Roadha Mihaaru
ވިސްނުން ބަދަލުކޮށް ރާމޯސް ރެއާލުގައި މަޑުކޮށްފި

ވިސްނުން ބަދަލުކޮށް ރާމޯސް ރެއާލުގައި މަޑުކޮށްފި

31 މެއި 2019

މެޑްރިޑް (މެއި 31) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެމެދު ޖެހުނު މައްސަލަތައް ހައްލުކޮށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކްލަބްގައި މަޑުކުރަން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 31) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެމެދު ޖެހުނު މައްސަލަތައް ހައްލުކޮށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކްލަބްގައި މަޑުކުރަން ނިންމައިފި އެވެ.

ރެއާލާ އެކު ރާމޯސް ހަދާފައިވާ އެއްބަސްވުން 2021 ގެ ނިޔަލަށް އޮތް ނަމަވެސް ދާދި ފަހުން އޭނާ ވަނީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން އެދިފަ އެވެ. އެކަމަކު ރެއާލުގެ ރައީސް ޕެރޭޒް ވިދާޅުވީ ޓްރާންސްފާ ފީއަކާ ރާމޯސް އެއްވެސް ޓީމަކަށް ދުލެއްނުކުރާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޕެރޭޒާއި ރާމޯސްއާ ދެމެދު ޖެހުނު މައްސަލަތައް ހައްލުކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން އެވެ. ރާމޯސް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތްކުރަމުން އަންނާތީ ރެއާލުގެ ސަޕޯޓަރުންނަށާއި މީޑިއާތަކަށް ހަގީގަތް ހާމަކުރުމުގެ ގޮތުން އޭނާ ވަނީ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

"އަހަރެންގެ މުސްތަގުބަލާ ގުޅޭ ކަންތައްތައް ސާފުކޮށްދޭން ބޭނުން. އަހަންނަކީ މެޑްރިޑްގެ މީހެއް މި ޓީމުގެ ސަޕޯޓަރެއް. އަހަރެން ރިޓަޔާކުރަން ބޭނުމީ ރެއާލުގައި ހުރެ. މި ޓީމު އަލުން އާރާސްތުކުރަން ކުރެވޭ މަސައްކަތުގެ ހިއްސާއަކަށްވާން އަހަރެން ބޭނުން،" ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޯސް ބުންޏެވެ.

ތަފާތު ތިން ކޯޗުންގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ރެއާލުން ކުޅުނުއިރު، ރެއާލަށް ކާމިޔާބުކުރެވުނު ހަމައެކަނި މުބާރާތަކީ ފީފާ ކްލަބް ވޯލްޑް ކަޕެވެ. ރާމޯސް ބުނީ އެއްވެސް އިރެއްގައި އޭނާ ކްލަބް ދޫކޮށްލާނަަމަ އެކަން ކުރާނީ ޓީމުގެ ހާލަތު ރަނގަޅަށް އޮއްވައި ކަމަށެވެ.

ރެއާލަށް ގޯލެއް ކާމިޔާބު ކޮށްދިނުމަށް ފަހު ރާމޯސް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރެއާލަށް ގޯލެއް ކާމިޔާބު ކޮށްދިނުމަށް ފަހު ރާމޯސް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެން މި ޓީމު ދޫކޮށްދާނީ ކުރިމަތީ ދޮރުން ލާފައި. އެއްވެސް އޮޅުވާލުމެއް ނެތި. މި ޓީމު މޮޅުވެފައި އޮއްވައި،" ރާމޯސް ބުންޏެވެ.

އުމުރުން 33 އަހަރުގެ ރާމޯސްގެ މުސްތަގުބަލާ ބެހޭގޮތުން ޕެރޭޒް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރާމޯސް އެދުނީ ހިލޭ ޓްރާންސްފާއެއްގައި ޗައިނީސް ސުޕަ ލީގަށް ބަދަލުވުމަށް ކަމަށެވެ. އެކަމަކު ރާމޯސް އެކަން ދޮގުކުރެ އެވެ.

"އެއްވެސް އިރެއްގައި އަހަރެން ޗައިނާ އަށް ދާން ނުނިންމަން. އިއްޔެ ހުރިހާ މައްސަލަ އަކަށް ހައްލު ލިބިއްޖެ. ޕެރޭޒް (ރެއާލުގެ ރައީސް)އާ އަހަންނާ ދެމެދު އޮތީ ބައްޕަ އަކާ ދަރިއަކާ ދެމެދު އޮންނަ ފަދަ ގުޅުމެއް. އެ ފަދަ ގުޅުމެއް އޮއްވައި ވާހަކަ ދައްކައިގެން ކޮންމެ ކަމެއް ވެސް ހައްލުކުރެވޭނެ. އަހަރެން މި ޓީމަށް ހިލޭ ވެސް ކުޅެދޭން ތައްޔާރު،" ރާމޯސް ބުންޏެވެ.

އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ ޗެލްސީގެ ތަރި އެޑެން ހަޒާޑް އެވެ. މި ހަފްތާގައި ހަޒާޑް ރެއާލަށް ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ރާމޯސްގެ ނަޒަރުގައި ހަޒާޑަކީ ރެއާލަށް ބޭނުންވާ ފަދަ މޮޅު ކުޅުންތެރިޔެކެވެ.