Roadha Mihaaru
ލަދުވެތި ނަތީޖާއާ ހެދި މޮރީނިއޯ މާޔޫސްވެފައި

ލަދުވެތި ނަތީޖާއާ ހެދި މޮރީނިއޯ މާޔޫސްވެފައި

19 މާޗް 2021

ޒަގްރެބް (މާޗް 19) - ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ދެ ވަނަ ލެގުގައި ލަދުވެތި ގޮަތަކަށް ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން ކެޓުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ މާޔޫސްވެއްޖެ އެވެ.

ޒަގްރެބް (މާޗް 19) - ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ދެ ވަނަ ލެގުގައި ލަދުވެތި ގޮަތަކަށް ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން ކެޓުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ މާޔޫސްވެއްޖެ އެވެ.

ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 އިން މޮޅުވެފަ އެވެ. ރޭ ޒަގްރެބް ދަނޑުގައި ކުޅުނު މެޗުން މިސްލާވް އޯރްސިޗްގެ ހެޓްރިކާ އެކު އެ ޓީމު ވަނީ 3-0 އިން މޮޅުވެ ޓޮޓެންހަމް ކަޓުވާލައިފަ އެވެ. އޯރްސިޗް ފުރަތަމަ ދެ ގޯލު ޖެހީ ދެ ވަނަ ހާފްގަ އެވެ. އަދި ހެޓްރިކް ފުރިހަމަކޮށް ޒަގްރެބް ކުއާޓާ އަށް ގެންގޮސްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގަ އެވެ.

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ދަނޑުމަތިން ފެނުނީ އެއް ޓީމެއް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްގެން މޮޅުވި މަންޒަރާއި އަނެއް ޓީމު (ޓޮޓެންހަމް) ދިރިއުޅުމުގެ އެންމެ މުހިއްމު ކަންތައްތަކުން ފެއިލްވެގެންދިޔަތަން ކަމަށެވެ.

"އެ މީހުން (ޑިނަމޯ ޒަގްރެބް) ހަކަތަ އާއި ދަލާއި ލޭ އޮހޮރުވައިގެން ހުރިހާ އެއްޗެއް ދޫކޮށްލައިގެން ކުޅުނީ މޮޅުވާން. އެންމެ ފަހުން ދަނޑު މައްޗަށް އެ މީހުން އޮހޮރީ އުފަލުގެ ކަރުނަ. އެ މީހުންނަށް ހުރިހާ އެންމެންގެ ތައުރީފު ހައްގު،" މާޔޫސްވެފައި ހުރެ މޮރީނިއޯ ބުންޏެވެ.

"އަނެއް ކޮޅުގައި އޮތް އަހަރެންގެ ޓީމު. ތަކުރާރުކޮށް ބުނަން އަހަރެންގެ ޓީމު (ޓޮޓެންހަމް)ގެ ފަރާތުން ފެނުނީ މާ މުހިއްމު ކަމެއް ދީގެން މި މެޗު ކުޅެން ބޭނުންނުވާކަން. އަހަރެން ހިތާމަކުރަނީ އެ މީހުން (ޓޮޓެންހަމް ކުޅުންތެރިން) ގެ ފަރާތުން އެ ފެނުނު ދަށް އެޓިޓިއުޑާ ހެދި. ފުޓްބޯޅައިގެ ވެސް އަދި ދިރިއުޅުމުގައި ވެސް މުހިއްމު ކަމަކީ ރަނގަޅު އެޓިޓިއުޑެއްގައި ހުރުން. އޭގެ އެއް ކަމަކީ އަމިއްލަ ވަޒީފާ އަށް ވެސް އިހުތިރާމް ކުރުން. އެކަން ވެސް ޓޮޓެންހަމް ކިބައިން ނުފެނުނު،"

މޮރީނިއޯ ބުނީ މި ވަގުތު އޭނާ އަށް ކުރެވޭނެ ކަމަކީ ޓޮޓެންހަމް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދުން ކަމަށެވެ. މި މެޗަކީ ދިރިހުރުމާއި މަރު ގުޅިފައި އޮތް މެޗެއް ކަމަށާއި މެޗަށް ފަހު ކުރެވޭ އިހުސާސަކީ މެޗުން މަރުވުން ކަމަށް މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމްގެ ކެޕްޓަން ހޫގޯ ލޮރިސް ބުނީ މިއީ ހުރިހާ ގޮތަކުން ބެލިޔަސް ލަދުވެތި ނަތީޖާއެއް ކަމަށާއި ޝަކުވާއެއް ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. މި ނަތީޖާގެ ސަބަބުން ސީޒަންގެ ފަހު ބައިގައި ޓޮޓެންހަމް ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ކުރާނެ އަސަރެއް ބުނަން އަދި އަވަސް ކަމަށާއި އެހެން ނަމަވެސް މި ރިކަވާކުރެވޭނީ ވަރަށް ހިތްވަރާއި ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށްގެން ކަމަށް ލޮރިސް ބުންޏެވެ.