Roadha Mihaaru
ނޮޓިންހަމް އަތުން ބަލިވެ، ޗެމްޕިއަން ލެސްޓާ ކަޓައިފި

އެފްއޭ ކަޕް: ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެ، ޗެމްޕިއަން ލެސްޓާ ކަޓައިފި

07 ފެބުރުއަރީ 2022

ނޮޓިންހަމްޝަޔާ (ފެބްރުއަރީ 7) - އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ޗެމްޕިއަންޝިޕް ކުލަބް ނޮޓިންހަމް ފޮރެސްޓް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޮޓިންހަމްޝަޔާ (ފެބްރުއަރީ 7) - އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ޗެމްޕިއަންޝިޕް ކުލަބް ނޮޓިންހަމް ފޮރެސްޓް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ލެސްޓާއިން މެޗަށް ނުކުތީ އާއްމުކޮށް ލީގުގައި އެ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނާ އެކު އެވެ. ނަމަވެސް އެއް ނަމްބަރު ކީޕަރު ކެސްޕާ ޝްމައިކަލްގެ ބަދަލުގައި ރޭގެ މެޗު ފެށީ ރިޒާވް ކީޕަރު، ކުރިން ލިވަޕޫލަށް ކުޅުނު ވޭލްސްގެ ޑެނީ ވާޑްއާ އެކު އެވެ.

ލެސްޓާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ކެލެޗީ އިހެނާޗޯ އެވެ. އޭގެ ކުރިން ނޮޓިންހަމް ފޮރެސްޓް އޮތީ ތިން ލަނޑު ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 23 ވަނަ މިނިޓުގައި ޖަހައިދިނީ ލޯނު އުސޫލުން އެ ޓީމަށް ކުޅޭ، ވަޓްފޯޑުގެ ޑެންމާކް ފޯވާޑް ފިލިޕް ޒިންކާނަގޭލް އެވެ. އެޔަށް ފަހު މިނިޓެއް ނުވެ އުޅެނިކޮށް ދެވަނަ ލަނޑު ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ބްރޭނަން ޖޯންސަން އެވެ. އަދި ތިންވަނަ ލަނޑު 27 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު ޖޯ ވޮރާލް އެވެ.

ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނޮޓިންހަމް ފޮރެސްޓުު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނޮޓިންހަމް ފޮރެސްޓުު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ލެސްޓާ ކޮޅަށް ތިންވަނަ ލަނޑު ޖެހުމަށް ފަހު ނޮޓިންހަމްގެ ކުޅުންތެރިން އުފާފާޅުކުރި ވަގުތު، ލެސްޓާގެ ސަޕޯޓަރެއް ވަނީ ދަނޑަށް އަރައި ނޮޓިންހަމްގެ ކުޅުންތެރިންނަށް ހަމަލާ ދޭން މަސައްކަތް ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރިއިރު، ލެސްޓާ ސިޓީން ވަނީ އޭނާ އުމުރު ދުވަހަށް ދަނޑަށް ވަނުން މަނާކޮށްފަ އެވެ.

ނޮޓިންހަމް ފޮރެސްޓުގެ ހަތަރުވަނަ ލަނޑު 61 ވަނަ މިނިޓުގައި ޖެހީ ލޯނު އުސޫލުން އެޓީމަށް ކުޅޭ މިޑްލްސްބަރާގެ ފުލްބެކް ޖޭޑް ސްޕެންސް އެވެ.

މިދިޔަ ސީޒަނުގައި ކިރިޔާ ރެލިގޭޝަނުން ސަލާމަތްވެ، މި ސީޒަނުގައި ޗެމްޕިއަންޝިޕް ޕްލޭއޮފުން ޖާގައެއް ހޯދުމުގެ ރޭހުގައި އޮތް ނޮޓިންހަމް ފޮރެސްޓަކީ ޕްރިމިއާ ލީގުގެ ފައުންޑިން މެމްބަރު ކުލަބެކެވެ. ޕްރިމިއާ ލީގު ފުރަތަމަ ސީޒަނުގައި ރެލިގޭޓްވި ނަމަވެސް އޭގެ ފަހުން ދެ ފަހަރު މަތިން ހަތަރު ސީޒަން ޕްރިމިއާ ލީގުގައި ކުޅުނުއިރު، އެންމެ ފަހުން ޕްރިމިއާ ލީގު ކުޅުނީ 1999/98 ސީޒަނުގަ އެވެ.

އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ނޮޓިންހަމް ފޮރެސްޓަކީ، މިހާތަނަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިނގިރޭސިވިލާތުގެ ފަސް ކުލަބުގެ ތެރެއިން ކުލަބެކެވެ. އެ ޓީމުން ވަނީ ވިދިވިދިގެން، 1979 އަދި 1980 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ.

ނޮޓިންހަމް ފޮރެސްޓުގެ މި ތާރީހީ މޮޅާ އެކު އެ ޓީމު މުބާރާތުގެ ފަސްވަނަ ބުރުގައި ވާދަކުރާނީ ޗެމްޕިއަންޝިޕް ކްލަބް، ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށެވެ. ފޮރެސްޓުން ހަތަރުވަނަ ބުރުގެ ޖާގަ ހޯދީ ޕްރިމިއާ ލީގުގެ އާސެނަލް ބަލިކޮށްފަ އެވެ.

ލިވަޕޫލާ އަލަށް ގުޅުނު ޑިއާޒް، ރޭ އެޓީމުން ކާޑިފް ސިޓީއާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލާ އަލަށް ގުޅުނު ޑިއާޒް، ރޭ އެޓީމުން ކާޑިފް ސިޓީއާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ވެސް ވަނީ އަމިއްލަ ދަނޑުގައި ރޭ ކާޑިފް ސިޓީއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށް، ފަސްވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނި ނިމުނުއިރު، ފަހު ހާފުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ޑިއޯގޯ ޖޮޓާ އާއި ޓަކޫމީ މިނަމީނޯ އަދި ހާވީ އެލިއޮޓް އެވެ. ލިވަޕޫލުން އެންމެ ފަހުން ގެނައި މިޑްފީލްޑަރު ލުއިސް ޑިއާޒް ވަނީ ފަހު ހާފުގައި ކުޅެން ނުކުމެފަ އެވެ.

ޗެމްޕިއަންޝިޕުގައި ކުޅޭ ކާޑިފްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރުބިން ކޮލްވިލް އެވެ. ފަސްވަނަ ބުރުގައި ލިވަޕޫލް ކުޅޭނީ ނޯރިޗް ސިޓީއާ ދެކޮޅަށެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރުން ޖާގަ ހޯދި އެންމެ ދަށް ޑިވިޝަނުގެ ޓީމަކީ، ރަށުން ބޭރުގައި ރޭ ބޯންމައުތު 1-0 އިން ބަލިކުރި ނޮން ލީގު ޓީމެއް ކަމަށްވާ ބޯހަމް ވުޑް ފުޓުބޯޅަ ކުލަބެވެ. އެ ޓީމަކީ އިނގިރޭސިވިލާތުގެ ލީގު ސިސްޓަމުގެ ފަސްވަނަ ޑިވިޝަން، ނޭޝަނަލް ލީގު ކުޅޭ ޓީމެކެވެ. އެޓީމުގެ ހަމައެކަނި ލަނޑު 38 ވަނަ މިނިޓުގައި ޖަހައިދިނީ 37 އަހަރުގެ ޑިފެންޑަރު މާކް ރިކެޓްސް އެވެ. ބޯހަމް ވުޑް، މުބާރާތުގެ ފަސްވަނަ ބުރުގައި ކުޅޭނީ އެވަޓަންއާ ދެކޮޅަށެވެ.

މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދި މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާ އަދި މިދިޔަ އަހަރުގެ ރަނަރަޕް ޗެލްސީ ކުޅެން ހަމަޖެހިފައި ވަނީ ޗެމްޕިއަންޝިޕް ޓީމުތަކާ ދެކޮޅަށެވެ. ޕީޓަބަރޯ ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅޭއިރު، ޗެލްސީ ނުކުންނާނީ ލުޓޯން ޓައުންއާ ދެކޮޅަށެވެ. އަދި ޓޮޓެންހަމް ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މިޑްލްސްބަރާއާ ދެކޮޅަށެވެ.