Roadha Mihaaru
މޮރީނިއޯ ބޭނުންވާތީ ޓޮޓެންހަމުން ރާމޮސް އަށް ފާރަލަނީ

މޮރީނިއޯ ބޭނުންވާތީ ޓޮޓެންހަމުން ރާމޮސް އަށް ފާރަލަނީ: ރިޕޯޓް

23 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 23) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބޭނުންވާތީ އެ ޓީމުން ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް ގެންނަން މަސައްކަތްކޮށްފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (ނޮވެމްބަރު 23) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބޭނުންވާތީ އެ ޓީމުން ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް ގެންނަން މަސައްކަތްކޮށްފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ރާމޮސް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާ އެއްބަސްވުމެއްގެ މަޝްވަރާތައް ރެއާލާ އެކު ރާމޮސް ކުރިއަށް ގެންދިޔަ ނަމަވެސް އެހެން ކްލަބްތަކާ ވެސް އޭނާގެ އޭޖެންޓް މަޝްވަރާކުރާކަމަށްވެ އެވެ. ރާމޮސް ގެންދަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ އެއް ޓީމަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ވަނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީއާ އެކު ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި ރާމޮސް ގެންނަން ފުރުސަތެއް އޮތްނަމަ އެކަމަށް މަސައްކަތްކުރަން އެދިފަ އެވެ. އެކަމަކު ޓޮޓެންހަމުން ރާމޮސް ގެންނަން ބަލާއިރު އެ ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ ރާމޮސް އަށް ދޭން ޖެހޭ މުސާރަ ބޮޑުވުމެވެ. ރާމޮސް މި ވަގުތު ރެއާލްގައި ހުރީ އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ޓޮޓެންހަމްގައި މި ވަގުތު އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ ކޭން އެވެ. އޭނާ އަށް ވެސް އަހަރަކު ލިބެނީ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު އެވެ.

ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮރީނިއޯ ވަނީ ރެއާލްގައި އޭނާއާ އެކު މަސައްކަތްކުރި އިތުރު ކުޅުންތެރިއަކު ޓޮޓެންހަމުން ފެނުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތެއް އޮތް ކަމަށް ބުނެފަ އެވެ. އެއީ ރާމޮސް ތޯ ނޫސްވެރިއަކު ސުވާލުކުރުމުން މޮރީނިއޯ ބުނީ ވަކިވަކި ކުޅުންތެރިންގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މޮރީނިއޯ ޓޮޓެންހަމާ ހަވާލުވިތާ އަހަރެއްވެފައިވާއިރު މި ސީޒަނުގައި އެ ޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ޓޮޓެންހަމް ދޫކޮށް މިދިޔަ ޖެނުއަރީ މަހު އިންޓަ މިލާނާ ގުޅުނު ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވަނީ އެ ޓީމު ދޫކޮށްލަން ބޭނުންވާކަން ކްލަބްގެ މެނޭޖްމަންޓަށް އަންގައިފަ އެވެ. އިންޓަ އިން ބޭނުންވަނީ ޕްރިމިއާ ލީގުގެ ޓީމެއްގެ ކުޅުންތެރިއަކާ އެރިކްސަން ބަދަލުކުރެވޭނެ ފުރުސަތެއް އޮތްނަމަ އެ ގޮތަށް ކުރިއަށްދާށެވެ. އެ ގޮތުން އިންޓަ އިން ބޭނުންވަނީ އާސެނަލްގެ ގްރޭނިޓް ޝާކާ ނޫނީ މެންޗެސްޓާ ޔުނައިޓެޑްގެ ފްރެޑްއާ އެރިކްސަން ބަދަލުކުރާށެވެ.