Roadha Mihaaru

ޗެލްސީ އާއި ޔުނައިޓެޑް ވެސް ސަރަހައްދީ ފައިނަލަކާ ގާތަށް

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނަޓެޑާއި ޗެލްސީ ވެސް ސެމީ ފައިނަލްގައި އަވޭ ލެގު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށް ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަކާ ގާތަށް ޖެހިލައިފި އެވެ.

ޗެލްސީ އާއި ޔުނައިޓެޑް ވެސް ފައިނަލަކާ ގާތަށް

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނަޓެޑާއި ޗެލްސީ ވެސް ސެމީ ފައިނަލްގައި އަވޭ ލެގު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށް ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަކާ ގާތަށް ޖެހިލައިފި އެވެ.

ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގައި ރޭ ޔުނައިޓެޑް ވަނީ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި 3-0 އިން އެތުލެޓިކް ބިލްބާއޯ ބަލި ކޮށްފަ އެވެ. ޗެލްސީ ވަނީ ތިން ވަނަ ފަންތީގެ ކޮންފަރެންސް ލީގުގެ ސެމީގެ ފުރަތަމަ ލެގުގައި 4-1 އިން ސްވިޑެންގެ ޖާގާޑަން ބަލިކޮށްފަ އެވެ.

ޗެލްސީ ވަނީ ފުރަތަމަ ހާފުގައި ޖޭޑަން ސަންޗޯ އާއި ނޮނީ މަޑުއެކޭގެ ގޯލުތަކުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނަ ހާފުގައި ނިކޮލަސް ޖެކްސަން ދެ ގޯލު ޖަހާފައި ވަނިކޮށް ސްވިޑެން ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އީސާކް އަލިމަޔޭހޫ އެވެ.

ކޮންފަރެންސް ލީގު ސެމީގައި ދެން ވާދަކުރީ ސްޕެއިންގެ ރެއާލް ބެޓިސް އާއި އިޓަލީގެ ފިއޮރެންޓީނާ އެވެ. ބެޓިސް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު 2-1 އިން ކާމިޔާބު ކޮށްފަ އެވެ. އަބްދޭ އެޒަލްޒޫއީ އާއި އެންޓޮނީ ބެޓިސްގެ ލަނޑުތައް ޖަހައިދިން އިރު، ފިއޮރެންޓީނާގެ ލަނޑު ޖަހައިދިނީ ލޫކާ ރަނިއޭރީ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ބިލްބާއޯ ކޮޅަށް ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ފުރަތަމަ ލަނޑު ޖަހައިދިނީ ކަސެމީރޯ އެވެ. އަދި ފަހު ދެ ލަނޑު ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.

ޔުނައިޓެޑްގެ ދެ ވަނަ ލަނޑު 37 ވަނަ މިނިޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ބިލްބާއޯގެ ޑިފެންޑަރު ޑެނީ ވިވިއަން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. މިއާ ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑެއް ވެސް ދެއްކި އެވެ.

ޗެލްސީ އާއި ޔުނައިޓެޑްގެ އިތުރުން އިންގްލެންޑްގެ ޓޮޓްނަމް ހޮޓްސްޕާ ވެސް ވަނީ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކާމިޔާބު ކޮށްފަ އެވެ. ނޯވޭގެ ބޯޑޯ/ގްލިމްޓް އަތުން ޓޮޓްނަމް މޮޅުވީ 3-1 އިންނެވެ. ޓޮޓްނަމްގެ ލަނޑުތައް ޖަހައިދިނީ ބްރޭނަން ޖޯންސަން އާއި ޖޭމްސް މެޑިސަން އަދި ޑޮމިނިކް ސޮލަންކޭ އެވެ. ބޯޑޯ/ގްލިމްޓްގެ ހަމައެކަނި ލަނޑު ފަހު ވަގުތު ޖަހައިދިނީ އުލްރިކް ސަލްޓްނޭސް އެވެ.

އިނގިރޭސި ލީގުގެ ގަދަ ފަސް ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.

ޔޫރަޕްގެ ސެމީ ފައިނަލް ކުޅޭ އިންގްލެންޑްގެ ތިން ޓީމުގެ ތެރެއިން ޗެލްސީ އޮތީ ތާވަލްގެ ފަސް ވަނައިގަ އެވެ. ހަ ވަނައިގައި އޮތް ނޮޓްނަމް ފޮރެސްޓަށް ވެސް ވަނީ ޗެލްސީއާ އެއްވަރަށް 60 ޕޮއިންޓް ލިބިފަ އެވެ. ފޮރެސްޓް ވަނީ ރޭ 2-0 އިން ބްރެންޓްފޯޑް އަތުން ބަލިވެފަ އެވެ.

ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓްނަމް އަށް ވެސް އަންނަ ސީޒަނުގައި ސަރަހައްދީ ފުޓްބޯޅަ ކުޅެވޭނީ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެންނެވެ. ޔޫރޮޕާ ލީގު ނަގައިގެން ކޮންމެ ޓީމަކަށް ވެސް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެ އެވެ.

ކޮންމެ ޓީމަކަށް ވެސް ބާކީ ހަތަރު މެޗު އޮއްވައި، ޔުނައިޓެޑް އޮތީ 39 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. އަދި ޓޮޓްނަމް އޮތީ 37 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.