Roadha Mihaaru
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ

ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ

09 ޖެނުއަރީ 2024

އިނގިރޭސި އެފްއޭ ކަޕްގައި ވިގަލް އެތުލެޓިކާ ވާދަކޮށް 2-0 އިން މޮޅުވެގެން މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ވިގަލް އެތުލެޓިކާ ވާދަކޮށް 2-0 އިން މޮޅުވެގެން މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް ފުރަތަމަ ހާފުގައި ލީޑު ނެގީ ޑިއޯގޯ ޑަލޮޓް ޖަހައިދިން ގޯލުންނެވެ. ދެވަނަ ގޯލު މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެވެ.

އިނގިރޭސި ތިންވަނަ ޑިވިޝަންގެ ވިގަންއާ ދެކޮޅަށ ްކުޅުނު މި މެޗުގައި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ވަނީ އެންމެ ކުޅުންތެރިއެއް ފިޔަވައި ގަވާއިދުން ލީގުގައި ކުޅޭ ސީނިއާ ކުޅުންތެރިން މެޗުގައި ސްޓާޓް ކުރުވައިފަ އެވެ.

ޔުނައިޓެޑްގެ މެޗަށް ފަހު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ގުރު ވަނީ ނަގައިފަ އެވެ. ތިންވަނަ ބުރުގައި ކުޅެން ތާވަލް ކުރި މެޗުތައް ނިމުނު ނަމަވެސް، މި ބުރުގައި އެއްވަރުވެގެން ނިމުނު މެޗުތަކުގެ ރީޕްލޭ މެޗުތައް އަންނަ ހަފްތާ ކުޅޭނެ އެވެ. އެއަށް ފަހު ހަތަރުވަނަ ބުރުގެ މެޗުތައް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ޔުނައިޓެޑް، ހަތަރުވަނަ ބުރުގައި ކުޅޭނީ ހަތަރުވަނަ ޑިވިޝަންގެ ނިއުޕޯޓް ކައުންޓީ ނުވަތަ ފަސްވަނަ ޑިވިޝަންގެ އީސްޓްލެއި އާ ދެކޮޅަށެވެ.

ހަތަރުވަނަ ބުރުގައި އެންމެ ފޯރި ގަދަ ވާނެ ކަމަށް ބެލެވެނީ ޓޮޓެންހަމް ހޮޓްސްޕާ އާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗެވެ.

ހަތަރުވަނަ ބުރުގެ އެހެން މެޗުތަކަށް ބަލައިލާއިރު، މި އަހަރުގެ ކަޕް މުބާރާތެއް ކާމިޔާބު ކޮށްގެން އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުމުގެ އުންމީދުގައި ކުޅޭ ޗެލްސީ ނުކުންނާނީ ލީގުގައި ސިޓީއާ އެންމެ ގާތުން ވާދަކުރާ އެސްޓަން ވިލާއާ ދެކޮޅަށެވެ.

ލިވަޕޫލް ނުކުންނާނީ ޗެމްޕިއަންޝިޕްގެ ނޯރިޗް ސިޓީ ނުވަތަ ތިންވަނަ ޑިވިޝަންގެ ބްރިސްޓަލް ރޯވާސްއާ ދެކޮޅަށެވެ. ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ބްރައިޓަން ނުކުންނައިރު، ނިއުކާސަލް ޔުނައިތެޑް ކުޅޭނީ ފުލަމްއާ ދެކޮޅަށެވެ.

ކްރިސްޓަލް ޕެލަސް އާއި އެވަޓަންގެ ރީޕްލޭ އިން މޮޅުވާ ޓީމެއް ހަތަރުވަނަ ބުރުގައި ވާދަކުރާނީ ލޫޓަން ޓައުން އާއި ބޯލްޓަން ވޮންޑަރާސްގެ ރީޕްލޭ މެޗުން މޮޅުވާ ޓީމަކާ އެވެ.