަ އެވެ. ބޭލް އެނބުރި އައިސް ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަންނަ މަހު 17 ވަނަ ދުވަހު ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. އެކަމަކު ދާދި ފަހުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އަންނަ މަހު ތިން ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ މެޗަށް ބޭލް ފިޓްވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.