Roadha Mihaaru

ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްފި

މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށް ތަށްޓެއް ނުލިބި ދިޔަ 17 އަހަރުގެ ހުސްކަމަށް ނިމުމެއް ރޭ ގެނެސްފި އެވެ.

ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްފި

މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށް ތަށްޓެއް ނުލިބި ދިޔަ 17 އަހަރުގެ ހުސްކަމަށް ނިމުމެއް ރޭ ގެނެސްފި އެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، ރެލިގޭޝަނުން ޒޯނުން ކިރިޔަކިރިޔާ ސަލާމަތްވެފައިވާ މި ދެ ޓީމަށް ރޭ ސްޕެއިނުގެ ބިލްބާއޯގައި ކުޅުނު ފައިނަލް މެޗުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ވައްދާލީ ސްޕާސްގެ ވޭލްސް ފޯވާޑް ބްރެނަން ޖޯންސަން އެވެ. އަރިމަތިން ޕަޕޭ ސާރް ހުރަސްކުރި ބޯޅަ ޖޯންސަންގެ ފައިގައި ލައްވާނުލައި، އޭނާގެ ފަހަތުގައި ހުރި ޔުނައިޓެޑް ޑިފެންޑަރު ލޫކް ޝޯގެ ގައިގައި ޖެހި މިސްރާބު އޮޅިގެން ގޯލާ ދިމާލަށް ދިޔައީ އެވެ. އެ ވަގުތު ޖޯންސަން މަޑުމަޑުން ބޯޅައިގައި ޖައްސާލައި، ގޯލުގެ އެތެރެއަށް ކޮއްޕާލީ އެވެ.

މި ގޯލަށް ފަހު ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ އެޓޭކް އުފައްދަން މަސައްކަތްކުރިއިރު، ޓޮޓެންހަމުން ދިޔައީ ޑިފެންސަށް އިސްކަންދީގެން ކުޅެމުންނެވެ. ޔުނައިޓެޑުން އެއްވަރުކުރުމާ ވެސް ދާދި ގާތަށް އެއް ފަހަރު ދިޔަ އެވެ. ޓޮޓެންހަމްގެ ގޯލްކީޕަރަށް ގުގްލިއެލްމޯ ވިކާރިއޯ އަށް ހެދުނު ގޯހަކުން ޔުނައިޓެޑުގެ ފޯވާޑް ރަސްމުލް ހުލެންޑަށް ލިބުނު ބޯޅަ ބޮލުން ގޯލަށް ފޮނުވާލި އެވެ. އެ ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވޭން ޑަ ވީން އެވެ.

މިއީ 2008 ވަނަ އަހަރު އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރި ފަހުން ޓޮޓެންހަމްގެ ފުރަތަމަ ތަށްޓެވެ. އަދި 1984 ވަނަ އަހަރު ޔުރޮޕާ ލީގު ނުވަތަ އޭރުގެ ޔުއެފާ ކަޕް ކާމިޔާބުކުރި ފަހުން އެ ޓީމުން އުފުލާލި ޔޫރަޕުގެ ފުރަތަމަ ތަށްޓެވެ.

ޓޮޓެންހަމް އިން މިދިޔަ އަހަރުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދިޔަ އެވެ. އަދި ޕްރިމިއާ ލީގަށް ވެސް ވާދަކުރި އެވެ. އެކަމަކު ތަށްޓެއް މި ލިބުނީ ފަހަކަށް އައިސް އެންމެ ޖުމްލަކޮށް އެންމެ ދަށް ސީޒަނުގަ އެވެ.

މި މުބާރާތް ކާމިޔާބުކުރި ނަމަވެސް ކޯޗު އޮސްޓްރޭލިއާގެ އެންޖީ ޕޯސްޓްކޮގްލޫ އަށް ވަޒީފާގައި ދެމި ހުރެވޭނެކަމެއް ޔަގީނެއް ނޫނެވެ. ޕޯސްޓްކޮގްލޫ ވަނީ އޭނާ އަކީ ކާމިޔާބާ އެހާ ރައްޓެހި ކޯޗެއް ނޫނަސް، އަބަދުވެސް ދެ ވަނަ ސީޒަނުގައި ކާމިޔާބު ލިބޭ ކަމަށް ބުނި ބުނުން ރޭ ތަކުރާރުކޮށްފަ އެވެ. މި ކާމިޔާބާ އެކު ލިބުނު އަނެއް ހިތްހަމަޖެހުމަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބުމެވެ.

ރޭ ޓޮޓެންހަމްގެ ތަށި އުފުލާލަދިނީ 2015 އިން ފެށިގެން އެ ޓީމަށް ވަފާތެރި ދެކުނު ކޮރެއާ ފޯވާޑް ސޮން ހެއުން-މިން އެވެ. އެހެން ކްލަބްތަކުން އޮފާ ލިބުނު ނަމަވެސް ޓޮޓެންހަމްގައި މަޑުކުރި ކެޕްޓަން ސޮން އަށް މިއީ އެ ޓީމާ އެކު ހޯދުނު ފުރަތަމަ ތަށްޓެވެ.