Roadha Mihaaru
ރާމޯސްގެ ވަކިވުން: 117 އަހަރުވީ ރެކޯޑެއް ނިމުން

ރާމޯސްގެ ވަކިވުމާއި 117 އަހަރުވީ ދިގު ރެކޯޑަކަށް ނިމުން

17 ޖޫން 2021

މެޑްރިޑް (ޖޫން 17) - ސެޕްޓެމްބަރު 2005 ގައި ސާޖިއޯ ރާމޯސް ރެއާލް މެޑްރިޑަށް ސޮއިކުރީ އުމުރުން 19 އަހަރުގަ އެވެ. ހޯމްޓައުން ކްލަބު، ސެވިއްޔާ ދޫކޮށް އޭނާ މެޑްރިޑަށް ސޮއި ކުރީ 27 މިލިއަން ޔޫރޯ އަށެވެ. އެއީ އޭރުގެ ނިސްބަތުން ޒުވާން ޑިފެންޑަރެއްގެ ޓްރާންސްފާއަށް ހޭދަ ކުރި ބޮޑު އަދަދެކެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ޖޫން 17) - ސެޕްޓެމްބަރު 2005 ގައި ސާޖިއޯ ރާމޯސް ރެއާލް މެޑްރިޑަށް ސޮއިކުރީ އުމުރުން 19 އަހަރުގަ އެވެ. ހޯމްޓައުން ކްލަބު، ސެވިއްޔާ ދޫކޮށް އޭނާ މެޑްރިޑަށް ސޮއި ކުރީ 27 މިލިއަން ޔޫރޯ އަށެވެ. އެއީ އޭރުގެ ނިސްބަތުން ޒުވާން ޑިފެންޑަރެއްގެ ޓްރާންސްފާއަށް ހޭދަ ކުރި ބޮޑު އަދަދެކެވެ.

ފުރާވަރު އުމުރުގައި މެޑްރިޑްގެ ޓީމާ ގުޅުނު ކުޅުންތެރިޔާ 16 އަހަރަށް ފަހު އެ ޓީމު ދޫކޮށްލަނީ އެ ކްލަބުގެ އެންމެ ކާމިޔާބު ކެޕްޓަންގެ ގޮތުގަ އެވެ. ރާމޯސްގެ ލީޑާޝިޕާއި ޓީމުގައި ދައްކާ ނަމޫނާއާ އެކު އޭނާ ޓީމުގައި ހުރުން އެއީ މުހިންމު ކަމެއްކަމަށް ޓޯނީ ކްރޫޒްމެން ފަދަ ސީނިއާ ކުޅުންތެރިން ދެކެ އެވެ.

ރެއާލްއާ އެކު 22 ތަށި ހޯދި ރާމޯސް ޑިފެންޑަރަކަށް ކުޅުނަސް އެ ކްލަބަށް ގިނަ ލަނޑުތަކެއް ޖަހައިދިނެވެ. އެ ކްލަބަށް 671 މެޗުގައި ކުޅެ 101 ލަނޑު ޖެހި އެވެ. އެއީ ޑިފެންޑަރަކަށް ބަލާއިރު ރެކޯޑެކެވެ. އޭނާ ޖެހި ލަނޑުތަކުގެ ތެރެއިން ރެއާލްގެ ސަޕޯޓަރުންނަށް އެންމެ ހާއްސަ ލަނޑަކަށް ވާނީ، ލިޒްބަންގައި 2014 ވަނަ އަހަރު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި، ވާދަވެރި އެތުލެޓިކޯ މެޑްރިޑް ކޮޅަށް މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުގައި ވައްދާލި ލަނޑެވެ. މެޗުން ރެއާލް ބަލިވާން ދަނިކޮށް ރާމޯސް އެ ލަނޑު ކާމިޔާބުކޮށް މުޅި މެޗު ރެއާލް ކޮޅަށް އަނބުރައިލި އެވެ.

ރާމޯސް އާއި މާސެލޯ. ރާމްސްއަށް ފަހު ކެޕްޓަނަކަށް ވާނީ މާސެލޯ

ރާމޯސް އާއި މާސެލޯ. ރާމްސްއަށް ފަހު ކެޕްޓަނަކަށް ވާނީ މާސެލޯ

ރެއާލްގެ ކެޕްޓަނެއްގެ ގޮތުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ޝަރަފަކީ ޖެހިޖެހިގެން ތިން އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. މި މަހު 30 ގައި ކޮންޓްރެކްޓް ހަމަވާ ކެޕްޓަން ވަނީ ރެއާލްގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައިފަ އެވެ. ރާމޯސް ރެއާލް ދޫކޮށްލަން ނިންމުމުން ތާރީހީ ގޮތުން އެހެން އަދަދުތަކާ ވެސް އެކަން ގުޅިގެން ދެއެވެ.

ރެއާލް މެޑްރިޑްގެ ކެޕްޓަން ބޭންޑް 117 އަހަރަށް ފަހު ސްޕެއިންއިން ބޭރު ކުޅުންތެރިޔެއްގެ އަތަށް ފުރަތަމަ ފަހަރަށް ވާސިލު ވާނެ އެވެ. ރެއާލްގެ ސީނިއާ ވައިސް ކެޕްޓަނަކީ، ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ވިއޭރާ އެވެ. އޭނާއާ ގުޅުވައިގެން ކްލަބު ދޫކޮށްލާ ވާހަކަ ދެއްކަ އެވެ. އޭނާ ކްލަބު ދޫކޮށްލިޔަސް ރެއާލްގެ ކެޕްޓަންގެ ޒިންމާތައް މަތިވާނީ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ އަށެވެ. ރޯމާސް، އާ ކެޕްޓަނެއްގެ ޒިންމާ ހަވާލުވީ އެ ޓީމުގެ ކުރީގެ ގޯލްކީަޕރު އިކާ ކަސިއަސް 2015 ގައި ކްލަބު ދޫކޮށްލުމުންނެވެ.

އެންމެ ފަހުން ރެއާލް މެޑްރިޑްގެ ކެޕްޓަންކަން ކުރި ސްޕެއިން އިން ބޭރު ކުޅުންތެރިޔަކީ 1904 ވަނަ އަހަރު އެ ކްލަބުގެ ކެޕްޓަންކަން ކުރި ފެޑްރީކޯ ރެވުއެލްޓޯ އެވެ. އޭނާއަކީ ގުއަޓެމާލާ އަށް ނިސްބަތްވި ކުޅުންތެރިޔެކެވެ.

މެޑްރިޑުގެ ކެޕްޓަން ބޭންޑް ގެ "ލައިން އޮފް ސަކްސެޝަން" ގައި އެންމެ އިސް ކުޅުންތެރިޔަކީ ކްލަބަށް އެންމެ ގިނަ ދުވަހު ކުޅުނު ކުޅުންތެރިޔާ އެވެ. އެ ހައިރާކީގައި ހުރި ކުޅުންތެރިޔަކީ މިހާތަނަށް 15 އަހަރު ވަންދެން އެ ކްލަބަށް ކުޅެމުން އަންނަ މާސެލޯ އެވެ.

ރެއާލްގެ ކެޕްޓަން ބޭންޑް ދިނުމަށް މި އޮންނަ އުސޫލަށް އެ ޓީމުގެ ކުރީގެ ކޯޗް ހޯޒޭ މޮރީނިއޯ ވަނީ ފާޑު ކިޔައިފަ އެވެ. ނަމަވެސް އެ އުސޫލަކީ ރެއާލްގައި ދަމަހައްޓަމުން އަންނަ ޒަމާންވީ އުސޫލެކެވެ.